އެސޯސިއޭޝަން ކަޕްގެ ޕްލޭ އޮފް މެޗުގައި ކުލަބް ވެމްކޯ އަތުން ބަލިވީ ޓީމުގެ ހުރިހާ ކުޅުންތެރިން މެޗު މާބޮޑަށް ފަސޭހަކޮށްލުމުން ކަމަށް ދިވެހި ސިފައިންގެ ކުލަބުގެ ކޯޗު ޢަބްދުﷲ ޖުނައިދު (މާމަ)ބުނެފިއެވެ.
މުބާރާތުގެ ޕްލޭ އޮފްގައި ސިފައިންގެ ކުލަބް ވެމްކޯ އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. އޭގެ ކުރިން ލީގު ބުރުގައި ސިފައިން ވަނީ ސީދާ ތިން ސެޓުން ވެމްކޯ ބަލިކޮށްފައެވެ. ޖުނައިދު ބުނީ މެޗުގައި މިސްޓޭކް ތަކެއް ހެދުނީ ކުޅުންތެރިން މެޗަށް ތަޔްޔާރުވާންޖެހޭ ވަރަށް ނުވުވުމުގެ ސަބަބުން ކަމަށެވެ.
މެޗަށް ތައްޔާރުވާންޖެހޭ ވަރަށް ކުޅުންތެރިން ތައްޔާރުނުވެ، އައިމަ ކަންނޭންގެ އެހެން އެވީ. އެއީ މިސްޓޭކް ތައް، ވަރަށް އީޒީ ސަރވިސްތަކެއް އައީ ވެސް. ބެލުންތެރިންނަށް ވެސް އެނގޭނެ. ވަރަށް އީޒީ ސަރވިސްތަކެއް އައިސް ރިސީވް ނުދެވި، ގޭމް ތެރެއަށް ނުވަދެވި، އެއްވަރުކުރެވިފައި ދެން އަނެއްކާ ވެސް ދެތިން ހަތަރު ޕޮއިންޓެއް ލީޑަށް ދިޔައީމަ ޕްރެޝަރަށް ދަނީ. އަމިއްލަ މިސްޓޭކުން މިރޭ ބޮޑަށް އެދިޔައީ ހަމަ.ޢަބްދުﷲ ޖުނައިދު (މާމަ) / ސިފައިންގެ ކޯޗު
މީގެ އިތުރުން ޖުނައިދު ބުނީ މެޗުގެ ތިން ސެޓުވެސް ދިޔައީ ސިފައިންގެ ޓީމުގެ ކުޅުންތެރިންނަށް ގޭމު ތެރެއަށް ނުވަދެވި ކަމަށެވެ. އަދި އެކަން އެގޮތަށް ދިމާވީ މެޗުން މޮޅުވާން މާބޮޑަށް ކުޅުންތެރިން ހިފާފައި ތިބީމަ ކަމަަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި މެޗު ސީދާ ތިން ސެޓުން ގެއްލުމުން އެކަމާ އެހާ ހިތްހަމަ ނުޖެހޭކަން ފާހަގަކޮށް ޖުނައިދު ބުނީ، އެއީ ސިފައިންގެ ޓީމުގެ ފެންވަރު ނޫންކަމަށެވެ.
ޖުނައިދު ބުނީ މުބާރާތް ފެށިއިރު މުޅި ޓީމު އޮތީ ވަރަށް ދަށް ކޮށް ކަމަށެވެ. ނަމަވެސް ދެ މެޗަށްފަހު ޓީމު މަޑު މަޑުން ރަނގަޅުވަމުން އައިކަން ޖުނައިދު ފާހަގަކުރިއެވެ. އަދި ފުރަތަމަ ކޮޅުގައި ވެމްކޯ ބަލިކުރެވުމަކީ ވެސް މައްސަލައަކަށް ވެދާނެ ކަމަށެވެ. އެއީ ކުޅުންތެރިން އެކަން ނަގާ ގޮތް ތަފާތުވެދާނެތީ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ބަލިވުމާއެކު ބައިވަރު ކަންކަން އަނާނާނެ ކަމަށާއި، ރެޔަކީ ސިފައިންގެ ރެޔެއް ނޫން ކަމަށް ޖުނައިދު ބުންޏެވެ.
އެންމެ ފަހުގެ ޗެމްޕިއަން ސިފައިންގެ ޓީމަށް މިއަހަރުގެ މުބާރާތުގައި ލިބުނީ ތިން ވަނައެވެ.