މާލެ ސަރަހައްދުން ކުނި ނަގާއިރު ވެމްކޯއިން އަމަލުކުރާ ގޮތާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ތުހުމަތުތައް އެންވަޔަރަންމެންޓް މިނިސްޓްރީންނާއި އީޕީއޭއިން ދޮގުކޮށްފިއެވެ.
މާލެ ސަރަހައްދުުގެ ގޭބީސީތަކުން މިހާރު ކުނި ނެރެންޖެހެނީ ވަކިކޮށްގެންނެވެ. ޖޫން 1 އިން ފެށިގެން މިގޮތަށް އަމަލުކުރަމުންދާއިރު، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ވަނީ ވެމްކޯގެ މުވައްޒަފުން ކުނި އެއްކޮށްގެން ގޮސް، ލޮރީއަށް ކުނި އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ޓްވީޓުކުރައްވާފައެވެ. ވަކި ކުރި ކުނި އަޅާލަނީ އެހެނިހެން ކުނި ވެސް އަޅާ ލޮރީއަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިއީ ބޮޑު އޮޅުވާލުމެއް ކަމަށާއި، މިއީ އެއްވެސް ޒިންމާދާރު ކަމެއް ނެތި ކުރާ ކަމެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒުގެ މި ޓްވީޓަށް މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހު ވަނީ ޖަވާބުދެއްވާފައެވެ. އަދި އާންމުކޮށްފައިވާ ވީޑިއޯއިން ހުރިހާ ކުންޏެއް އެއްކޮށްލާތަން ނުފެންނަ ކަމަށް ވިދާޅުވިއެވެ. އަދި ކަމެއް ގޯސްކޮށް ދާނަމަ އެކަމުގައި ޕްރޮފެޝަނަލް ގޮތެއް އަދި އިޚްލާސްތެރި ނިޔަތެއް އޮތްނަމަ އެކަން ކުރާނީ ރަސްމީ މުވާމަލާތެއްގެ ތެރެއިން ކަމުގައި އަލީ ސާލިހު ވިދާޅުވިއެވެ.
މީގެ އިތުރުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމްވެސް ވަނީ މުއިއްޒުގެ ޓްވީޓަށް ރައްދު ދެއްވާފައެވެ. ނައީމް ވިދާޅުވީ ކުނި ވަކިކޮށްގެން ކޮމްޕެކްޓަރަށް އަޅަމުން ދިޔަ މަންޒަރު ބުރާސްފަތި ދުވަހުގެ ރޭވެސް ފެނިވަޑައިގެންފައިވާކަމަށް ނައީމް ވިދާޅުވިއެވެ.
މީގެ އިތުރުން ގިނަ ބަޔަކު ވެސް ވަނީ މޭޔަރު މުއިއްޒުގެ މި ތުހުމަތު ދޮގުކޮށްފައެވެ. އޭގެ ތެރޭގައި ވެމްކޯގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްވެސް ހިމެނިވަޑައިގަންނަވައެވެ.
އުކާލަން ނެރޭ ކުނި ވަކިކުރަން ވެމްކޯއިން އެންގީ ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން އާއްމުކޮށްފައިވާ ގަވާއިދުގެ ފަސް ވަނަ އިސްލާހުގައި، އުކާލަން ނެރޭ ކުނި، ކަނޑައެޅިފައިވާ ބައިބަޔަށް ވަކިކުރަން އަންގާފައިވާތީއެވެ. އެގޮތުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ކުނި އުކާލަން ނެރޭއިރު، ވަކިކޮށްފައި ހުންނަން ޖެހޭނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އަމިއްލައަށް ފަނާވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތުގެ ކުންޏެވެ.
މީހުން ދިރިއުޅޭ އެހެނިހެން ރަށްތަކާއި ސިނާއީ ރަށްތަކާއި ރިސޯޓްތަކުން ކުނި އުކާލާއިރު ހަތަރު ބަޔަކަށް ބަހާލަން ޖެހޭނެއެވެ. އެއީ އަމިއްލައަށް ފަނާވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅިއާއި މައުދަނާއި ބިއްލޫރީގެ ބާވަތްތައް އަދި އެހެނިހެން ބާވަތްތަކެވެ. އަމިއްލައަށް ކުނި އުކާލާ ފަރާތްތަކުންވެސް ވެމްކޯގެ ސައިޓުތަކަށް ކުނި އުކާލާއިރު ކުނި ވަކިކުރަން ވަނީ އަންގާފައެވެ.
ކުނި ވަކިކޮށްގެން އުކާލުމަކީ މިހާރު ގިނަ ގައުމުތަކުން އަމަލު ކުރަމުން އަންނަ ގޮތެވެ. އެއީ ވަކިކޮށްގެން ކުނި އުކާލުމުގެ ސަބަބުން ރިސައިކަލް ކުރަން ފަސޭހަވުމާއި، މެނޭޖުކުރަންޖެހޭ ކުނި ނިސްބަތުން މަދުވެފައި، ކުނި ނައްތާލަން ފަސޭހަވާނެތީއެވެ.