ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ވެސް ކްލަބް ވެމްކޯ އިން ހޯދައިފި އެވެ.
އެސޯސިއޭޝަން ކަޕްގެ ވެސް ޗެމްޕިއަން ވެމްކޯއިން ގައުމީ މުބާރާތް ވެސް ކާމިޔާބުކުރީ ފައިނަލްގައި ޕޮލިސް ކްލަބް ބަލިކޮށްގެންނެވެ. އަންގާރަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗު ވެމްކޯއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެސެޓް ވެސް ވެމްކޯއިން ގެންދިޔައީ 25-21 ނެވެ. އެކަމަކު ތިންވަނަ ސެޓް 25-19 ން ޕޮލިސް ކްލަބް ހޯދުމުން ވާދަވެރިވާނެކަމަށް ބެލެވުނެވެ. ސެޓްގެ ފަހުބައި ވާދަވެރިކޮށް ދިޔަ ހަތަރުވަނަ ސެޓް 25-23 ން ކާމިޔާބުކޮށް ވެމްކޯއިން ތަށި ހޯދިއެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ވެސް ހޮވުނު ވެމްކޯގެ ކީޝާ ރިކޯލް ހަންޓް އެވެ. މުބާރާތުގެ އެންމެ މޮޅު ސެޓަރަކީ ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރެވެ. ބެސްޓް މިޑްލް ބްލޮކަރަކީ ވެމްކޯގެ މާޔާ ހުސައިން ސޮލާހު އެވެ. ސެކަންޑް ބެސްޓް މިޑްލް ބްލޮކަރަކީ ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަންގެ އައިމިނަތު ރިޔާސާ އެވެ. ބެސްޓް އައުޓްސައިޑް އެޓޭކަރަކީ ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ އެވެ. ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަރަކީ ވެމްކޯގެ ކެޕްޓަން އައިމިނަތު އަރީޝާ އެވެ. ބެސްޓް އޮޕޮސިޓް ޕްލޭޔަރަކީ ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަންގެ ފާތިމަތު ސަމްހާ އެވެ. އެންމެ މޮޅު ލިބަރޯ އަކީ އެ ޓީމްގެ މައިހާ އަލީ އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ ޕޮލިސް ކްލަބްގެ އަލްޔާ އަހުމަދެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯ އަށް ތަށި ހޯދައިދިން ކޯޗު ޝުއައިބު އަހުމަދެވެ. މި މުބާރާތުގެ ވެސް އެންމެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ އައިޝަތު މާޖިދާ އެވެ. އެސޯސިއޭޝަން ކަޕްގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
މުބާރާތުގެ ފައިނަލުން ޕޮލިސް ކްލަބް ޖާގަހޯދީ ސެމީފައިނަލްގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށްގެންނެވެ. ވެމްކޯ ވަނީ ފުރަތަމަ ސެމީގައި އަލްމާ ސްޕޯރޓްސް ކްލަބް އަދި ތިންވަނަ ސެމީގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށްފައެވެ. ޤައުމީ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުޙައްމަދެވެ.