ސިނގިރޭޓު ބުއިން ހުއްޓާލާއިރު، އެންމެ ބޮޑަށް އުނދަގޫވާނީ ހުއްޓާލާތާ ހަފްތާއެއް ވުމުންކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. "އަ ހެލްތް ބްލޮގް" ގައި ވަނީ ސިނގިރޭޓު ބުއިން ހުއްޓާލުމުން މީހާގެ ހަށިގަނޑާއި ނަފްސާނީ ދުޅަހެޔޮކަމަށް އަންނަ ބަދަލުތައް ބަޔާންކޮށްދީފައެވެ.
15-20 މިނެޓް:
ސިނގިރޭޓު ބުއިން ހުއްޓާލާތާ ގަޑިއިރެއްގެ ތެރޭގައި އެކަމުގެ ސައިކޮލޮޖިކަލް އަސަރު ފެންނަކަމަށް ސިއްޙީ ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން ލޭގެ ޕްރެޝަރަށްވެސް އެ ބަދަލުތަކުގެ އަސަރު ކުރާ ކަމަށާއި، ދުންފަތުގެ އިސްތިއުމާލު ކުރުމުން ހަށިގަނޑުގެ ތެރެއަށް އެތެރެ ވެފައިވާ ވިހަ މާއްދާތަތައް ހަށިގަނޑުން ބޭރު ކުރުމުގެ މަސައްކަތް ފުއްޕާމެއިން ފަށާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
8 ގަޑިއިރު ފަސް:
ސިނގިރޭޓު ބުއިން ހުއްޓާލާތާ 8 ގަޑިއިރެއްހާއިރު ފާއިތުވާއިރު ހަށިގަނޑުގެ އެތެރޭގެ ކާބަން މޮނޮކްސައިޑްގެ މިންވަރު ނޯރމަލްވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ލޭ ދައުރު ކުރުވުމުގެ ނިޒާމަށް އޭގެ ރަނގަޅު އަސަރު ކުރެއެވެ. އަދި ލޭ ދައުުުރުވުން ފަސޭހަވެ، ހަށިގަނޑަށް ފަސޭހައިން އޮކްސިޖަން ފޯރުކޮށްދެވުމުން، މީހާގެ ހަކަތަ އޭގެ ސަބަބުން އިތުރުވާކަމަށް ސިއްޙީ މާހިރުން ފާހަގަ ކުރެއެވެ.
24 ގަޑިއިރު ފަސް:
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާތާ އެއް ދުވަސްވާއިރު، ހަށިގަނޑުގެ ލޭނާރުތަކުން އޭގެ ބަދަލުތައް ފެނެއެވެ. އަދި ލޭ ނާރުތަކުގެ ހިނގުން ކުރިއަށްވުރެ ފަސޭހަވެ، ހިތުގެ ބަލިތަކަށް މަގުފަހި ވުމަށް މެދުވެރިވާ ސަބަބުތަކާ މީހާ ދުރުކޮށްދެއެވެ.
48 ގަޑިއިރު ފަސް:
އެންމެ ފަހު ސިނގިރޭޓް ބޯތާ 2 ދުވަސް ފަހުން، ވަސް ބެލުމާއި، ރަހަ ބެލުމުގެ ހިއްސަށް އޭގެ ރަނގަޅު އަސަރު ކުރެއެވެ. އެގޮތުން އެ ހިއްސުތައް ކުރިއަށްވުރެ ރަނގަޅަށް މަސައްކަތް ކުރާނެކަން ސިއްޙީ ތަޖުރިބާކާރުން ފާހަގަ ކުރެއެވެ.
އާންމުކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މި ހިއްސުތަކުގެ ބާރު ދަށްކޮށްލާ ކަމެއްކަމަށް ޑޮކްޓަރުން ބުނެއެވެ.
މި ސްޓޭޖްގައި މީހާގެ "ނިކޮޓިން-ކްރޭވިންގ" ވަރަށް ބޮޑަށް އިތުރުވެއެވެ. އެކަމުގެ ސަބަބުން މޫޑަށް ބަދަލު އައުމާއި، އެންޒައިޓީއާއި، ތަފާތު ބާވަތްތަކުގެ ކާތަކެތި ކެއުމުގެ ކްރޭވިންގްސް އައުން ފަދަ ކަންކަން ދިމާވެއެވެ.
