އެސޯސިއޭޝަން ކަޕް(ވޮލީ) ގެ ފިރިހެން ޑިވިޝަންގައި ކުލަބް ވެމްކޯއާ ދެކޮޅަށް ކުޅުމު މެޗުގައި މޮޅު ކުޅުމެއް ދައްކައި ދިވެހި ސިފައިންގެ ކުލަބުން ވެމްކޯ ބަލިކޮށްފިއެވެ.
ބުދަ ދުވަހުގެ ހަވީރުގެ މެޗަށް ނިކުތްއިރު ވެމްކޯ އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ. ސިފައިން ކުރިން ކުޅުނު ދެ މެޗުން ވެސް ބަލިވެފައި އޮތުމުން އެ ޓީމު އޮތީ އުނދަގޫ ހާލަތެއްގައެވެ. ވެމްކޯއާ ދެކޮޅަށް ސިފައިންގެ ޓީމުން ދެއްކީ ތަފާތު މޮޅު ކުޅުމެކެވެ. ސިފައިންގެ ޓީމުން މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގެ ފުރަތަމަ ސެޓު ސިފައިންގެ ޓީމުން ހޯދީ 25-22 ންނެވެ. އެ ފޯރިގައި ދެ ވަނަ ސެޓަށް ނިކުމެ ސެޓު ހޯދީ 25-23 ންނެވެ. ތިން ވަނަ ސެޓުގައި ވެމްކޯއިން ލީޑު ހޯދިއެވެ. ގާތް ގާތުގައި ޕޮއިންޓު ލިބެމުން ދިޔަ މި ސެޓުގައި ސިފައިންގެ ޓީމުން ލީޑު ހޯދީ ސެޓުގެ ފަހުކޮޅުއެވެ. އެ ޓީމުގެ ބިދޭސީ އެޓޭކަރުންނާއި، އާދަމް ނަސީމް (އެޑަމް)ގެ މޮޅު ކުޅުން މި ސެޓުގައި ވެސް ވަނީ ފެނިފައެވެ. މި ސެޓު ސިފައިންގެ ޓީމުން ހޯދީ 28-26 ންނެވެ. ޖުމުލަ ގޮތެއްގައި ސިފައިންގެ ޓީމުގެ ފަރާތުން މެޗުގައި މޮޅު ކުޅުމެއް ފެނުނުއިރު، އެ ޓީމުގެ ލިބަރޯ ކުޅުންތެރިޔާ މުހައްމަދު މިމްރާހު ވަނީ ރަނގަޅު ބޯޅަތަކެއް ކުޅެފައެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ޝޮން ޓީ ޖޯންއެވެ. މުޅި މެޗުގައި ވެސް އޭނާގެ ތަފާތު މޮޅު ކުޅުން ވަނީ ފެނިފައެވެ. މެޗުން މޮޅުވެ ސިފައިންގެ ޓީމުން ވަނީ ސެމީ ފައިނަލްގެ ޖާގައެއް ހޯދުމުގެ އުންމީދު އައުކޮށްފައެވެ.
މުބާރާތުގައި ސިފައިންގެ ޓީމުގެ މެޗެއް ދެން އޮންނާނީ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. އެ މެޗުގައި ސިފައިން ނިކުންނާނީ އޮފު އެފްސީއާ ދެކޮޅަށެވެ. އެ ދުވަހުގެ ރޭ އޮންނަ މެޗުގައި ގުޑީސް ސްޕޯޓްސް ކުލަބް ނިކުންނާނީ ވެމްކޯއާ ދެކޮޅަށެވެ.