ކ. މާލެ
|
30 ޖޫން 2022 | ބުރާސްފަތި 08:42
ވެމްކޯ ކުޅުނު މެޗެއްގެ ތެރެއިން: ފޮޓޯ-އަބުދުﷲ ޔަޝާއު
ވެމްކޯ ކުޅުނު މެޗެއްގެ ތެރެއިން: ފޮޓޯ-އަބުދުﷲ ޔަޝާއު
ޤައުމީ ވޮލީބޯޅަ ލީގު 2022
ވެމްކޯ އަތުން ޕޮލިސް ސެޓެއް ހޯދުމުން، ބާކީ އެއް މެޗު އޮއްވާ ސިޓީއަށް ލީގު ލިބިއްޖެ
ސިޓީއަށް ބާކީ އޮތީ ލީގުގެ ފަހު މެޗުގައި ވެމްކޯއާ ދެކޮޅަށް ކުޅޭ މެޗު

ޤައުމީ ވޮލީބޯޅަ ލީގުގައި ބުދަ ދުވަހުގެ ރޭ ކުލަބް ވެމްކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޮލިސް ކުލަބަށް ސެޓެއް ލިބުމުން، ލީގު ޗެމްޕިއަންކަން ސްޕޯޓްސް ކުލަބް ސިޓީން ކަށަވަރުކޮށްފިއެވެ.

ސިޓީއަށް ލީގު ޗެމްޕިއަންކަން ލިބުނުއިރު، އެ ޓީމަށް ބާކީ އެއް މެޗު އެބައޮތެވެ. އެއީ ފަހު މެޗުގައި ވެމްކޯއާ ދެކޮޅަށް ކުޅުނު މެޗެވެ. ބުދަ ދުވަހުގެ ހަވީރު ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް ކުޅުނު މެޗު ސިޓީން ވަނީ ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. އެއާއެެކު އެ ޓީމަށް ލީގު ހޯދުމަށް ބޭނުންވީ ވެމްކޯއަށް ސެޓެއް ގެއްލުމެވެ. ލީގު ހޯދުމުގެ ރޭހުގައި ވާދަކުރަން ޖެހޭނަމަ، ވެމްކޯއަށް ޖެހުނީ ބާކީ އޮތް ތިން މެޗުން ވެސް ސީދާ ތިން ސެޓުން މޮޅުވާށެވެ. ނަމަވެސް ޕޮލިހާ ދެކޮޅަށް ކުޅުނު މެޗުގައި ވެމްކޯއިން ފުރަތަމަ ދެ ސެޓު ހޯދާފައި ވަނިކޮށް، ޕޮލިހުން ވަނީ ފަހަތުން އަރައި ދެ ސެޓު ކާމިިޔާބުކޮށްފައެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ކާމިޔާބުކުރީ ވެމްކޯއިންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓުގައި ޕޮލިހަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ފުރަތަަމަ ސެޓު ފަށައިގެން ދާދި އެއްވަރުކޮށް ގޮސް ޕޮލިހުން ވަނީ ލީޑު ވެސް ނަގާފައެވެ. ނަމަވެސް ވެމްކޯގެ އައު ސެޓަރު ވިޕުލް ސެޓުކޮށްދޭ ބޯޅަތަކުގައު ބާރު އެޓޭކްތަކެއްކޮށް، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަޝްވަލް ރާއީ ވަނީ ވެމްކޯއަށް ސެޓު ކާމިޔާބުކޮށްދީފައެވެ. ވެމްކޯއިން މި ސެޓު ކާމިޔާބުކުރީ 25-19 ންނެވެ.

ފުރަތަމަ ސެޓާ ޚިލާފަށް ދެ ވަނަ ސެޓުގައި މުޅިން ލީޑު ކުރީ ވެމްކޯއެވެ. މި ސެޓުގައި ވެމްކޯގެ އަޝްފާގު އާދަމް (އައްކަޅޭ)ގެ ރަނގަޅު ޑިފެންސްތަކެ ވަނީ ފެނިފައެވެ. ވެމްކޯގެ ކުޑަކާއްޓެ އާއި އަޝްވަލް ރާއީގެ ހަމަލާތައް ހުއްޓުވުމުގައި ޕޮލިހަށް އުނދަގޫތަކަކާ ކުރިމަތިވިއެވެ. މި ސެޓުގައި ޕޮލިސް ޓީމުގެ އަނޫ ޖޭމްސް އާއި އަކިން އަށް ފޮނުވާލެވުނީ މަދު ހަމަލާއެކެވެ. މީގެ އިތުރުން ކުރިން މެޗުތަކުގައި ރަނގަޅަށް ކުޅެމުން އައި މާއިޝް އަހުމަދާއި، ހައިލަމް ހަސަން ވެސް ފެނުނީ ދަށްކޮށެވެ. މުޅިން ލީޑުގައި އޮވެ ވެމްކޯއިން ދެ ވަނަ ސެޓު ކާމިޔާބުކުރީ 25-17 ންނެވެ.

