ކ. މާލެ
|
29 ޖޫން 2022 | ބުދަ 10:35
އޮފު އެފްސީގެ ކޯޗު ރިއްޗަޅޭ
އޮފު އެފްސީގެ ކޯޗު ރިއްޗަޅޭ
ރާއްޖެ އެމްވީ
ޤައުމީ ވޮލީބޯޅަ ލީގު 2022
މުބާރާތުގެ ރެފްރީންނާމެދު އޮފު އެފްސީގެ ހިތްހަމަނުޖެހުން
 
ހޯމަ ދުވަހު ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް ކުޅުނު މެޗު ވެސް ހޫނުވެގެން ދިޔައީ ރެފްރީގެ ގޯސް ނިންމުމެއްގެ ސަބަބުން

ޤައުމީ ވޮލީބޯޅަ ލީގުގައި ރެފްރީންގެ ނިންމުންތައް ހުންނަ ގޮތާމެދު އޮފު އެފްސީގެ ކޯޗު މުހައްމަދު ރިޝްވާން (ރިއްޗަޅޭ) ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.

ރިއްޗަޅޭ މިހެން ބުނީ ލީގުގައި އަންގާރު ދުވަހުގެ ހަވީރު ސްޕޯޓްސް ކުލަބް ސިޓީ އަތުން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ރިއްޗަޅޭ ބުނީ އޮފު އެފްސީއާ އަޅާ ބަލާއިރު ސިޓީ ޓީމު މޮޅު ކަމަށެވެ. މީގެ އިތުރުން ސިޓީގައި ބިދޭސީ ތިން ކުޅުންތެރިން ތިބިކަން ރިއްޗަޅޭ ފާހަގަކުރިއެވެ. އޮފު އެފްސީގެ އެއް ކުޅުންތެރިޔަކަށް އަނިޔާވެ، އޭނާ ވަނީ މިހާރު އިންޑިއާއަށް ފުރައިފައެވެ.

ރިއްޗަޅޭ ބުނީ ރެފްރީންގެ ފަރާތުން އެ ޓީމަށް އެއްވެސް ވަރަކަށް ސްޕޯތު ނުލިބޭ ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި ހޯމަ ދުވަހު ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް ކުޅުނު މެޗު ވެސް ހޫނުވެގެން ދިޔައީ ރެފްރީގެ ގޯސް ނިންމުމެއްގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން ރިއްޗަޅޭ ބުނީ އެއީ އެ މެޗުގައި އެކަނި ދިމާވި ކަމެއް ނޫން ކަމަށާއި، މުބާރާތް ފެށުނީއްސުރެ ދިމާވާ ކަމެއް ކަމަށެވެ. އަދި ވަކި ބަޔަކު އެކަން ގޯސް ކުރަން އުޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ރިއްޗަޅޭ ބުނީ އެގޮތަށް ކަންތައް ކުރުމުގެ ސަބަބުން ގެއްލުން ވަނީ ޓީމުތަކަށް ކަމަށެވެ.

އެމީހުންގެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުން. އެކަމަކު އެގޮތަކަށް ނޫން އެހެން މީހުން ދެކެނީކީ. މި މައްސަލަ ނުޖެހޭ މެޗެއް ނުދޭ ކުރިޔަކަށް. އަސްލު އެއްބާރުލުން ދީގެން މިކަން ކުރާކަށް ނޫޅޭ. އެއީ އަސްލުވާ ގޮތަކީ. މިހާރު އަސްލު ފުނޑެނީ، ޓީމުތައް ހަމަ ފުނޑެނީ. އެއްވެސް ކަމެއް، ހަމަ އަނގައިން ބުންޏަސް ކާޑު ދައްކަނީ. އެއްވެސް ކަހަލަ ސްޕޯޓެއް ވެސް ނުދޭ. މިކަން އަސްލު ރަނގަޅު ކުރަން ބޭނުންވަނީ. ވޮލީއަށް، މިސާލަކަށް މިހާރު ނާދޭ މިތަނަށް ބަލާކަށް މީހަކު ވެސް. މިތާ ނެތް، ދިހަ މީހުން ވެސް ހަމަނުވޭ. ފެށުން އިރު ވަރަށް ރަނގަޅަށް، ވަރަށް ފޯރީގައި ދިޔަ އެއްޗެއް. ބައެއް މީހުން އަސްލު މީތި ގޯސްކުރަން ވެގެން މަސައްކަތް ކޮށްފައި މި އޮތީ.
މުހައްމަދު ރިޝްވާން (ރިއްޗަޅޭ) / އޮފު އެފްސީގެ ކޯޗު

