ކ. މާލެ
|
27 ޖޫން 2022 | ހޯމަ 19:34
ދިވެހި ސިފައިންގެ ކުލަބް ކުޅުނު މެޗެއްގެ ތެރެއިން
ދިވެހި ސިފައިންގެ ކުލަބް ކުޅުނު މެޗެއްގެ ތެރެއިން
އަދަދު
ޤައުމީ ވޮލީބޯޅަ ލީގު
ސިފައިންގެ ކުލަބުން އޮފު އެފްސީ ބަލިކޮށްފި
ސިފައިންގެ ޓީމުން މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުން

ޤައުމީ ވޮލީ ލީގުގައި ދިވެހި ސިފައިންގެ ކުލަބުން އޮފު އެފްސީ ބަލިކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ސިފައިންގެ ކުލަބު މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެެޗުގައި ސިފައިންގެ ޓީމުގެ އާދަމް ނަސީމް (އެޑަމް)ގެ އިތުރުން ބިދޭސީ ކުޅުންތެރިންގެ މޮޅު ކުޅުން ވަނީ ފެނިފައެވެ. މެޗުގެ ސެޓުތައް ގޮސްފައިވަނީ ވާދަވެރިކޮށެވެ.

ފުރަތަމަ ފަށައިގެން ވެސް ދެ ޓީމުން ދިޔައީ ދާދި އެއްވަރުކޮށް ކުޅެމުންނެވެ. ނަމަވެސް ސިފައިންގެ ޓީމުގެ ޝޮން ޓީ ޖޯން ގެ ހަމަލާތަކުން އެ ޓީމަށް ލީޑު ލިބުނީ ފަހު ވަގުތުއެވެ. ސިފައިންގެ ޓީމުން ފުރަތަމަ ސެޓު ކާމިޔާބުކުރީ 25-21 ންނެވެ. ދެ ވަނަ ސެޓުގެ ކުޅުން ވެސް ފެނުނީ އެއްވަރުކޮށެވެ. ދެ ޓީމުގެ ވެސް ބިދޭސީ އެޓޭކަރުންގެ ބާރު ހަމަލާތައް ފެނުނެވެ. ސެޓުގެ ފަހު ވަގުތު 23-23 އެއްވަރުވެފައި ވަނިކޮށް، ސިފައިންގެ ޝޮން ފޮނުވާލި ހަމަލާއެއް އޮފު އެފްސީގެ ޖޯން ޖޯސެފް ބްލޮކްކޮށް، 24-23 ށް ލީޑު ނަގައިދިނެވެ. ނަމަވެސް ރެފްރީ ނިންމީ ބްލޮކް ކުރަން އުޅުމުގެ ތެރޭގައި އޭނާ ފައުލްވިކަމަަށެވެ. އެއާއެކު އޮފު އެފްސީގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ވަރަށް ބޮޑަށް އެޕީލް ކުރަން ފެށިއެވެ. ނަމަވެސް ރެފްރީ ވަނީ އޭނާގެ ނިންމުން ދަމަހައްޓާފައެވެ. އެޕްރެޝަރުގައި އޮފު އެފްސީގެ ކުޅުންތެރިން ތިއްބާ ސިފައިންގެ ޓީމު ސެޓު ކާމިޔާބުކުރީ، 25-23 ންނެވެ.

ތިން ވަނަ ސެޓުގެ ކުރީ ކޮޅު ދާދި އެއްވަރުކޮށް ދިޔަ ނަމަވެސް، މި ސެޓުގައި ރެފްރީގެ ނިންމުމަކާމެދު ހިތްހަމަ ނުޖެހުން ފާޅުކުރުމުން ރެފްރީ ވަނީ އޮފު އެފްސީގެ ޖޯން ޖޮސެފަށް ރަތް ކާޑު ދައްކާފައެވެ. ސެޓުގެ އޮއެވަރު ބަދަލުވީ އެހާ ހިސާބުންނެވެ. ރެފްރީގެ މި ނިންމުމާމެދު ވެސް އޮފު އެފްސީން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ކުރީ ދެ ސެޓާ ޚިލާފަށް ސިފައިންގެ ޓީމުން މި ސެޓު ކާމިޔާބުކުރީ ބޮޑު ލީޑަކާއެކުއެވެ. އެ ޓީމުން ސެޓު ކާމިޔާބުކުރީ 25-15 ންނެވެ. މެެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ކުލަބުގެ ޝޮން ޓީ ޖޯންއެވެ.

މުބާރާތުގައި މިރޭ ޕޮލިސް ކުލަބް ނިކުންނާނީ ގުޑީސް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

- ކޮމެންޓް