ކ. މާލެ
|
1 ޖުލައި 2022 | ހުކުރު 07:12
ޔޫއެން އޯޝަންސް ކޮންފަރެންސްގެ ހަވާސާގެ ތެރެއިން
ޔޫއެން އޯޝަންސް ކޮންފަރެންސްގެ ހަވާސާގެ ތެރެއިން
އެންވަރަންމަންޓް މިނިސްޓްރީ
ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް
މެދުރާއްޖެތެރޭގެ މުހިންމު ސަރަހައްދުތައް ދިރާސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި، ހިމާޔަތްކުރަން ހުރި ސަރަހައްދުތައް ދިރާސާކުރާނެ

މެދުރާއްޖެތެރޭގައި ހިމާޔަތްކޮށްފައިވާ އަދި މުސްތަގުބަލުގައި ހިމާޔަތްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް ދިރާސާ ކުރުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލިޖީ އާއި އިޓަލީގެ ޔުނިވާސިޓީ އޮފް މިލާނޯ ބިކޯކާއާއި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރީ މިހާރު ޕޯޗްޖަލްގެ ލިސްބަންގައި ކުރިއަށްދާ ޔޫއެން އޯޝަންސް ކޮންފަރެންސްގެ ހަވާސާގައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލިޖީ އައިމިނަތު ޝައުނާއެވެ. ޔުނިވާސިޓީ އޮފް ބިކޯކާގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަރ ޖިއޮވާނާ އިންނާންޓިއޯނީއެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކާއި، އިތުރަށް ހިމާޔަތްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ އިކޮލޮޖިކަލް ރިޕޯޓް އަދި ސޯޝިއޯ-އިކޮނޮމިކް އެސެސްމެންޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ދެފަރާތުން ގުޅިގެން ކުރުމެވެ. އިޓަލީގެ ބިކޯކާ ޔުނިވަރސިޓީގެ މެރިން ރިސާރޗް އެންޑް ހައި އެޑިއުކޭޝަން ސެންޓަރަކީ 2018 އިން ފެށިގެން ފ.މަގޫދޫގައި ކެންޕަސްއެއް ބިނާކޮށްގެން ރާއްޖޭގެ ފަރުތަކާއި ގުޅޭ އެކި ދިރާސާތައް ކުރަމުންއަންނަ ޔުނިވާސިޓީ އެކެވެ.

މި އެއްބަސްވުމުގެ ދަށުން ކުރެވޭ ދިރާސާތަކުގެ ނަތީޖާ ބޭނުންކުރާނީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019-2023 ގެ ޖަޒީރާ ދިރިއުޅުމުގެ ދަށުން، ތިމާވެށީގެ ސެކްޓަރުގައި ކޮންމެ އަތޮޅަކުން މަދުވެގެން 10 އިންސައްތަ ފަރުގެ ސަރަހައްދާއި، 20 އިންސައްތަ ކުޅިފާ ޗަސްބިން ހިމާޔަތްކުރުމާއި، ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާއި، 1 ފިނޮޅާއި، 1 ފަރާއި، 1 ކަނޑޫފާ ޗަސްބިން ހިމާޔަތްކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން، މ.ފ.ދ. އަދި ތ އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ގާއިމްކުރުމަށާއި މެނޭޖްކުރުމަށެވެ.

- ކޮމެންޓް