މާލެ ސަރަހައްދުގެ ގޭބިސީތަކުގެ ތެރެއިން ގަވާއިދާ އެއްގޮތަށް ކުނި ވަކިކޮށްގެން ނެރޭ ގޭބިސީތައް އެންމެ ގިނައީ ހެންވޭރާއި ހުޅުމާލޭގައިކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އުކާލަން ނެރޭ ކުނި ވަކިކޮށްފައި ބަހައްޓަންޖެހޭގޮތަށް ގަވާއިދަށް ބަދަލު ގެނެސް, އެއަށް އަމަލުކުރަންފެށީ މި ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލަށް ދެ ހަފުތާވެފައިވާއިރު ވެމްކޯއިން އަންނަނީ ކޮންމެ ދުވަހަކު ކުނި އުކާލާ ގޮތްތައް ބަލައި، އެ ޑޭޓާތައް އެއްކުރަމުންނެވެ.
މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އައިމިނަތު ޝައުނާ ހުކުރު ދުވަހު ހިއްސާކުރެއްވި މައުލޫމާތުން ދައްކާގޮތުގައި، މާލެއާއި ހުޅުމާލޭގެ ގިނަ ގޭބިސީތަކުން ކުނި ވަކިކޮށްގެން ނެރުމަށް ސަމާލުކަން ލދެއެވެ. އެގޮތުން، ގިނައީ ކޮންމެވެސް މިންވަރަކަށް ކުނި ވަކިކޮށްގެން ނެރޭ ގޭބިސީތަކެވެ.
ޝައުނާ ހިއްސާކުރެއްވި ހީޓް މެޕުން ދައްކާގޮތުން، މާލޭގައި އެންމެ ރަނގަޅަށް ކުނި ވަކިކޮށްގެން ނެރެނީ ހެންވޭރުގެ ގޭބިސީތަކުންނެވެ. ގަލޮޅުގެ ގޭބިސީތަކުން ކޮންމެވެސް ވަރަކަށް އެކަމަށް އިސްކަންދޭއިރު މައްޗަންގޮޅިއާއި މާފަންނުގެ ގިނަ ގެތަކުން އަދިވެސް ކުނި ވަކިނުކުރާކަން ވަނީ ފާހަގަކޮށްފައެވެ.
ހުޅުމާލޭގެ ހީޓް މެޕުން ދައްކާގޮތުގައި ބީޗް ސަރަހައްދުގެ ހުރިހާ ގެއަކުންވެސް ކުނި ނެރެނީ ވަކިނުކޮށެވެ. ނަމަވެސް އެހެން ހުރިހާ ސަރަހައްދަކުން އެކަމަށް ސަމާލުކަންދޭކަން ވަނީ ފާހަގަކުރެވިފައެވެ.
މި މައުލޫމާތުތައް ހިއްސާ ލކުރައްވައި ޝައުނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ގިނަ ގޭބިސީތަކުން ވަރަށް ފުރިހަމައަށް، އަދި ކޮންމެވެސް މިންވަރަކަށް ކުނި ބައިކުރާކަން ފާހަގަކުރެވޭކަމަށެވެ. އަދި މިއީ އެންމެ ދެ ހަފުތާގެ ނަތީޖާކަމަށާއި ،އަދި ރަނގަޅުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުކާލަން ނެރޭ ކުނި ވަކިކޮށްގެން ނެރެންފެށި ފުރަތަމަ ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މާލެ ސަރަހައްދުގެ 15 އިންސައްތަ ގޭބިސީތަކުން ވަރަށް ރަނގަޅަށް ކުނި ވަކިކުރެއެވެ. މިއީ ކުރު މުއްދަތެއްގައި އައި ވަރަށް ރަނގަޅު ބަދަލެއް ކަމަށާއި، އެ ނަތީޖާއާމެދު ހިތްހަމަޖެހޭކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނި ގޮތުގައި، މާލެ ސަރަހައްދުން އުކާލާ ކުނީގެ 51 އިންސައްތަ ހިއްސާކުރަނީ އެހެނިހެން ކުނީގެ ބާވަތްތަކެވެ. އަދި 49 އިންސައްތައަކީ އަމިއްލައަށް ފަނާވާ ޒާތުގެ ކުނި ކަމަށްވެސް ވަނީ ބުނެފައެވެ. އެންމެ ރަނގަޅަށް ކުނި ވަކިކޮށްގެން އުކާލެވޭނަމަ 65 އިންސައްތަ ވާނީ އަމިއްލައަށް ފަނާވާ ޒާތުގެ ކުންޏަށްކަމަށާއި، 22 އިންސައްތައަކީ އެހެނިހެން ބާވަތުގެ ކުނި، އަދި 13 އިންސައްތައަކީ ޕްލާސްޓިކް ފުޅި ކަމަށްވެސް ވެމްކޯއިން ބުނެއެވެ.
އުކާލަން ނެރޭ ކުނި ވަކިކުރަން ވެމްކޯއިން އެންގީ ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން އާއްމުކޮށްފައިވާ ގަވާއިދުގެ ފަސް ވަނަ އިސްލާހުގައި، އުކާލަން ނެރޭ ކުނި، ކަނޑައެޅިފައިވާ ބައިބަޔަށް ވަކިކުރަން އަންގާފައިވާތީއެވެ. އެގޮތުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ކުނި އުކާލަން ނެރޭއިރު، ވަކިކޮށްފައި ހުންނަން ޖެހޭނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އަމިއްލައަށް ފަނާވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތުގެ ކުންޏެވެ.
މީހުން ދިރިއުޅޭ އެހެނިހެން ރަށްތަކާއި ސިނާއީ ރަށްތަކާއި ރިސޯޓްތަކުން ކުނި އުކާލާއިރު ހަތަރު ބަޔަކަށް ބަހާލަން ޖެހޭނެއެވެ. އެއީ އަމިއްލައަށް ފަނާވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅިއާއި މައުދަނާއި ބިއްލޫރީގެ ބާވަތްތައް އަދި އެހެނިހެން ބާވަތްތަކެވެ.
އަމިއްލައަށް ކުނި އުކާލާ ފަރާތްތަކުންވެސް ވެމްކޯގެ ސައިޓުތަކަށް ކުނި އުކާލާއިރު ކުނި ވަކިކުރަން ވަނީ އަންގާފައެވެ.
ކުނި ވަކިކޮށްގެން އުކާލުމަކީ މިހާރު ގިނަ ގައުމުތަކުން އަމަލު ކުރަމުން އަންނަ ގޮތެވެ. އެއީ ވަކިކޮށްގެން ކުނި އުކާލުމުގެ ސަބަބުން ރިސައިކަލް ކުރަން ފަސޭހަވުމާއި، މެނޭޖުކުރަންޖެހޭ ކުނި ނިސްބަތުން މަދުވެފައި، ކުނި ނައްތާލަން ފަސޭހަވާނެތީއެވެ.