އެކަމުގެ ސަބަބުން ވަޒީފާގެ މާހައުލުގައި މީހާ ކޮންސެންޓްރޭޓް ކުރަންވެސް ދަތިވާ ފަހަރު އަންނަކަމަށް މާހިރުން ވިދާޅުވެއެވެ.
ނަމަވެސް ސިނގިރޭޓު ބުއިން ހުއްޓާލާތާ 2 ދުވަސް ވެގެންދާއިރު މީހާގެ ނޭވާ ލުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އެގޮތުން ނެވާލާން އިތުރަށް ފަސޭހަވެ، އެ ނިޒާމުގެ ހިނގުން ކުރިއަށްވުރެ ރަނގަޅުވެގެން ދެއެވެ.
ހަފްތާއެއް ފަސް:
ހަފްތާއެއް ވެގެންދާއިރު، މީހާގެ ނިކޮޓިން ކްރޭވިންގ ހުންނާނީ އެންމެ މަތީގައެވެ. މާނައަކީ އެއީ އަނެއްކާވެސް ދުންފަތުގެ އިސްތިއުމާލު ކުރަން ފެށުމަށް މީހާގެ ސިކުނޑި އެންމެ ބޮޑަށް ގޮވާލާ ދުވަސްކޮޅެވެ. އެހެންނަމަވެސް، ހަފްތާއެއް ފަހުންވެސް މި އަމަލާއި ދުރުވެ ހުރެވިއްޖެނަމަ، އެމީހާ މުޅިން ސިނގިރޭޓް ބުއިމާ ދުރުވުމުގެ ފުރުސަތު 9 ގުނަ އިތުރުކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ހަފްތާއެއް ވެގެންދާއިރު ފުއްޕާމޭގެ ހިނގުން ކުރިއަށްވުރެ 30 އިންސައްތަ ރަނގަޅުވެެއެވެ.
މަހެއް ފަސް:
މަހެއް ވެގެންދާއިރު ސިނގިރޭޓު ބުއިން ހުއްޓާލުމުގެ ބޮޑެތި ބަދަލުތަކެއް ފެނިގެންދެއެވެ. އެގޮތުން ކަސްރަތު ކުރުމާއި ބުރަ މަސައްކަތް ކުރާއިރު ނޭވާ އަވަސްވުމާއި ވަރުބަލިވުން ފަދަ ކަންކަން ބޮޑުތަނުން މަދުވެގެން ދެއެވެ. އެކަމުގެ ސަބަބުން ދިފާއީ ނިޒާމުވެސް އިތުރަށް ވަރުގަދަވެއެވެ.
އަންހެނުންނަށް ދުވަސް ނުފުރާ ވިހެއުން ފަދަ ކަންކަން މެދުވެރިވުމުގެ ފުުރުސަތުވެސް ކުޑަކޮށްދެއެވެ.
މިގޮތަށް 6 މަސް ވެގެންދާއިރު މީހާގެ ނިކޮޓިން ކްރޭވިންގ ވަރަށް ބޮޑަށް އޮންނާނީ ދަށްވެފައެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަކީ އެކަން ކުރާ މީހުންނާއި ނުކުރާ މީހުންނަށްވެސް އޭގެ ނުރައްކާ އިންތިހާއަށް ބޮޑު ކަމެކެވެ. ގިނަ މީހުން މިކަން ކުރަނީ އޭގެ ސަބަބުން ހިތްހަމަ ޖެހޭތީ ކަމަށް ބުނެއެވެ. ނަމަވެސް ސިނގިރޭޓަކީ އޭގެ ސަބަބުން މީހާގެ ހިތް ނުތަނަވަސްކޮށްލާ އަދި ހާސްކޮށްލާ އެއްޗެކެވެ.
ކޮންމެ ސިނގިރޭޓަކުން 1 މިލިގްރާމް ނިކޮޓިން ހަށިގަނޑަށް ވާސިލުވާއިރު، މީހަކު ސިނގިރޭޓެއް ބުއިމުން އެ ސިނގިރޭޓުގައި ހުންނަ މި ވިހަ މާއްދާ އެންމެ 10 ވަރަކަށް ސިކުންތު ތެރޭގައި އެމީހެއްގެ ސިކުނޑިއާ ހިސާބަށް ވާސިލުވެއެވެ.