ކ. މާލެ
|
24 ޖޫން 2022 | ހުކުރު 16:42
ސިޓީގެ ކޯޗު ހުސެއިން ޝަރީފް (ނަލަ)
ސިޓީގެ ކޯޗު ހުސެއިން ޝަރީފް (ނަލަ)
ރާއްޖެއެމްވީ
އެސޯސިއޭޝަން ކަޕް 2022
މިއީ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް ގެނެސްދެއްވި ހެޔޮ ބަދަލެއް: ނަލަ
މީގެ ކުރިން މުބާރާތުގައި އޮންނަނީ ވާދަކޮށްލެވޭ ފެންވަރުގެ ހަތަރު ވަރަކަށް ޓީމު
މިހާރު މެޗުގެ ކުރިން ނަތީޖާ ބުނަން ނޭންގޭނެ

އެސޯސިއޭޝަން ކަޕްގެ ފޯމެޓަށް ގެނެވުނު ބަދަލަކީ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް ގެނެސްދެއްވި ހެޔޮ ބަދަލެއް ކަމަށް މިއަހަރު އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަން ސްޕޯޓްސް ކުލަބް ސިޓީގެ ކޯޗު ހުސެއިން ޝަރީފް (ނަލަ) ބުނެފިއެވެ.

މިއަހަރުގެ މުބާރާތަށް ގެނެވުނު ބަދަލަކީ ކޮންމެ ޓީމެއްގައި ވެސް ބިދޭސީ ތިން ކުޅުންތެރިން ހިމެނުމެވެ. ކުޅުންތެރިން ހިމަނާފައިވަނީ ޓީމުތަކުން ބޭނުންވި މަގާމުތަކަށެވެ. މި ބަދަލު ގެނައުމުގެ ބޭނުމަކީ ރާއްޖޭގައި ވޮލީގެ ލޯކަލް ވަރުގަދަ މުބާރާތެއް ބޭއްވުމުގެ އިތުުރުން، ގައުމީ ޓީމަށް އޭގެ ފައިދާ ހޯދައިދިނުމަށެވެ. ވޮލީގައި ގެއްލިފައިވާ ފޯރި އަލުން އަނބުރައި ގެނެސް، ޓީމުތަކުގެ މެދުގައި ވާދަވެރިކަން އުފެއްދުމަށެވެ.

މިގޮތުގެ މަތިން އިންޑިއާގެ ޕްރައިމް ލީގުގައި ކުޅުނު ވަރުގަދަ ކުޅުންތެރިން ހިމެނޭ ގޮތަށް ޕޫލެއް އެކުލަވާލާ، ޑްރާފްޓް އުސޫލަކުން ކުޅުންތެރިން ވަނީ ޓީމުތަކަށް ބަހާފައެވެ. އެއާއެކު މިއަހަރުގެ މުބާރާތް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ޓީމުތަކުގެ މެދުގައި އޮތީ ވަރުގަދަ ރޫހެކެވެ.

ފައިނަލަށްފަހު ނަލަ ބުނީ އޭނާގެ ނަޒަރުގައި ގެނެވުނު ބަދަލަކީ ރަނގަޅު ބަދަލެއް ކަމަށެވެ. ނަލަ ބުނީ މީގެ ކުރިން މުބާރާތުގައި އޮންނަނީ ވާދަކޮށްލެވޭ ފެންވަރުގެ ހަތަރު ވަރަކަށް ޓީމުކަމަށެވެ. މީގެ ކުރިން މެޗުތަކުގެ ނަތީޖާ ކުރިން ބުނަން އެނގުނު ނަމަވެސް، މިހާރު މެޗުގެ ކުރިން ނަތީޖާ ބުނަން ނޭނގޭނެ ކަމަށް ނަލަ ބުންޏެވެ.

އެހެންނޫނީ ހަތަރު ޓީމު އިންނަނީ، އަނެއްހެން ބުނަންޏާ. ދެން ހަތަރު ޓީމުގައި އިންނަނީ ރަނގަޅަށް ކުޅެވޭ ކަހަލަ ދެ ސެޓަރުން ކަހަލަ ގޮތަކަށް. މިހާރު ސެޓަރުންތަކުގެ ކުޅުން އަސްލު އެބަ ފެނޭ. އަޅުގަނޑަށް ހީވާ ގޮތުން މިއީ ރަނގަޅު ބަދަލެއް. އެއީ ކުރިން ކުޅުނު ހުރިހާ މެޗެއްގައި ވެސް، އަސްލުގަ އެއްވެސް މެޗެއް ނޭންގޭނެ ނުނިމެނީސް ނަތީޖާ ބުނާކަށް. އެހެންނު، ކުރިން ވެއްޖިއްޔާ އެނގޭނެ ނަތީޖާ ބުނެލަން. މިއީ ހަމަ ރަނގަޅު ބަދަލެއްހެން އަޅުގަނޑަށް ހީވަނީ.
ހުސެއިން ޝަރީފް (ނަލަ) / ސްޕޯޓްސް ކުލަބް ސިޓީގެ ކޯޗު

އިތުރަށް ނަލަ ބުނީ ހުރިހާ ކަމެއްގައި ވެސް ދެކޮޅުު އޮންނާނެ ކަމަށާއި، އޭނާއަށް ފެންނަ ގޮތުގައި މިއީ ހެޔޮ ބަދަލެއް ކަމަށެވެ. ނަލަ ފާހަގަ ކުރި ގޮތުގައި ބަދަލަކީ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ގެނެސްދެއްވި ހެޔޮ ބަދަލެކެވެ.

މިއަހަރުގެ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ސިޓީން ހޯދީ ފައިނަލްގައި ކުލަބް ވެމްކޯ ބަލިކޮށްގެންނެވެ.

- ކޮމެންޓް