ޤައުމީ ވޮލީބޯޅަ ލީގުގައި ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި ސްޕޯޓްސް ކުލަބް ސިޓީން ސީދާ ތިން ސެޓުން ޕޮލިސް ބަލިކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވަރުގަދަ ކުޅުމެކެވެ. ސީދާ ތިން ސެޓުން ސިޓީ މެޗު ކާމިޔާބުކުރި ނަމަވެސް، ޕޮލިހުން ވަނީ ކޮންމެ ސެޓެއްގައި ވެސް ރަނގަޅު ފައިޓެއް ދީފައެވެ. ޕޮލިހަށް ސެޓުތައް ގެއްލުނީ ފަހި ވަގުތު އެ ޓީމަށް ހެދުނު ގޯސްތަކެއްގެ ސަބަބުންނެވެ.
މެޗުގެ ފުރަތަމަ ސެޓުގެ ކުޅުން ފެނުނީ ހަމަހަމަކޮށެވެ. މި ސެޓުގައި ޕޮލިސް ޓީމުގެ އަނޫ ޖޭމްސް އާއި އަކިންގެ ހަމަލާތަކެއް ފެނުނެވެ. މީގެ އިތުުރުން އެ ޓީމުގެ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ މާއިޝް އަޙުމަދާއި ހައިލަމް ހަސަންގެ ކުޅުން ވެސް ފާހަގަކުރެވެއެވެ. ސިޓީއަށް މި ސެޓުގައި ލީޑު ލިބުނީ އެ ޓީމުގެ ވިނީތު ކުމާރު އާއި ހަރްދީޕް ސިންގް ގެ ހަމަލާތަކުންނެވެ. މީގެ އިތުުރުން ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) ގެ ބާރު ހަމަލާތަކާއި، ޑިފެންސްގައި މޮޅު ކުޅުމެއް ވެސް ފެނުނެވެ. ޕޮލިހުން ފަހު ވަގުތު 25-25 ން އެއްވަރުކުރި ނަމަވެސް، އެ ޓީމަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގާ ސިޓީން ސެޓު ކާމިޔާބުކުރީ 27-25 ންނެވެ.
ދެ ވަނަ ސެޓު ފަށައިގެން ކުރީކޮޅު ޕޮލިހުން ލީޑެއް ނެގިއެވެ. ނަމަވެސް ސިޓީން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް ލީޑު ހޯދާފައެވެ. މި ސެޓުގައި ސިޓީން ލީޑު ހޯދުމުގައި ހުޒަންޓޭގެ އިތުރުން ވިނީތު އާއި ވިޔާނަކްގެ ކުޅުން ފެނުނެވެ. ވިނީތު އާއި ވިޔާނަކް ވަނީ ޕޮލިސްގެ މުހިންމު ހަމަލާތަކެއް ބްލޮކް ކޮށްފައެވެ. މި ސެޓުގައި ސިޓީގެ ހުސެއިން ޔޫސުފް (ޓޯއި) ގެ މޮޅު ކުޅުން ވެސް ވަނީ ފެނިފައެވެ. ސިޓީއަށް މި ސެޓުގައި ލީޑު ލިބުނީ ހުޒަންޓެގެ ހަމަލާއަކުންނެވެ. މި ސެޓުގައި ވެސް ފަހު ވަގުތު ޕޮލިހަށް ވަނީ ގޯސްތަކެއް ހެދިފައެވެ. 23-20 ން ލީޑު ނަގާ، އެ ލީޑު ހިފަހައްޓާ ސިޓީން ސެޓު ކާމިޔާބުކުރީ 25-20 ންނެވެ.
ތިން ވަނަ ސެޓު ފަށައިގެން ވެސް ލީޑު ނެގީ ޕޮލިހުންނެވެ. އެ ޓީމުން ވަނީ ސެޓު ފަށައިގެން 5-0 ގެ ލީޑެއް ނަގާފައެވެ. ނަމަވެސް ސިޓީގެ ހުޒަންޓެއާއި ވިނީތުގެ އިތުރުން ހަރްދީޕްގެ ހަމަލާތަކުން ސިޓީން ލީޑު އަތުލިއެވެ. މި ސެޓުގެ ވެސް މުހިންމު ވަގުތުގައި ޕޮލިސް ޓީމަށް ވަނީ ގޯސްތަކެއް ހެދިފައެވެ. ކުރީ ދެ ސެޓާ ޚިލާފަށް މި ސެޓުގެ ފަހު ވަގުތުގައި ސިޓީން ވަނީ ބޮޑު ލީޑެއް ނަގާފައެވެ. ސެޓުގައި ސިޓީން ވަަނީ 24-18 އަށް ލީޑު ފުޅާކޮށްފައެވެ. އޭގެ ފަހުން ޕޮލިހުން ދެ ޕޮއިންޓު ހޯދި ނަމަވެސް، ވިނީތުގެ ބާރު ހަމަލާއަކުން ސިޓީން ސެޓު ކާމިޔާބުކުރިއެވެ. ސިޓީން މި ސެޓު ކާމިޔާބުކުރީ 25-20 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިޓީގެ ބިދޭސީ ކުޅުންތެރިޔާ ވިނީތުއެވެ.
މުބާރާތުގައި މިއަދު ހަވީރު ދިވެހި ސިފައިންގެ ކުލަބް ނިކުންނާނީ އޮފު އެފްސީއާ ދެކޮޅަށެވެ. މިރޭ ޕޮލިސް ނިކުންނާނީ ގުޑީސް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.