ކ. މާލެ
|
28 ޖޫން 2022 | އަންގާރަ 13:59
ގުޑީސްގެ އެސިސްޓެންޓު ކޯޗު އަމްޖަދު
ގުޑީސްގެ އެސިސްޓެންޓު ކޯޗު އަމްޖަދު
ރާއްޖެ އެމްވީ
ޤައުމީ ވޮލީބޯޅަ ލީގު 2022
ތިބި ފެންވަރުގެ ކުޅުންތެރިންނަށް ބަލާއިރު މިއީ ޤަބޫލުކުރަން ދަތި ނަތީޖާއެއް: އަމްޖަދު
 
ޤައުމީ ވޮލީބޯޅަ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައި

މިއަހަރުގެ ވޮލީ ސީޒަނަށް ކުރިމަތިލީއިރު، ގުޑީސް ސްޕޯޓްސް ކުލަބަށް ލިބިފައިވާ ކުޅުންތެރިންނަށް ބަލާއިރު، ނަތީޖާ ޤަބޫލުކުރަން ދަތިކަމަށް އެ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު އަމްޖަދު ބުނެފިއެވެ.

މިއަހަރުގެ ވޮލީ ސީޒަނަށް ނިކުން ގުޑީސް ޓީމުގައި ހިމެނޭ ދިވެހި ކުޅުންތެރިންގެ ތެރޭގައި ޤައުމީ ޓީމުގެ ސެޓަރ ހުސެއިން ވިޝާމް (ބުޅިކޭ)، ގައުމީ ޓީމުގެ އެޓޭކަރ ހަސަން ނިލާމް (ޕާޓޭ) އަދި ޤައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދިން އަލީ އާމިރު (ދިގު އައްޔަ) ހިމެނެއެވެ. މީގެ އިތުރުން ގުޑީސް ޓީމަށް ލިބުނު ބިދޭސީ ކުޅުންތެރިންނަކީ އެޓޭކަރ ވަރުން ޖީއެސް އަދި ރިޔާޒުއްދީންގެ އިތުރުން ބަލްކަރ މޯހިތު ޝަރާވަތެވެ. މި ކުޅުންތެރިންގެ އިތުރުން ގުޑީސް ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަނީ ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމުގެ ކުރީގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗްއެވެ. އޭނާއަކީ ރާއްޖޭގެ ގައުމީ ވޮލީ ޓީމަށް މިހާތަނަށް ގެނައި އެންމެ މަތީ ފަންތީގެ ކޯޗެވެ.

ނަމަވެސް ގުޑީސް އިން ނިމުނު އެސޯސިއޭޝަން ކަޕް ނިންމާލަން ޖެހުނީ އެއްވެސް މެޗަކުން މޮޅުނުވެއެވެ. މިހާރު ކުރިއަށްދާ ޤައުމީ ވޮލީބޯޅަ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުގައި ސްޕޯޓްސް ކުލަބް ސިޓީ އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި ވަނީ ހޯމަ ދުވަހުގެ ރޭ ޕޮލިސް ކުލަބް އަތުން ބަލިވެފައެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން އަމްޖަދު ބުނީ އެ މެޗަކީ މޮޅުވާން މަޖުބޫރު މެޗަކަށްވިކަމަށެވެ. އޭނާ ބުނީ އެ މެޗު ދިޔައި ހީކުރި ވަރަށް ވުރެ ވެސް ދަށްކޮށްކަމަށެވެ.

ޓީމުގެ ބޭރު ކުޅުންތެރިންނާ ގުޅޭ ގޮތުން އަމްޖަދު ބުނީ އެ ކުޅުންތެރިން އެ މީހުންގެ 100 އިންސައްތަ ދައްކާ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު އެވަރު ނުދެއްކޭ މެޗުތައް ވެސް ދާކަމަށާއި، އެކަން އެގޮތަށް ދިމާވާ މައިގަނޑު ސަބަބުން ބުނަން ނޭންގޭ ކަމަށެވެ.

ބޭރު ކުޅުންތެރިން އެމީހުންގެ 100 ޕަސެންޓު އެބަދޭ. ބައެއް ފަހަރު އެބަ ފެނޭ 100 ޕަސެންޓު ނުދެވޭ ތަން ވެސް. އޭގަ އުޅެނީ ކޮން މައްސަލައެއް ކަމެއް ނޭންގޭ. އެހެން ނޫނީ ބޭރު ކުޅުންތެރިން އަނިޔާވެފައި، ރަނގަޅަށް އެ މައުލޫމާތު އަހަރަމެންނާ ހަމައަށް ނުގެންނަނީ. އެހެން ނޫނީ ޓީމާ ދޭތެރޭގައި ހިތްހަމަ ނުޖެހެނީ. ދެން މުޅިޔަކުން ނުބުނެވޭނެ ދިވެހި ކުޅުންތެރިންނާ ހެދިޔެކޭ ބަލިވަނީ. އެވްރެޖުކޮށް މުޅި ޓީމުގެ ޕާފޮމަންސް ނުދެއްކޭތީ ބަލިވަނީ.
މުހައްމަދު އަމްޖަދު / ގުޑީސްގެ އެސިސްޓެންޓް ކޯޗު

މީގެ އިތުރުން އަމްޖަދު ބުނީ ލީގުގައި ކުރިއަށް އޮތް ތިން މެޗަކީ ވަރަށް އުނދަގޫ ތިން މެޗު ކަމަށެވެ. އުންމީދަކީ އެ ތިން މެޗުގައި ވެސް ރަނގަޅު ފައިޓެއް ދިނުން ކަމަށެވެ. ގުޑީސަށް ބާކީ އޮތް ތިން މެޗަކީ މިރޭ ކުލަބް ވެމްކޯއާ ދެކޮޅަށް ކުޅޭ މެޗާއި، ބުރާސްފަތި ދުވަހުގެ ހަވީރު ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ހުކުރު ދުވަހުގެ ރޭ އޮފު އެފްސީއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
50%
0%
0%
ކޮމެންޓް