ކ. މާލެ
|
14 ނޮވެންބަރ 2023 | އަންގާރަ 17:08
ވިލިމާލޭ ފަރަށް އެރި ޓަގްބޯޓު
ވިލިމާލޭ ފަރަށް އެރި ޓަގްބޯޓު
ރާއްޖެއެމްވީ
އެފްކޮންސް ޖޫރިމަނާ ކުރުން
އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ
 
އެފްކޮންސް ޖޫރިމަނާކުރީ 69.4 މިލިއަން ރުފިޔާއިން
 
ޖޫރިމަނާގެ 15 މިލިއަން ރުފިޔާ އީޕީއޭގެ "އެންވަޔަރަމެންޓް ރެސްޓޮރޭޝަން ފަންޑް"އަށް ޖަމާކުރުމަށް ވަނީ ނިންމާފައި

އެފްކޮންސްގެ ޓަގު ބޯޓު ވިލިމާލޭގެ ފަރަށް އެރުމާ ގުޅިގެން ފަރަށް ލިބުނު ގެއްލުން ސަރވޭ ކުރުމަށްފަހު، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ކޮށްފައިވާ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް، މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ބުނެފިއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ކޮންޓްރެކްޓަރު ކަމަށްވާ އެފްކޮން އިންފްރާސްޓްރަކްޗަރއިން ޓަގު ބޯޓެއްގެ އެހީގައި، ވިލިމާލޭ ފަރުގައި ތަހުލީލުތަކެއް ހެދުމަށް ބޭނުންކުރަމުންދިޔަ "ޔުވްރާޖް" ޕްލެޓްފޯމު ވިލިމާލޭ ފަރާ 100 މީޓަރު ދުރުގައި ބާއްވާފައި އޮއްވައި، އެރި ރާޅެއްގެ ސަބަބުން އެ ޕްލެޓްފޯމު ޕޮޒިޝަންކޮށްފައި އޮތް ޓަގު ބޯޓު ފަރަށް އެރީ 16 އޯގަސްޓް 2022ގައެވެ. މިކަމާ ގުޅިގެން ފަރަށް ލިބުނު ގެއްލުން ސަރވޭކުރުމަށްފަހު، އީޕީއޭއިން ވަނީ އެ ކުންފުނި 69،411،800 (ފަސްދޮޅަސް ނުވަ މިލިއަން ހަތަރުލައްކަ އެގާރަ ހާސް އަށްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

އެފްކޮންސް ޖޫރިމަނާކުރުމުން، އެ ކުންފުނިން ވަނީ އީޕީއޭގެ ނިންމުން 7 ޑިސެންބަރު 2022ގައި އެންވަޔަރަމެންޓް މިނިސްޓްރީގައި އިސްތިއުނާފުކޮށްފައެވެ. ނަމަވެސް މައްސަލަ ދިރާސާކުރުމަށްފަހު އެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.

އެ މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، އެ މައްސަލަ ދިރާސާކޮށް ލީގަލް ޓީމުން ތައްޔާރުކުރި ރިޕޯޓް ނިންމާފައިވަނީ 23 ޖެނުއަރީ 2023ގައި ކަމަށެވެ. މި މައްސަލައިގައި ގޮތެއް ނިންމުމުގައި މެރިޓައިމް ދާއިރާގެ ފަންނީ ލަފާ ހޯދަން އެ ރިޕޯޓުގައި ލަފާދީފައިވާތީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީސްއަށް ސިޓީ ފޮނުވައި، އެ މުއައްސަސާއިން މައްސަލަ ދިރާސާކުރުމަށްފަހު 23 ޖުލައިގައި ރިޕޯޓް ހުށަހެޅި ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ މައްސަލަ ބެލުމުން ފާހަގަކުރެވުނީ، ނަގަންޖެހޭ ކޮންޓްރޯލް މެޝަރތަކާއެކު، އުޅަނދު ފަރަށް އެރި ހާދިސާއިން ރައްކާތެރިވުމުގެ ފުރުސަތު އެފްކޮންސްއަށް އޮތްކަމަށެވެ. އެހެންވެ އީޕީއޭގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.

މިގޮތަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާ ނުވަތަ އެ ފައިސާއިން ބައެއް، ތިމާވެއްޓަށް ލިބޭ ގެއްލުން އިއާދަކުރުމަށް ހޭދަކުރުމަށް އީޕީއޭއަށް ލިބުމަކީ މުހިންމު ކަމެއް ކަމުގައި ސަރުކާރުން ދެކޭކަން ފާހަގަކޮށް، އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، މި މައްސަލާގައި ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާއިން 15 މިލިއަން ރުފިޔާ އީޕީއޭގެ "އެންވަޔަރަމެންޓް ރެސްޓޮރޭޝަން ފަންޑް"އަށް ޖަމާކުރުމަށް ނިންމާފައިވާކަމަށެވެ. އެ ފައިސާ، ވިލިމާލޭ ފަރަށް ލިބުނު ގެއްލުން ރަނގަޅުކުރުމާއި، އެފަދަ އިތުރު މަސައްކަތް ކުރުމަށް އީޕީއޭގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް