ޤައުމީ ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކުލަބު އައީ މެޗަކަށްފަހު މެޗެއް ކުޅުން ރަނގަޅު ކުރަމުން ކަމަށް އެ ޓީމުގެ ކޯޗު ޢަބްދުﷲ ޖުނައިދު ބުނެފިއެވެ.
ސިފައިންގެ ޓީމު މިއަހަރުގެ ލީގު ނިންމާލީ ދެ ވަނަ ޓީމުގެ ގޮތުގައެވެ. ކުރިއަށް އޮތް ޤައުމީ މުބާރާތުގެ ސެމީ ފައިންލަގައި ސިފައިން ނިކުންނާނީ ޗެމްޕިއަން ސްޕޯޓްސް ކުލަބް ސިޓީއާ ދެކޮޅަށެވެ.
ޤައުމީ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗަށްފަހު ޖުނައިދު ބުނީ ޓީމުގެ ކުޅުން އައީ މެޗަކަށްފަހު މެޗެެއް ރަނގަޅުވަމުން ކަމަށެވެ. ނަމަވެސް، އެސޯސިއޭޝަން ކަޕުން ފެށިގެން ޤައުމީ ލީގު ނިމުނު އިރު، ގާތް ގާތުގައި މެޗުތައް ކުޅެން ޖެހުމުން ކުޅުންތެރިންނަށް އަނިޔާގެ މައްްސަލަތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
އަޅުގަނޑުމެން މިފަހަރު މެޗެކަށްވުރެ މެޗެއް ރަނގަޅުވަމުން އައީ. އެކަމަކު ހައްތަހާވެސް ދިމާވާ މައްސަލައަކީ ހަމަ އެންޖެރީގެ މައްސަލަ އަޅުގަނޑުމެންނަށް. ރިކަވާ ނުކުރެވި، މެޗުތައް ވަރަށް ޓައިޓުކޮށް މިދަނީ. އެއީ މިފަހަރު ދިމާވި އެންމެ ބޮޑު މައްސަލައަކީ. އެންޖަރީގެ މައްސަލަ ރިކަވާ ނުވެ މިހިސާބަށް އަންނަން ޖެހުން.ޢަބްދުﷲ ޖުނައިދު / ސިފައިންގެ ކޯޗު
ސިފައިންގެ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަޙުމަދު އަބްދުލް ކަރީމް (ލޯންގޭ) މުބާރާތުގައި ފުލްކޮށް ކުޅުނީ އެންމެ ފަހު ދެ މެޗުގައެވެ. އެހެން މެޗުތަކުގައި އޭނާ އަރަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބެންޗުންނެވެ. މިކަމާ ގުޅިގެން ޖުނައިދު ބުނީ ލޯންގޭ ފުލްކޮށް ކުޅުނީ އަނިޔާގެ ސަބަބުން ބިދޭސީ ކުޅުންތެރިޔާއަށް ނުކުޅެވޭތީކަމަށެވެ. ދެ މެޗުގައި ވެސް ލޯންގޭގެ ކުޅުން ރަނގަޅުކަން ފާހަގަކޮށް ޖުނައިދު ބުނީ ލޯންގޭއަށް އަބަދުވެސް އިތުބާރު ކުރާ ކަމަށާއި، ކޮންމެ މަގާމަކަށް އެރުވި ނަމަވެސް އިތުބާރާއެކު އޭނާ ކުޅޭނެ ކަމުގެ ޔަގީންކަން އޮންނަ ކަމަށެވެ.
މީގެ އިތުރުން ޖުނައިދު ބުނީ އެސޯސިއޭޝަން ކަޕުގައި ލުބުނީ ލޯ މެޑަލް ކަމަށާއި، ލީގުގައި ރިހި މެޑަލް ލިބުނު ކަމަށެވެ. އަޒުމަކީ ޤައުމީ މުބާރާތުގައި ރަން މެޑަލް ހޯދުން ކަމަށް ވެސް އޭނާ ބުންޏެވެ.