ފުށިދިއްގަރުފަޅު (ރަސްމާލެ) ހިއްކާ ނިމޭނެ ތާރީޚެއް ނޭނގުނު ނަމަވެސް ވަރަށް އަވަހަށް ރަސްމާލެ އިން 15000 ގޯތި ދޫކުރަން އިއުލާނު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަންނަ 2026 ވަނަ އަހަރު، ގާތްގަނޑަކަށް ކުރިއަށް އޮތް ފަސް ވަރަކަށް މަސް ދުވަސް ތެރޭ ހިއްކާ ނިމޭނެ ކަމަށް ލަފާކުރެވޭ ސަރަހައްދުން 15،000 ގޯތި ދިނުމަށް ހުޅުވާލާނެ ކަމަށެވެ.
ރަސްމާލެއިން އަޅުގަނޑުމެން މި ހިއްކާ ބިމުން ފުރަތަމަ ބުރުގައި އަޅުގަނޑުމެން މި އަންނަ އަހަރު، ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ހިއްކޭނެ ބިމުގައި 15،000 ގޯތި ދިނުމަށްޓަކައި އަޅުގަނޑުމެން މި ހުޅުވާލަނީ. އެހެންވީމާ ބިން ހިއްކުން ބާރަށް ކުރިއަށްދާތީ އަޅުގަނޑުމެން ހަމަ އިސާހިތަކު މި ހުޅުވައިލަނީ.
ރައީސް ޑރ. މުހައްމަދު މުއިއްޒު![]()
ކުރިއަށް އޮތް ފަސް މަސްތެރޭ އެ ބިމުން 15000 ގޯތި ދެވޭ މިންވަރަށް ހިއްކާނެ ކަމަށް ރައީސް ވިދާޅުވިއިރު އެންމެ ފުރަތަމަ ހުޅުވާލާނީ މާލޭގެ ރައްޔިތުންނާއި މާލެ ސަރަހައްދުގައި ދިގު މުއްދަތަކަށް ދިރިއުޅެފައިވާ މީހުންނަށް ޚާއްސަ ކެޓަގަރީތަކުން ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން، ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުން 3000 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ވެސް އުސޫލުތަކުގެ ތެރެއިން ކޮންޓްރެކްޓަރުންނާ ހަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.
ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ސަހަރަށް "ރަސްމާލެ"ގެ ނަމުން ނަންދެއްވައި ރައީސް މުއިއްޒު މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ އަށް މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އެހެން ނަމަވެސް އެ ޓާގެޓަށް މަސައްކަތް ކުރިއަށް ނުދިޔަކަން ވަނީ ފާހަގަ ކުރެވިފަ އެވެ.
ރަސްމާލެ ތަރައްގީ ކުރުމުގެ މާސްޓަރ ޕްލޭން އަދި މިހާތަނަށް ހެދިފައި ނުވާ އިރު އެތަނުގައި ހުންނާނެ ކަންތައްތަކާ ބެހޭ ގޮތުން މުއިއްޒު ވަނީ އެތައް ވާހަކަތަކެއް ދައްކާފައިކަން ފާހަގަ ކުރެވެ އެވެ. އެ ގޮތުން މިއީ "އީކޯ ސިޓީ" އެއް ކަމަށާއި، އިންޑިއާ ކަނޑު ސަރަޙައްދުގެ ފުރަތަމަ "ޒީރޯ ކާބަން ސިޓީ" އަށް ވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ބޯހިޔާވަހިކަމުގެ ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ގިރާވަރުފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިނެތް މީހުންނަށް އިސްކަންދީގެން އާއިލީ ބޯހިޔާވަހިކަމުގެ ކޮންސެޕްޓުގައި ވެސް ވަރަށް އަވަހަށް މަޝްރޫއެއް އިއުލާނު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ގޯތި ދީފައި އޮތްތަނަކުން ގޯތި ދީ، އަދި ގޯތި ދީފައި އޮތްތަނަކުން އެމީހަކު ބުނި އުސްމިނެއްގައި އިމާރާތް ކޮށްދޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވަރަސް ގިނަ ފަހަރު ތަކުރާރު ކޮށް ވައުދުވެވަޑައިގެންފަ އެވެ.
މިހާރު ސަރުކާރުން ނިންމާފައިވާ ނިންމުމަކީ މި ވައުދާ ސީދާ ހިލާފު ނިންމުމެއް ކަމަށް ރައްޔިތުން ދަނީ ފާހަގަކުރަމުންނެ އެވެ.