އިތުރަށް ރިއްޗަޅޭ ބުނީ ގާތް ގާތުގައި މެޗުތައް ކުޅެން ޖެހުމުން އަނިޔާގެ މައްސަލަ ވަރަށް ބޮޑަށް ދިމާވާ ކަމަށެވެ. ބިދޭސީ އެއް ކުޅުންތެރިޔަަކަށް އަނިޔާވެ، އޭނަ މިހާރު ފުރައިގެން ގޮސްފިކަމަށާއި، ބަަދަލުގައި ކުޅުންތެރިޔަކު ނުލިބޭ ކަމަށެވެ. ނަމަވެސް އެއީ ޤަވާއިދު ހެދިފައި އޮތް ގޮތް ކަމަށާއި، އެކަމަށް ސަޕޯޓުކުރާކަމަށެވެ. ރިއްޗަޅޭ ބުނީ ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށާއި، އެކަމުގައި އެ ޓީމަށް ކުރެވުނު ހިތްވަރެއް ކުރާނެ ކަމަށެވެ. ރިއްޗަޅޭ ބުނީ މިކަންކަމުގައި ވޮލީ އާއިލާގެ ސްޕޯޓު ލިބެން ޖެހޭ ކަމަށެވެ.

މުބާރާތަށް ގެނެވުނު ބަދަލާއެކު ދިވެހި ރެފްރީންނަށް ވެސް ރަނގަޅު ތަޖުރިބާއެއް ލިބޭނެ ކަމެއް ވީއޭއެމް ކޯޗަސް ކޮމިޝަންގެ ރައީސް ޝުއައިބް އަޙުމަދު ވަނީ ބުނެފައެވެ. އަދި މުބާރާތާއެކު ރެފްރީންނަށް ކުރިއެރުމަކާއި ތަމްރީނެއް ލިބޭނެ ކަމަށެވެ. ސަބަބަކީ ނިންމުމެއް ނިންމާއިރު، ޕްރެޝަރާއެކު ނިންމަން ޖެހުންކަމަށެވެ. ސްޕީޑް ވޮލީއެއް ކުޅެމުންދާއިރު، ނިންމުންތައް ނިންމަށް ރަނގަޅު ތަޖުރިބާއެއް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ހުރި ވޮލީގެ އެންމެ ތަޖުރިބާކާރު އެއް ކޯޗުކަމަށްވާ މުހައްމަދު ނަދީމް (ނަދީމްބެ) ބުނީ މީގެ ބޮޑު މެޗެއްގެ ރެފްރީކަން ކުރަން ލިބެނީ މަދު ރެފްރީއަކަށް ކަމަށެވެ. އެއީ ރާއްޖެއިން ބޭރަށް ގޮސްގެން އެކަން ކުރާ ލިބޭ ފުރުސަތެއްގައި ކަމަށެވެ. ނަމަވެސް، މިފަހަރުގެ ދިގު ވޮލީ ސީޒަނެއް ކުރިއަށްދާއިރު، ކޮންމެ މެޗަކީ ވެސް އެއްވަރެއްގެ މެޗު ކަމަށެވެ. ނަދީމްބެ ބުނީ ކުޅުންތެރިންނާއި ކޯޗުންނަށް މިސްޓޭކްސް ހެދޭ ބީދައިން، ރެފްރީންނަށް ވެސް މިސްޓޭކްސް ހެދޭނެ ކަމަށެވެ. ނަދީމްބެ ބުނީ ޖުމުލަ ގޮތެއްގައި ބަދަލާއެކު ރެފްރީންނަށް ތަޖުރިބާތަކާއި، ކުރިއެރުންތައް ލިބޭނެ ކަމަށެވެ.

އިތުރަށް ޝުއައިބް ބުނީ މިހާތަނަށް ރެފްރީންގެ ފަރާތުން މަދު މިސްޓޭކްސްް ފެނުނު ނަމަވެސް، ޖުމުލަ ގޮތެއްގައި ހުރިހާ ނިންމުމެއް ވެސް ފެންނަނީ އިންސާފުވެރިކޮށްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް