ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ އިއްޒަތް އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަށް އަރުވައިފިއެވެ.
މި ނިޝާންގެ އިއްޒަތް މިނިސްޓަރ ޝާހިދަށް އަރުވާފައިވަނީ ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް ސަންޓޮޑޮމިންގޯގައި ބޭއްވި ޚާއްސަ ރަސްމިއަޔާތެއްގައެވެ.
މިނިސްޓަރ ޝާހިދްއަށް އަރުވާފައިވަނީ "ދަ ޑުއާރޓޭ، ސަންޗޭޒް، އެންޑް މެލާ އޯރޑަރ އޮފް މެރިޓް" ގްރޭންޑް ކްރޮސް، ސިލްވަރ ޕެލޭޓެވެ. މި ނިޝާންގެ އިއްޒަތަކީ 1931 ވަނަ އަހަރުން ފެށިގެން އެ ގައުމުން ދެމުން އަންނަ އިއްޒަތެކެވެ. މިނިޝާންގެ އިއްޒަތް ނިސްބަތްވަނީ އެ ޤައުމު އުފެދުމުގެ ބާނީންކަމުގައިވާ ޚުއާން ޕަބްލޯ ޑުއާރްޓޭ އާއި ފްރެންސިސްކޯ ޑެލް ރޮސާރިއޯ ސާންޗޭޒް އާއި ރަމޯން މަތިއަސް މެއްޔާ ކަސްޓިއްޔޯ އަށެވެ. މި ޢިއްޒަތް އެޤައުމުން އަރުވަނީ އެ ޤައުމަށް ޚާއްސަ ގައުމީ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި ބައިނަލްއަޤްވާމީ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދްމަތްތަކެއްކުރައްވާފައިވާ ޢިއްޒަތްތެރިންނަށެވެ.
ޑޮމިނިކަން ރިޕަބްލިކް އިން މިނިސްޓަރ ޝާހިދަށް މި ޝަރަފް ދެއްވާފައިވަނީ އެމަނިކުފާނުގެ "އދ ގެ އުންމީދުގެ ރިޔާސަތު" ގެ ތެރެއިން، ކޮވިޑް ހާލަތުން ދުނިޔެ އަރައިގަތުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ އަލުން އާރާސްތުކުރުމަށާއި، ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި އދ. އިތުރަށް ހަރުދަނާކުރުމަށްޓަކައި އދ،ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ.
މިނިސްޓަރ ޝާހިދު ޑޮމިނިކަން ރިޕަބްލިކަށް ވަޑައިގެންނެވީ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ޤައުމުގެ ރައީސް ލުއިސް އަބިނޭޑަރ އާއި ބައްދަލުކުރައްވައި އެ ގައުމާއި އދ.ގެ އާންމު މަޖިލީހާ ދެމެދު އޮތް ގުޅުން ހަރުދަނާކުރުމާއި ކޮވިޑްގެ ހާލަތުން އަރައިގަތުމުގައި އެ ގައުމުން ހޯދާފައިވާ ކާމިޔާބީއާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އޭގެ އިތުރުން ފޮރިން މިނިސްޓަރ ރޮބާޓޯ އަލްވަރޭޒްއާއެކު، ދެމެހެއްޓެނިވި ތަރައްގީ ޙާސިލްކުރުމަށާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ޑޮމިނިކަން ރިޕަބްލިކްގެ ހޯގަރ ޑެލް ނިޏޯ އަށް ޒިޔާރަތްކުރައްވައި ދެމެހެއްޓެނިވި ޓުއަރިޒަމް ތަރައްޤީކުރުމަށްޓަކައި އެގައުމުން ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށްވަނީ ހަމަޖެހިފައެވެ.