ކ. މާލެ
|
30 ޖޫން 2022 | ބުރާސްފަތި 09:40
ސިޓީގެ ކެޕްޓަން އަލީ ހުޒާން (ހުޒަންޓެ)
ސިޓީގެ ކެޕްޓަން އަލީ ހުޒާން (ހުޒަންޓެ)
ރާއްޖެ އެމްވީ
ޤައުމީ ވޮލީބޯޅަ ލީގު 2022
ވޮލީއަށް ނެރެދިނީ ސިޓީގެ މެނޭޖުމަންޓުން، ހުރިހާ ކާމިޔާބެއް ހޯދައިދޭން ބޭނުން: ހުޒަންޓެ
 
ސިޓީން ވަނީ މި ސީޒަނުގެ އެސޯސިއޭޝަން ކަޕާއި، ލީގު ޗެމްޕިއަންކަން ހޯދާފައި

ވޮލީބޯޅައިގެ ތެރެއަށް ނެރެދިނީ ސްޕޯޓްސް ކުލަބް ސިޓީއާއި އެ ޓީމުގެ މެނޭޖުމަންޓުން ކަމަށާއި، ސިޓީއަށް ހުރިހާ ކާމިޔާބެއް ހޯދައިދޭން ބޭނުންވާ ކަމަށް އެ ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) ބުނެފިއެވެ.

ސިޓީ އުފެދުނު ފަހުން މިވީ 13 އަހަރުގެ ތެރޭގައި އެ ޓީމަށް ފަސްޓް ޑިވިޝަންގެ ތައްޓެއް ކާމިޔާބުކުރެވުނީ މިއަހަރުއެވެ. އެ ޓީމުން މިހާރު ވަނީ މިއަހުގެ ވޮލީ ސީޒަންގެ ދެ ތަށި ޔަގީން ކޮށްފައެވެ. އެއީ އެސޯސިއޭޝަން ކަޕާއި، މިހާރު ކުރިއަށްދާ ޤައުމީ ވޮލީ ބޯޅަ ލީގެވެ. ލީގުގައި ބާކީ އެއް މެޗު އޮއްވަ ސިޓީން ވަނީ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. އެއީ މިހާތަނަށް ކުޅުނު ހަތަރު މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ.

ބުދަ ސުވަހުގެ ހަވީރު ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރުމަފަހު ހުޒަންޓެ ބުނީ އަބަދުވެސް ސިޓީން ކުޅެނީ ވަކި ސެޓެއް ނުވަތަ ޕޮއިންޓެއް ހޯދަން ނޫން ކަމަށާއި، ކުޅެނީ މެޗުން މޮޅުވާން ކަމަށެވެ. މީގެ އިތުރުން ހުޒަންޓެ ބުނީ ސިޓީގައި ތިބި ބިދޭސީ ތިން ކުޅުންތެރިންނަކީ ވެސް ވަރަށް އަޚުލާގު ރަނގަޅު، ޓީމް ވޯކް ރަނގަޅު ތިން ކުޅުންތެރިން ކަމަށެވެ. މީގެ އިތުރުން ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންގެ އެހީތެރިކަމާއި އެއްބާރުލުން ވެސް ލިބޭ ކަމަށެވެ. އެގޮތުން މެޗުގައި ޕްރެޝަރ ހޭންޑަލް ކުރުމާއި ދިމާވާ ކަންކަން ކިޔައިދޭ ކަމަށާއި، އޭގެ ސަބަބުން މެޗަށް ވަރަށް ބޮޑަށް ފަސޭހަވާކަމަށެވެ.

ހުޒަންޓެގެ ކެޕްޓަން ކަމުގެ ދަށުން ސިޓީން މި ސީޒަނުގެ ދެ ތަށި ކާމިޔާބުކޮށްފިއެވެ. ހުޒަންޓެ ބުނި ގޮތުގައި އޭނާގެ ކެޕްޓަން ކަމުގެ ދަށުން ސިޓީއަށް ހުރިހާ ކާމިޔާބެއް ހޯދައިދޭން ބޭނުންވެއެވެ.

މި ޓީމަކީ އަސްލު ބުނަންޏާ އަހަރުމެން ވޮލީގެ ތެރެއަށް ނެރެދިން މެނޭޖުމަންޓު ނުވަތަ މީހާގެ ކުލަބް. އެހެންވީމާ ކެޕްޓަނެއްގެ ހައިސިއްޔަތުން އަހަރެން އުންމީދުކުރަނީ މި ކާމިޔާބީ އޭނައަށް ހޯދައިދީފަ، މުބާރާތްތައް ނިންމާލުން.
އަލީ ހުޒާމް (ހުޒަންޓެ) / ސްޕޯޓްސް ކުލަބް ސިޓީގެ ކެޕްޓަން

ސިޓީގެ ކޯޗު ހުސެއިން ޝަރީފް (ނަލަ) ބުނީ ލިބުނު ކާމިޔާބަށް ޝުކުރު ކުރާ ކަމަށެވެ. ނަލަ ފާހަގަކުރި ގޮތުގައި ލިބުނު ކާމިޔާބަކީ ސިޓީގެ ތާރީޚުގައި ވެސް ނުލިބޭފަދަ ބޮޑު ކާމިޔާބެއް ކަމަށެވެ. އެހެންކަމުން ސިޓީގެ ކުޅުންތެރިންނާއި، ކޯޗިން ސްޓާފުންނާއި، ސްޕޯޓަރުންގެ އިތުރުން ސިޓީއަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާ ކުރާ ކަމަށެވެ.

މީގެ އިތުރުން ނަލަ ބުނީ ލީގު ލިބުނެއްކަމަކު، ކުރިއަށް އޮތް މެޗު ފަސޭހަކޮށް ނުލާނެކަމަށެވެ. އިރާދަކުރެއްވިއްޔާ ސިޓީ ނިކުންނާނީ އެހެން ހުރިހާ މެޗެކޭ ވެސް އެއްގޮތަށް ވަރުގަދަކޮށް ކަމަށެވެ. ވެމްކޯ މެޗުވެސް ފަށާނީ ފުލް ޓީމާއެކުކަން ފާހަގަކޮށް ނަލަ ބުނީ، އެގޮތަށް މެޗު ފަށާ ސަބަބަކީ ޓީމުގެ ތެރޭގައި މިވަގުތު އޮތް ޖޯޝާއި ފޯރި ހިފަހައްޓަން ކަމަށެވެ. ނަމަވެސް މެޗުގެ އޮއެވަރުދާ ގޮތަށް ބަލައި، ބަދަލު ގެނެސް، އެހެން ކުޅުންތެރިންނަށް ވެސް ފުރުސަތު ދޭނެ ކަމަށެވެ.

ފަހު މެޗުގައި ސިޓީން ވެމްކޯއާ ދެކޮޅަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް