ޤައުމީ ވޮލީބޯޅަ ލީގުގައި ގުޑީސް ސްޕޯޓްސް ކުލަބް ބަލިކޮށް، ގަދަ ހަތަރެއްގެ ޖާގަ ހޯދައި ކުލަބް ވެމްކޯއިން ޤައުމީ މުބާރާތުން ޖާގަ ހޯދައިފިއެވެ.
މިއީ ވެމްކޯއިން ޤައުމީ މުބާރާތް ކުޅޭނެ ފުރަތަމަ ފަހަރެވެ. ވޮލީގެ ފިރިހެން ޑިވިޝަންގައި މިއަހަރު ވެމްކޯއިން ވާދަކުރަނީ އަލަށެވެ. އެ ޓީމުން ވަނީ މިއަހަރުގެ އެސޯސިއޭޝަން ކަޕްގެ ޕްރެލިމިނަރީ ބުރުގައި ވާދަކޮށް، އެއްވަނަ ޓީމުގެ ގޮތުގައި އެސޯސިއޭޝަން ކަޕަށް ކޮލިފައިވެފައެވެ. ވަރުގަދަ ކުޅުމެއް ދައްކައި މުބާރާތުގެ ފައިނަލްގައި ވެސް ކުޅުނެވެ. ފައިނަލްގައި ބަލިވީ ސްޕޯޓްސް ކުލަބް ސިޓީ އަަތުންނެވެ.
ލީގުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ވެމްކޯއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ގުޑީސުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ލީޑެއް ނަގާފައެވެ. ވެމްކޯގެ އަޝްވަލް ރާއީ އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ ހަމަލާތައް ގުޑީސުން ވަނީ ބްލޮކް ކޮށްފައެވެ. ނަމަވެސް ގުޑީސް އަށް އެ ޓީމުގެ ލީޑު ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ވެމްކޯއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށް ލީޑު ހޯދާފައެވެ. ވެމްކޯއަށް ނަތީޖާ އަނބުރާލުމުގައި ކުޑަ ކާއްޓެ އާއި އަޝްވަލް ރާއީގެ މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ.
މެޗުގައި ވެމްކޯގެ ސެޓަރު ވިޕުލް ވެސް ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. އޭނާ އަކީ ވެމްކޯގައި ކުރިން ހުރި ސެޓަރު ރަންޖީތު ސިންގް ދާންޖެހުމުން ބަދަލުގައި ގެނައި ކުޅުންތެރިއެކެވެ. ކުރީ މެޗާއި އެއްގޮތަށް މި މެޗުގައި ވެސް ވިޕުލް ވަނީ ރަނގަޅު ބޯޅަ ތަކެއް ސެޓު ކޮށްދީފައެެވެ. އެ ބޯޅަ ތަކުގެ ބޭނުން ހިފައި ކާއްޓެ އާއި އަޝްވަލް ރާއީގެ އިތުރުން އަހުމަދު ފާޒިލް ވަނީ ރަނގަޅު އެޓޭކްތަކެއް ކޮށްފައެވެ. ވެމްކޯއިން މެޗުގެ ސެޓު ތައް ކާމިޔާބުކުރީ 25-18، 25-21 އަދި 25-21 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ކުޑަ ކާއްޓެއެވެ.
މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓް އާއިއެކު ޖުމުލަ އަށް ޕޮއިންޓު ހޯދައިގެން ވެމްކޯ އޮތީ ތާވަލްގެ ތިން ވަނަ މަގާމުގައެވެ. އެއް ވަނަ މަގާމުގައި އޮތް ޗެމްޕިއަން ސިޓީއަށް ލިބެނީ 12 ޕޮއިންޓް އެވެ. ދެ ވަނަ މަގާމުގައި ނުވަ ޕޮއިންޓްއާއިއެކު ދިވެހި ސިފައިންގެ ކުލަބް އޮތް އިރު، ހަތަރު ވަނައިގައި ހަތް ޕޮއިންޓް އާއިއެކު އޮތީ ޕޮލިސް ކުލަބްއެވެ. މެޗުން ބަލިވި ގުޑީސްގެ އިތުރުން އޮފު އެފްސީއަށް ޕޮއިންޓް އެއް ނުލިބެއެވެ.