ރައްޔިތުންގެ މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދު ލަންކާއަށް ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފައިވަނީ ލަންކާ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންގހަގެ ދައުވަތަކަށް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފައިވަނީ ހުކުރު ދުވަހުއެވެ. އެހެންނަމަވެސް މި ދަތުރުފުޅުގެ މަގްސަދު މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.
ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާ ގުޅިގެން އެގައުމަށް ބޭރުގެ އެހީ ހޯދައިދިނުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވުމަށް އެގައުމުގެ ބޮޑުވަޒީރު ވަނީ ރައީސް ނަޝީދު ހަމަޖައްސަވާފައެވެ.
ލަންކާއަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ކާރިސާގައި ކުރިއަށް އޮތް ދުވަސްތަކީ ދަތި އުދަނގޫ ދުވަސްތަކަކަށް ވާނެ ކަމަށް ބޮޑުވަޒީރު ވިކްރަމަސިންގހަ ވިދާޅުވެފައިވެއެވެ.
ލަންކާގެ އިގްތިސާދީ ކާރިސާއަކީ އެގައުމަށް މިނިވަންކަން ލިބުނު ފަހުން ކުރިމަތިވެފައިވާ އެންމެ ބޮޑު އިގްތިސާދީ ކާރިސާއެވެ.