ކ. މާލެ
|
19 ޖޫން 2022 | އާދީއްތަ 21:49
އެސޯސިއޭޝަން ކަޕްގެ ތެރެއިން
އެސޯސިއޭޝަން ކަޕްގެ ތެރެއިން
އަދަދު
އެސޯސިއޭޝަން ކަޕް 2022
ގުޑީސް ބަލިކޮށް، ޕްލޭ އޮފްގެ ދެވަނަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ސިފައިންނަށް
ޕްލޭ އޮފްގެ ޖާގަ ހޯދީ ސީދާ ތިން ސެޓުން ގުޑީސް ބަލިކޮށްގެން
ޕްލޭ އޮފްގައި ވާދަ ކުރާނީ ކުލަބް ވެމްކޯއާ

އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި ގުޑީސް ސްޕޯޓް ކުލަބް ބަލިކޮށް ދިވެހި ސިފައިންގެ ކުލަބުން މުބާރާތުގެ ޕްލޭ އޮފްގެ ދެ ވަނަ ޖާގަ ހޯދައިފިއެވެ.

މުބާރާތް ރޭވިފައި އޮތީ ތާވަލްގެ އެއް ވަނަ ޓީމު ސީދާ ފައިނަލަށް ދާ ގޮތަށެވެ. ސީދާ ފައިނަލްގެ ޖާގަ ހޯދީ ސްޕޯޓްސް ކުލަބް ސިޓީއެވެ. ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ޖެހޭނީ ޕްލޭ އޮފްގައި ވާދަކުރާށެވެ. ދެ ވަނަ ޓީމުގެ ގޮތުގައި ޕްލޭ އޮފުން ޖާގަ ލިބުނީ ކުލަބް ވެމްކޯއަށެވެ. ތިން ވަނަ ޓީމުގެ ގޮތުގައި ޕްލޭ އޮފުން ޖާގަ ހޯދީ ސިފައިންނެވެ. އެއާއެކު ޕޮލިސް ކުލަބް ވަނީ މުބާރާތުން ކަަޓާފައެވެ.

ލީގު ބުރުގެ ފަހު މެޗުގައި މިރޭ ސިފައިންގެ ކުލަބުން ގުޑީސްގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. މުބާރާތް ދަށްކޮށް ފެށި ނަމަވެސް، މެޗަކަށްފަހު މެޗެއް ސިފައިންގެ ޓީމުން އައީ ރަނގަޅު ކުރަމުންނެވެ. މިރޭގެ މެޗުގެ ސެޓުތައް ސިފައިންގެ ކުލަބުން ހޯދީ 25-22، 25-23 އަދި 25-22 ންނެވެ. ވާދަވެރިކޮށް ދިޔަ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޝޮން ޓީއެވެ.

ލީގު ބުރު ނިމުނުއިރު ތާވަލްގެ އެއް ވަނަ މަގާމުގައި ސިޓީ އޮތީ ފަސް މެޗުން 12 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނަ މަގާމުގައި އޮތް ވެމްކޯއަށް ލިބެނީ 11 ޕޮއިންޓެވެ. އަދި ތިން ވަނައިގައި އޮތް ސިފައިންގެ ކުލަބަށް ލިބެނީ 10 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ޕޮލިހަށް ހަތް ޕޮއިންޓު ލިބޭއިރު، ފަސް ވަނައިގައި އޮތް އޮފު އެފްސީއަށް ލިބެނީ ތިން ޕޮއިންޓެވެ. ދެ ޕޮއިންޓާއެކު ފުލުގައި އޮތީ ގުޑީސްއެވެ.

ޕްލޭ އޮފްގައި އަންނަ އަންގާރަ ދުވަހުގެ ރޭ 20:15 ގައި ދިވެހި ސިފައިންގެ ކުލަބް ނިކުންނާނީ ކުލަބް ވެމްކޯއާ ދެކޮޅަށެވެ. މި ދެ ޓީމު ވަނީ ލީގު ބުރުގައި ވެސް ވާދަކޮށްފައެވެ. ލީގު ބުރުގެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ސިފައިންގެ ކުލަބުންނެވެ. ސިފައިންނަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

- ކޮމެންޓް