ކ. މާލެ
|
28 ޖޫން 2022 | އަންގާރަ 18:14
ސިޓީން ކުޅުނު މެޗެއްގެ ތެރެއިން
ސިޓީން ކުޅުނު މެޗެއްގެ ތެރެއިން
އަދަދު
ގައުމީ ވޮލީބޯޅަ ލީގު 2022
އޮފު އެފްސީ ބަލިކޮށް ސިޓީން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ސިޓީން އޮފު އެފްސީ ބަލިކުރީ ސީދާ ތިން ސެޓުން

ގައުމީ ވޮލީބޯޅަ ލީގުގައި އޮފު އެފްސީ ބަލިކޮށް ސްޕޯޓްސް ކުލަބް ސިޓީން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.

ލީގުގައި މީގެ ކުރިން ސިޓީ ވަނީ އެ ޓީމު ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ. އެއީ ގުޑީސް ސްޕޯޓްސް ކުލަބާއި، ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު މެޗެވެ. އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި އޮފު އެފްސީ ބަލިކޮށް ސިޓީން ވަނީ ގަދަ ހަތަރެއް ޔަގީންކޮށްފައެވެ. ދެން އެ ޓީމުން ވާދަކުރާނީ ލީގުގެ އެއްވަނަ މަގާމަށެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ތިން ސެޓު ވެސް ސިޓީން ހޯދާފައިވަނީ މުޅިން ލީޑުގައި އޮވެއެވެ. މެޗުގައި ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)ގެ އިތުރުން އެ ޓީމުގެ ބިދޭސީ އެޓޭކަރުން ކަމަށްވާ ވިނީތު ކުމާރާއި ހަރްދީފް ސިންގްގެ ބާރު ހަމަލާތައް ވަނީ ފެނިފައެވެ. މީގެ އިތުރުން އެ ޓީމުގައި ހިމެނޭ ހުސައިން ޔޫސުފް (ޓޯއީ) ވެސް ވަނީ މުހިންމު ވަގުތުތަކުގައި މޮޅަށް ކުޅެފައެވެ. މެޗުގެ ސެޓުތައް ސިޓީން ކާމިޔާބުކުރީ 25-16، 25-19 އަދި 25-16 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިޓީގެ ކެޕްޓަން ހުޒަންޓެއެވެ.

ލީގުގައި ސިޓީއަށް ބާކީ އޮތީ ދެ މެޗެވެ. އެއީ ބުރާސްފަތި ދުވަހުގެ ހަވީރު ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް ކުޅޭ މެޗާއި، ހޮނިހިރު ދުވަހުގެ ރޭ ކުލަބް ވެމްކޯއާ ދެކޮޅަށް ކުޅޭ މެޗެވެ.

ވީއޭއެމުން ވަނީ މުބާރާތުގެ ޝެޑިއުލަށް ބަދަލު ގެނެސްފައެވެ. އެ ގޮތުން މިރޭ ވެމްކޯއާއި ގުޑީސް ކުޅުމަށް ހަމަޖެހިފައިވާ މެޗު ވަނީ ބުރާސްފަތި ދުވަހުގެ ރެޔަށް ބަދަލުކޮށްފައެވެ. ލީގުގެ ފަހު މެޗުތައް ކުރިއަށް ދާނީ ހޮނިހިރު ދުވަހުއެވެ. ޝެޑިއުލަށް ގެނައި ބަދަލާއެކު، ހޮނިހިރު ދުވަހު ތިން މެޗެއް ކުޅެން ޖެހޭނެއެވެ. އެ ދުވަހުގެ މެންދުރު 14:30ގައި އޮންނަ މެޗުގައި އޮފު އެފްސީ ނިކުންނާނީ ގުޑީސްއާ ދެކޮޅަށެވެ. އެ ދުވަހުގެ ހަވީރު 16:30ގައި އޮންނަ މެޗުގައި ދިވެހި ސިފައިންގެ ކުލަބް ނިކުންނާނީ ޕޮލިސް ކުލަބާ ދެކޮޅަށެވެ. ފަހު މެޗުގައި އެރޭ 20:30ގައި ސިޓީ ނިކުންނާނީ ވެމްކޯއާ ދެކޮޅަށެވެ.

ލީގުގެ ގަދަ ހަތަރު ޖާގަ ހޯދާ ޓީމުތަކަށް ގައުމީ މުބާރާތުން ޖާގަ ލިބޭނެއެވެ.

- ކޮމެންޓް