ކ. މާލެ
|
30 ޖޫން 2022 | ބުރާސްފަތި 14:19
ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސް ޖޫނިއަރ
ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސް ޖޫނިއަރ
ގެޓީ އިމޭޖަސް
ފިލިޕީންސްގެ އައު ރައީސް
ފިލިޕީންސްގެ ރައީސްކަމާއި ފަރޑިނަންޑް މާކޯސް ޖޫނިއަރ ހަވާލުވެވަޑައިގެންފި
ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މެންދުރު 12 ޖެހި އިރު، ކުލަގަދަ ހަރަކާތްތަކަކާއެކު

ފިލިޕީންސްގެ ރިޔާސީ އިންތިޚާބް ކާމިޔާބު ކުރެއްވި ފަރޑިނަންޑް މާކޯސް ޖޫނިއަރ، ރަސްމީކޮން މަގާމާ ހަވާލުވެވަޑައިގެން ރައީސްކަމުގެ ހުވާކުރައްވައިފިއެވެ. މިއާއެކު ކުރިން މަގާމުގައި ހުންނެވި ރޮޑްރިގޯ ޑުޓާޓޭގެ ރިޔާސީ ދައުރު ވަނީ ނިމުމަކަށް އައިސްފައެވެ. ވަރަށް ކުލަގަދަ ހަރަކާތްތަކަކާއެކު ކުރިޔަށް ދިޔަ، އައު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެތާގަޑިން މެންދުރު ބާރަ ޖެހިއިރު ނެޝަނަލް މިއުޒިއަމް އެވެ.

ބޮންގބޮނގްގެ ނަމުން ފިލިޕީންސްގެ ގިނަބަޔަކު ދަންނަ ޕަރޑިނަންޑް މާކޯސް ޖޫނިއަރ ވަނީ މިދިޔަމަހު ބޭއްވުނު ރިޔާސީ އިންތިޚާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވާފައެވެ. މާކޯސް ޖޫނިއަރގެ ނާއިބްކަމުގެ ހުވާކުރައްވާފައިވަނީ ކުރީގެ ރައީސް ޑޫޓާޓޭ ގެ ދަރި ކަނބަލުން ސާރާ ޑޫޓާޓޭ އެވެ.

އަނބިކަނބަލުންނާއި ތިން ފިރިހެން ބޭފުޅުންނާއެކު އޮފިޝަލް ޕެރޭޑް އަދި މިލިޓަރީ ޑިސްޕްލޭ ބައްލަވާލެއްވުމަށް ފަހު ރައީސްގެ ހައިސިއްޔަތުން ގައުމާ މުޚާތަބް ކުރައްވާ ދެއްވި ފުރަތަމަ ތަގްރީރުގައި މާކޯސް ޖޫނިއަރވަނީ ފިލިޕީންސްގެ މުޅި ތާރީޚުގައިވެސް ރައިސް އަކަށް ރައްޔިތުން ކުރި އެންމެ ބޮޑު ތާއީދު ލިބިވަޑައިގެންނެވީ އޭނާއަށް ކަމަށް ވިދާޅުވެ އެކަމަށްޓަކާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އުމުރުފުޅުން 64 އަހަރުގެ މާކޯސް ޖޫނިއަރ ފިލިޕީންސްގެ ރައީސް ކަމާއި ހަވާލުވެ ވަޑައިގެންނެވި އިރު، އެގައުމުވެސް ވަނީ އިންފްލޭޝަން އާއި ދަރަނީގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެ، އިގްތިސާދީ ގޮންޖެހުން ތަކަކާ ކުރިމަތިވެފައެވެ.

މާކޯސް ޖޫނިއަރ މަގާމާ ހަވާލުވެވަޑައި ގެންނެވުމަކީ ވިއްސަކަސް އަހަރު ހަރުކަށި ވެރިކަމެއްކުރެއްވި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކުރީގެ ރައިސް ފަރޑިނަންޑް މާކޯސްގެ ސިޔާސީ ފިކުރުގެ އެނބުރި އައުމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ރިޔާސީ ހުވާކުރެއްވުމަށް ފަހު ދެއްވި ތަގްރީރުގައި މާކޯސް ޖޫނިއަރ ވަނީ އޭނާގެ ބައްޕާފުޅުގެ ހަނދާން އައު ކުރައްވާ ބައްޕާފުޅުގެ ޚިދުމަތަށް ޝުކުރު އަދާ ކުރައްވާފައެވެ.

ކޮރަޕްޝަން އާއި ފަސާދައިގެ ތުހުމަތުތަކާއެކު މާކޯސް ސީނިއަރގެ ވެރިކަން 1986 ވަނަ އަހަރު ވައްޓާލެވުމުން އެ އާއިލާވަނީ ހަވާއީއަށް ދިރިއުޅުން ބަދަލު ކުރައްވާފައެވެ. އެއަށްފަހު 1991ވަނަ އަހަރު ބޮންގ ބޮންގ އެބުރި ގައުމަށް ވަޑައިގެން، ބައްޕާފުޅުގެ ވެރިކަމާމެދު ރައްޔިތުން ދެކެމުން އައި ގޮތް ބަދަލުކުރެއްވޭތޯ މަސައްކަތް ފެއްޓެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް