ޤައުމީ ލީގުގައި ސްޕޯޓްސް ކުލަބް ސިޓީއަށް ދެން އޮތީ އެންމެ މުހިންމު ދެ މެޗުކަމަށާއި، އެ ދެ މެޗަށް ވެސް ނުކުންނާނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ވަރުގަދަކޮށްކަމަށް އެ ޓީމުގެ ކޯޗު ޙުސެއިން ޝަރީފް (ނަލަ) ބުނެފިއެވެ.
ލީގުގައި ކޮންމެ ޓީމެއް ވެސް ފަސް މެޗު ކުޅެންޖެހޭއިރު، ސިޓީން ވަނީ މިހާތަނަށް ތިން މެޗު ކުޅެފައެވެ. އެ ޓީމު ވަނީ އެ ތިން މެޗު ވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އެއީ ގުޑީސް ސްޕޯޓްސް ކުލަބް، ޕޮލިސް ކުލަބް އަދި އޮފު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުތަކެވެ. ސިޓީއަށް ބާކީ އޮތް ދެ މެޗަކީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް މެޗާއި، ކުލަބް ވެމްކޯއާ ދެކޮޅަށް ކުޅޭ މެޗެވެ.
އަންގާރަ ދުވަހުގެ ހަވީރު އޮފު އެފްސީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރުމަށްފަހު ނަލަ ބުނީ، ލިބުނީ ވަރަށް މުހިންމު މޮޅެއް ކަމަށެވެ. ނަލަ ބުނީ އަބަދުވެސް ފާހަގަ ކުރާ ގޮތަށް މުޅި ސިޓީ އޮތީ އެއް އަޒުމެއްގައިކަމަށެވެ. މުޅި ޓީމުގެ މަގްސަދަކީ ކާމިޔާބީ ހޯދުން ކަމަށް ވެސް ނަލަ ބުންޏެވެ.
އިތުރަށް ނަލަ ބުނީ އޭނާ ވެސް އަދި މުޅި ސިޓީވެސް ދެކޭ ގޮތުގައި އެ ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) ރަނގަޅަށް ކުޅޭނަމަ، މުޅި ސިޓީ ކުޅޭނީ ރަނގަޅަށް ކަމަށެވެ. މީގެ ކުރިން ވެސް ހުޒާމުގެ ކުޅުމަށް ތައުރީފުކުރި ނަލަ ވަނީ އަންގާރަ ދުވަހު ވެސް ހުޒާމުގެ މޮޅު ކުޅުމަށް ތައުރީފުކޮށްފައެވެ.
އަޅުގަނޑު ހަމަ ވަރަށް ބޮޑަށް، އަޅުގަނޑު ވެސް ޓީމު ވެސް ވަރަށް ބޮޑަށް ބަލަމުން ގެންދާ ކެމެއް އެއީ. ހުޒާމު ރަނގަޅަށް ކުޅެފި ނަމަ، މި ޓީމު އަސްލު ވަރަށް ރަނގަޅަށް ކުޅޭނެ. އެއީ މިދިޔަ ހުރިހާ މެޗެއްގައި ހުޒާމު ވަރަށް ރަނގަޅަށް ކުޅެގެން، ވަރަށް ރަނގަޅު ޑިފެންސް ތަކެއް ހަދައިގެން އަސްލުގަ ޓީމު މޮޅުވެފައި ހުރީ ވަރަށް ބޮޑަށް. އަޅުގަނޑު ކުރިން ވެސް ބުނިން މިވަރު ރަނގަޅު މުބާރާތެއް، މިވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ކުޅޭއިރު، ޑިފެންސް ކުރާ ޓީމެކޭ މޮޅުވާނީ. އެހެންވީމަ އޭގެ ފައިދާ އަޅުގަނޑުމެންނަށް މިކުރަނީ.ޙުސެއިން ޝަރީފް (ނަލަ) / ސްޕޯޓްސް ކުލަބް ސިޓީގެ ކޯޗު
ހުޒަންޓެ ވަނީ ނިމުނު އެސޯސިއޭޝަން ކަޕްގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ޤައުމީ ލީގުގައި ވެސް މިހާތަނަށް އޭނާ އަންނަނީ ރަނގަޅު، މޮޅު ކުޅުމެއް ދައްކަމުންނެވެ. ހުޒަންޓެގެ އިތުރުން އެ ޓީމުގައި ހިމެނޭ ހުސެއިން ޔޫސުފް (ޓޯއީ) އަދި ލިބަރޯ އަހުމަދު ނަބީލް ވެސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
ލީގުގައި ސިޓީން ދެން އޮތް މެޗަކީ ބުރާސްފަތި ދުވަހުގެ ހަވީރު ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް ކުޅޭ މެޗެވެ. ލީގުގެ އެންމެ ފަހު މެޗުގައި ސިޓީ ނިކުންނާނީ ކުލަބް ވެމްކޯއާ ދެކޮޅަށެވެ. އެސޯސިއޭޝަން ކަޕްގައި މި ދެ ޓީމު ވަނީ ދެފަހަރަކު ބައްދަލުކޮށްފައެވެ. މުބާރާތުގެ ލީގު ބުރުގައި ވެމްކޯ އަތުން ތިން ސެޓު އެއް ސެޓުން ބަލިވި ނަމަވެސް، ފައިނަލްގައި ސިޓީން ވަނީ ތިން ސެޓު ދެ ސެޓުން ވެމްކޯ ބަލިކޮށް، އެސޯސިއޭޝަން ކަޕްގެ ތަަށި އުފުލާލާފައެވެ.