ކ. މާލެ
|
30 ޖޫން 2022 | ބުރާސްފަތި 10:15
އާދަމް ނަސީމް (އެޑަމް)
އާދަމް ނަސީމް (އެޑަމް)
ރާއްޖެ އެމްވީ
ޤައުމީ ވޮލީބޯޅަ ލީގު 2022
އަނިޔާގެ މައްސަލަތައް ދިމާވި، އެހެން ޓީމުތަކުގެ ބިދޭސީ ކުޅުންތެރިންގެ ފަރާތުން އެ ޓީމުތަކަށް ލިބޭ ސަޕޯޓެއް ސިފައިންގެ ކުޅުންތެރިންގެ ފަރާތުން ނުލިބޭ: އެޑަމް
މެޗު ދަށްކޮށް ދިޔައީ ބިދޭސީ ކުޅުންތެރިން ހުރިހާ ގޮތަކުން ދަށްވީމަ
ސިޓީގެ މެޗަކީ މުޅި ސިފައިންގެ ޓީމު ވަރަށް ބޮޑަށް ތައްޔާރުވި މެޗެއް

ޤައުމީ ވޮލީބޯޅަ ލީގުގައި ސްޕޯޓްސް ކުލަބް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާގެ މައްސަލަތައް ވަރަށް ބޮޑަށް ދިމާވި ކަމަށް ދިވެހި ސިފައިންގެ ކުލަބުގެ ވައިސް ކެޕްޓަން އާދަމް ނަސީމް (އެޑަމް)ބުނެފިއެވެ.

އެޑަމް ބުނީ ސިޓީގެ މެޗަކީ މުޅި ސިފައިންގެ ޓީމު ވަރަށް ބޮޑަށް ތައްޔާރުވި މެޗެއް ކަމަށެވެ. ނަމަވެސް ޓީމަށް އެދެވޭ ފެންވަރަކަށް ނުކުޅެވުނީ އަނިޔާގެ މައްސަލަތަކާ ހެދި ކަމަށެވެ. އެޑަމް ބުނީ އައުޓް ސައިޑަށް ކުޅޭ ކުޅުންތެރިޔާ ހުރީ ކަކުލަށް ލިބުނު އަނިޔާއަކުން މުޅިން ރަނގަޅު ނުވެ ކަމަށާއި، ޔުނިވަރސަލަށް ކުޅޭ ކުޅުންތެރިޔާ ހުރީ ވަރަށް ބޮޑަށް ހުން އައިސް ބަލިކޮށް ކަމަށެވެ. އެޑަމް ބުނީ ޓީމު ބޮޑަށް ބަރޯސާވަނީ ބިދޭސީ ކުޅުންތެރިންނަށް ކަމަށާއި، އެހާ ދަށްކޮށް މެޗު ދިޔައީ އެ ކުޅުންތެރިން ފިޒިކަލީ އަދި ހުރިހާ ގޮތަކުން ވެސް ދަށްވީމަ ކަމަށެވެ. މީގެ އިތުރުން ޓީމުގެ ކެޕްޓަން ހުސެއިން ޝާހިދު (ޝާޑު) ހުރީ އުނަގަނޑަށް ލިބުނު އަނިޔާއަކުން މުޅިން ރަނގަޅުނުވެ ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރަށް އެޑަމް ބުނީ ސިފައިންގެ ޓީމު އައީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ޓީމަށް މިކަހަލަ ގޮތެއް ދިމާވުމުން ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ތިބީ ވަރަށް ދަށްކޮށް ކަަމަށެވެ. އެޑަމް ބުނީ ގާތް ގާތުގައި މެޗުތަކެއް ކުޅެން ޖެހުނު ރިކަވަރީއަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށެވެ. ރިކަވަރީއެއްގެ ގޮތުގައި ފިޒިއޯއެއް ހަދާލި ނަމަވެސް، ފުލް ރިކަރީއެއް ނުވާނެ ކަމަށާއި، އެ މައްސަލަ ދިމާވާ ކަމަށެވެ.

އެޑަމް ފާހަގަކުރި ގޮތުގައި އެހެން ޓީމުތަކުގައި ހިމެނޭ ބިދޭސީ ކުޅުންތެރިން އެ ޓީމުތަކަށް ސަޕޯޓުދޭވަރަށް، ސިފައިންގެ ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންގެ ފަރާތުން ސަޕޯޓު ނުލިބޭ ކަމަށެވެ.

އަސްލު ބަލިވެ ތިބެވެސް އަނެއްހެން ވަރަށް ރަނގަޅު ކުޅުން. ބައެއް ފަހަރު ދެން ބޭރު ކުޅުންތެރިންގެ ފަރާތުން އެލިބޭ އަސްލު، އެހެން ޓީމުތަކުގެ އެ ލިބޭ ސްޕޯޓު އަސްލު އަހަރުމެންނަށް ނުލިބޭ ދޯ. މިބުނީ އެ މީހުންގެ އެ އިންނަ ކިކެއް ނީނދޭ. މޮޅުވާން އެ އިންނަ ކިކެއް. އެއީ އަސްލު އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ.
އާދަމް ނަސީމް (އެޑަމް) / ސިފައިންގެ ޓީމުގެ ވައިސް ކެޕްޓަން

މީގެ ކުރިން ސިފައިންގެ ޓީމުގެ ކޯޗު ޢަބްދުﷲ ޖުނައިދު (މާމަ) ވެސް ވަނީ ބިދޭސީ ކުޅުންތެރިންގެ ފެންވަރު ދަށް ކަން ފާހަގަކޮށް، ކަންބޮޑުވުން ފާޅުކޮށްފައެވެ. ނިމިދިޔަ އެސޯސިއޭޝަން ކަޕްގައި ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޖުނައިދު ބުނީ، ބިދޭސީ ތިން ކުޅުންތެރިން ތިބޭއިރު، އޭގެ ތެރެއިން އެއް ކުޅުންތެރިޔަކަށް ވެސް އެޓޭކް ނުކުރެވިއްޖެ ނަމަ މައްސަލަ ޖެހޭ ކަމަށެވެ. ޖުނައިދު ބުނީ މުބާރާތުގައި ބަރޯސާ ވަނީ ބިދޭސީ ކުޅުންތެރިންނަށް ކަމަށާއި، އެ ޓީމަށް ޓީމަށް ލިބުނު ބިދޭސީ ކުޅުންތެރިންގެ ތެރޭގައި އަނިޔާގައި ތިބި ކުުޅުންތެރިން ހިމެނޭ ކަމަށް ވެސް އޭނާ އޭރު ބުންޏެވެ. އިތުރަށް އޭނާ ބުނީ ނިސްބަތުން ބަލާނަމަ، ސިފައިންނަށް ލިބުނީ މުބާރާތުގައި ކުޅޭ ކުޅުންތެރިންނަށް ބަލާއިރު، އެންމެ ދަށް ކުޅުންތެރިން ކަމަށެވެ.

މުބާރާތުގައި ސިފައިންނަށް ބާކީ އޮތީ ދެ މެޗެވެ. އެއީ މިއަދު ހަވީރު ގުޑީސް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗާއި، ހޮނިހިރު ދުވަހުގެ ހަވީރު ޕޮލިސް ކުލަބާ ދެކޮޅަށް ކުޅޭ މެޗެވެ. މިވަގުތު ސިފައިން އޮތީ ހަ ޕޮއިންޓާއެކު ލީގު ތާވަލްގެ ދެ ވަނަ މަގާމުގައެވެ.

- ކޮމެންޓް