ށ. މިލަންދޫގައި 50 ހައުސިންގ ޔުނިޓް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލު ކޮށްފައިވަނީ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް އާއިއެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލު ކޮށްފައިވަނި 45.99 މިލިއަން ރުފިޔާއަށެވެ.
މިލަންދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހައުސިންގ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމް އެވެ. އަދި ފްލެކްސިންކްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނަޖާހް ޝަރީފް އެވެ.
ސަރުކާރުގެ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ ކޮންމެ ހައުސިން ޔުނިޓެއްގައި ވެސް 1000 އަކަފޫޓު ހުންނާނެއެވެ. އަދި ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި އާއި 3 ފާޚާނާއާއި ސިޓިންގ ރޫމް އާއި ބަދިގެއާއި ކާގެ އާއި ލޯންޑަރީ އަދި ސްޓޯރޫމްވެސް ހުންނާނެއެވެ.
މީގެ އިތުރުން އެ ސަރަހައްދަކީ ދިރިއުޅެން ހިތްގައިމު ތަނަކަށް ހެދުމަށް ޔުނިޓުތައް ވަށައިގެން އަލިކުރަން ހަމަޖެހިފައިވާއިރު އެ ސަރަހައްދުގައި ޕާރކް އަކާއި ވެހިކަލްތައް ޕާކު ކުރާނެ ސަރަހައްދެއް ވެސް ހަދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ، މިއީ ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ކުރާ މުހިންމު ކަމެއް ކަމަށެވެ. އަދި މި ސޮއިކުރެވުނު 50 ހައުސިންގ ޔުނިޓުގެ ސަބަބުން މިލަންދޫގެ ޒުވާނުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެކަމަށް ވެސް ރިޒާ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ސަބަބުން ބޯހިޔާވަހިކަމަށް ބޭނުންވެފައިތިބި ރައްޔިތުންނަށް ޚާއްސަކޮށް ޒުވާން އާއިލާތަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެކަމަށް އަޅުގަނޑު މި ގަބޫލުކުރަނީ. އަދި މި އޭރިއާ ތަރައްގީކުރުމުގައި ސަރުކާރުގެ އަދި މިނިސްޓްރީގެ ވިސްނުމެއްއޮތަތީވެ އެއީ ވަރަށް މުހިއްމުކަމެއްކަމަށް ދެކެން. އޭގެ ތެރޭގައި އެ ހިސާބުގެ މަގުތަކާ އެއްޗެހިވެސް އާބާތުރަފިލުވާ ރީތިކޮށް އަދި ލައިޓްޖަހާ ދިއްލޭނެގޮތަށް ހެދޭނެ. ކުރީގެ ސަރުކާރުތަކުން ހައުސިންގ ޔުނިޓްތައް އަޅާފައި ދޫކޮށްލާގޮތަކަށްނޫން މި ސަރުކާރުގެ ކަންކަން ހުރީ"ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާ އަލީ ރިޒާ
ޑިޒައިން އެންޑް ބިލްޑް އުޞޫލުން މިލަންދޫގައި 50 ހައުސިންގ ޔުނިޓް އެޅުމަށް ފްލެކްސިންކާއި ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.