ތިން ވަނަ ސެޓުގެ ކުޅުން މެދަކާ ހަމައަށް ދިޔައިރު ދެ ޓީމު އޮތީ ދާދި އެއްވަރުކޮށެވެ. ނަމަވެސް ވަކި ހިސާބަކުން ޕޮލިސް ޓީމުގެ ކުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެ ޓީމުގެ ސެޓަރު މުތުސާމީ ވަނީ ރަނގަޅު ބޯޅަ ތަކެއް ސެޓުކޮށްދީފައެވެ. އެ ބޯޅަތަކުގެ ބޭނުންހިފައި، އަކިން އާއި އަނޫ ވަނީ ރަނގަޅު އެޓޭކްތަކެއް ކޮށްފައެވެ. މީގެ އިތުރުން މާއިޝް ވެސް ވަނީ ތަފާތު ކުޅުމެއް ދައްކާފައެވެ. ސެޓުގެ ފަހު ވަގުތު ދެ ފަހަރަކު ނަތީޖާ އެއްވަރު ވެސްވިއެވެ. އެއީ 22-22 ންނާއި 23-23 ންނެވެ. ނަމަވެސް ތަފާތު މޮޅު ކުޅުމެއް ދައްކައި ޕޮލިސް ވަނީ 25-23 ން ސެޓު ކާމިޔާބުކޮށްފައެވެ.

އެ ރޫހުގައި ނުކުމެ ޕޮލިހުން ވަނީ ހަތަރު ވަނަ ސެޓު ވެސް ކާމިޔާބުކޮށްފައެވެ. ޕޮލިހުގެ ޒުވާން ކުޅުންތެރިންގެ ކުޅުން ވެސް ފާހަގަކޮށްލެވެއެވެ. ޕޮލިސް ޓީމުގެ އެޓޭކްގައި އަކިން އާއި އަނޫގެ އިތުރުން މާއިޝް ވެސް ވަނީ ރަނގަޅު އެޓޭކްތަކެއް ކޮށްފައެވެ. މީގެ އިތުރުން ޑިފެންސްގައި އެ ޓީމުގެ ލިބަރޯ މުހައްމަދު ނައީމް (ނައިންޓެ) ވަނީ ރަނގަޅު ބޯޅަ ތަކެއް ކުޅެފައެވެ. ލީޑުގައި އޮވެ ޕޮލިހުން ވަނީ މި ސެޓު 25-20 ން ކާމިޔާބުކޮށްފައެވެ.

ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓުގައި ރަނގަަޅަށް ކުޅުނީ ވެމްކޯއެވެ. ފުރަތަމަ ދެ ސެޓާ އެއްގޮތަށް ކުޅެ ވެމްކޯއިން މި ސެޓު ކާމިޔާބުކުރީ 15-12 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)އެވެ.

ލީގު ހޯދި ސިޓީ އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ އެއް ވަނަ މަގާމުގައެވެ. އެ ޓީމަށް ސެޓެއް ގެއްލިފައިނުވާއިރު، ސިޓީން ވަނީ 12 ޕޮއިންޓު ހޯދާފައެވެ. ދެ ވަނަ މަގާމުގައި އޮތް ސިފައިންގެ ކުލަބަށް ލިބެނީ ހަ ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ވެމްކޯއަށް ފަސް ޕޮއިންޓު ލިބޭއިރު، ހަތަރު ވަނައިގައި އޮތް ޕޮލިހަށް ލިބެނީ ހަތަރު ޕޮއިންޓެވެ. އޮފު އެފްސީ އާއި ގުޑީސް ސްޕޯޓްސް ކުލަބަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

- ކޮމެންޓް