ކ. މާލެ
|
2 ޖުލައި 2022 | ހޮނިހިރު 19:05
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)
އެމްޓީސީސީ
އާރްޓީއެލް ފެރީގެ ޚިދުމަތް
ކުރިން 4،000 ރުފިޔާއިން ދިޔަ ރަށްރަށަށް މިއަދު 100 ރުފިޔާއިން ދެވޭނެ: އާޒިމް
މިހާރު ރައްޔިތުންގެ ޖީބުން ދާ ޚަރަދު ވަނީ އެތައް ތަނެއް ކުޑަވެފައި
ޖުލައި ނިމުމުގެ ކުރިން ށ. އަތޮޅަށް ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުން
ސަރުކާރުގެ އަމާޒަކީ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުން

މީގެ ކުރިން އެއް ރަށުން އަނެއް ރަށަށް ދިއުމަށް 4،000 ރުފިިޔާ ހޭދަކުރިނަމަވެސް މިއަދު މިފަދަ ދަތުރުތަކަށް ރައްޔިތުންގެ ޖީބުން ދާނީ 100އެއްހާ ރުފިޔާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

ރާއްޖޭގެ ދަތުރުފަތުގެ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ރާއްޖެ ޓްރާންސްޕޯޓް ލިންކް(އާރްޓީއެލް)ގެ މަސައްކަތް ފަށާފައެވެ. އާރްޓީއެލްގެ ދަށުން ފެރީގެ ޚިދުމަތާއި ބަހުގެ ޚިދުމަތް މިހާރު ބައެއް ސަރަހައްދުތަކަށް ވަނީ ފަށާފައެވެ.

އާރްޓީއެލް ފެރީ ނިޒާމުގެ ތެރެެއިން އެއް ރަށް އަނެއް ރަށާ ގުޅުވާލާއިރު، މާ ބޮޑު ޚަރަދެއް ނުކޮށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ މަގު މިހާރު މިވަނީ ފަހިވެފައެވެ. މި ޚިދުމަތާ ގުޅޭގޮތުން ރާއްޖެޓީވީގެ ވިޔަފާރި މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކީ ހުރިހާ ޚިދުމަތްތަކެއް އެންމެ ފުރިހަމައަށް ގާއިމްކުރެވިފައިވާ ތަންތަނެއް ނޫން ކަމަށެވެ. އެހެންކަމުން އެއް ރަށުން އަނެއް ރަށަށް ދަތުރުތައް ކުރަންޖެހޭ ކަމަށާއި، މިއީ މާލީ ގޮތުންނާއި ވަގުތުގެ ގޮތުން ބެލިޔަސް ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަންޖެހޭ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ ކުރިން އެއް ރަށުން އަނެއް ރަށަށް ދާން 4،000އެއްހާ ރުފިޔާ ހޭދަކުރާއިރު، އާރްޓީއެލް ފެރީ ޚިދުމަތް ތައާރަފުވުމާއެކު 100އެއްހާ ރުފިޔާއަށް އެއް ރަށުން އަނެއް ރަށަށް ދެވޭނެ މަގު ވަނީ ފަހިވެފައެވެ.

ރައްޔިތުން ކުރާ އެތައް ބައިވަރު ޚަރަދެއް ނުކޮށް އެބަ ސަލާމަތްވޭ. 3،900 ރުފިޔާ އެބޭފުޅުންގެ ޖީބުގައި އޮންނާނެ މިއަދު އެހެނިހެން ކަންތައްތައް ކުރަން. ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑު ލުޔެއް ވޭ.
އާދަމް އާޒިމް

މިހާރު މި ޚިދުމަތް ފަށާފައިވަނީ ހދ އަތޮޅަށެވެ. އާދިއްތަ ދުވަހު ހއ އަތޮޅަށް އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާއިރު އާޒިމް ވިދާޅުވީ ށ އަތޮޅުގައި ޚިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ. ޖުލައި މަސް ނިމުމުގެ ކުރިން ށ އަތޮޅަށް މި ޚިދުމަތް ފަށަިއގަނެވޭނެ ކަމަށް އުންމީދުކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މި މަސައްކަތަށް ބޭނުންވާ ލޯންޗުތައް ބަނުމާއި، އެނޫންވެސް މަސައްކަތްތައް ކުރެވެމުންދާކަމަށެވެ. މި މަސައްކަތަކީ މުޅި ރާއްޖެ ގުޅުވާލުމަށް އެމްޓީސީސީން ފަށާފައިވާ މަސައްކަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް