ކ. މާލެ
|
23 ޖޫން 2022 | ބުރާސްފަތި 12:53
އެސޯސިއޭޝަން ކަޕްގެ ތެރެއިން
އެސޯސިއޭޝަން ކަޕްގެ ތެރެއިން
ވީއޭއެމް
އެސޯސިއޭޝަން ކަޕް 2022
އެސޯސިއޭޝަން ކަޕްގެ ފޯރިގަދަ ފައިނަލް މިރޭ
ފައިނަލް މެޗު އޮންނާނީ މިރޭ 20:30 ގައި

މިއަހަރުގެ އެސޯސިއޭޝަން ކަޕްގައި ސިޓީ ސްޕޯޓްސް ކުލަބާއި، ކުލަބް ވެމްކޯ ބައްދަލުކުރާ ފޯރިގަދަ ފައިނަލް މިރޭ އޮންނާނެއެވެ.

މެދު ކެނޑުމަކަށްފަހު މިއަހަރު ވޮލީ ސީޒަން ފަށާފައިވަނީ ބޮޑު ބަދަލަކާއެކުއެެވެ. ކޮންމެ ޓީމެއްގައި ވެސް ބިދޭސީ ތިން ކުޅުންތެރިން ހިމަނައިގެން ފެށި މުބާރާތް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ލީގު ބުރުގެ ފަހު މެޗާ ހަމައަށް ވެސް ޓީމުތަކުން އައީ ދޫ ނުދީ ވާދަވެރި ކުޅުޅުމެއް ކުޅެމުންނެވެ.

ލީގު ބުރުގެ ކުޅުން ނިމުނުއިރު، އެއް ވަނަ ޓީމުގެ ގޮތުގައި ސީދާ ފައިނަލްގެ ޖާގަ ހޯދީ ސްޕޯޓްސް ކުލަބް ސިޓީއެވެ. މިއީ ސިޓީ އުދެނުނު ފަހުން މިވީ 13 އަހަރުގެ ތެރޭގައި އެ ޓީމު ފުރަތަމަ ޑިވިޝަންގެ ފައިނަލެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ފައިނަލްގެ ދެ ވަނަ ޖާގަ ކުލަބް ވެމްކޯ ހޯދީ ޕްލޭ އޮފްގައި އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބް ބަލިކޮށްގެންނެވެ. މިއީ ފުރަތަމަ ޑިވިޝަންގެ ފައިނަލެއްގައި ވެމްކޯ ވެސް ކުޅޭ ފުރަތަމަ ފަހަރެވެ.

ފައިނަލްގެ ކުރިން ސިޓީގެ ކޯޗު ހުސެއިން ޝަރީފް (ނަލަ) ބުނީ މުޅި ސިޓީ އޮތީ ފައިނަލް މެޗުން މޮޅުވުމުގެ އަޒުމުގައި ކަމަށެވެ. ޓީމުގެ ކުޅުންތެރިން ތިބީ ރަނގަޅު ފޯމެއްގައިކަން ފާހަގަކޮށް ނަލަ ބުނީ މުޅި ޓީމު އޮތީ އެކަތި ގަނޑެއްގެ ގޮތުގައި ކަމަށެވެ. މީގެ އިތުރުން ނަލަ ބުނީ ފައިނަލްގައި ވާދަކުރާ ކުލަބް ވެމްކޯއަކީ ވަރުގަދަ ޓީމެއް ކަމަށެވެ. ނަމަވެސް އުންމީދަކީ ފައިނަލުން މޮޅުވެ ތަށި ކާމިޔާބުކުރުން ކަމަށެވެ.

ވެމްކޯގެ ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ) ބުނީ ފައިނަލަށް ނިކުންނާނީ ވެމްކޯ ޓީމު އޮތް ހާލަތު އެނގިގެން ކަމަށެވެ. ފައިނަލްގެ ކުރިން ސިޓީ ބަލިކުރެވިފައި އޮތުމަކީ ފަސޭހައެއްގެ ގޮތުގައި ނުދެކޭނެ ކަމަށް ނިޒާރު ބުންޏެވެ. ސިޓީއާ ގުޅޭ ގޮތުން ނިޒާރު ބުނީ އެ ޓީމަކީ ވަރުގަދަ، މޮޅު ޓީމެއް ކަމަށެވެ. ޖުމުލަކޮށް މުބާރާތުގައި ދަށް ޓީމެއް ނެތް ކަން ފާހަގަކޮށް ނިޒާރު ބުނީ، މޮލުވާން ޖެހޭނީ ވަރުގަދަ ފައިޓަކާއެކު ކުޅެގެން ކަމަށެވެ. އަދި ފައިނަލްގައި ވެމްކޯގެ ގޭމު ކުޅެވިއްޖެނަމަ ފައިބާނީ މޮޅުވެގެން ކަމަށް ނިޒާރު ބުންޏެވެ.

މި ދެ ޓީމު ބައްދަލުކުރާ ފައިނަލް އޮންނާނީ މިރޭ 20:30 ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.

- ކޮމެންޓް