ކ. މާލެ
|
15 ޖޫން 2022 | ބުދަ 11:10
ޕްލޭނިންގ މިނިސްޓަރު އަސްލަމް މަޖިލީހުގައި ވާހަކަދައްކަވަނީ
ޕްލޭނިންގ މިނިސްޓަރު އަސްލަމް މަޖިލީހުގައި ވާހަކަދައްކަވަނީ
މަޖިލިސް
ތޮއްޑޫ ދާއިރާގެ ތަރައްޤީގެ މަސައްކަތް
ތޮއްޑޫ ގިރާ ސަަރަހައްދު ހިމާޔަތްކުރުމާއި، ރަސްދޫ ބޭރުތޮށިލުމާއި އުކުޅަހު ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފެށޭނެ - އަސްލަމް
ރަސްދޫގެ ޑިޒައިން ކައުންސިލަށް ވަރަށް އަވަހަށް ފޮނުވާލެވޭނެ
ޑްރެޖަރު ޑްރައި ޑޮކިންއަށް ދިއުމުގެ ކުރިން އުކުޅަސް ބިން ހިއްކާނެ
ތޮއްޑޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 590 މީޓަރުގެ ކޯސްޓްލައިންގައި ރިވެޓްމެންޓް ޖެހުމަށް 8 ޖޫން 2022 ގައި ކޮންސެޕްޓް އެޕްރޫވަލްއަށް ރަށު ކައުންސިލަށް ފޮނުވިފައިވޭ

ތޮއްޑޫ ދާއިރާގައި ހިމެނޭ، އއ. ތޮއްޑޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، އއ. ރަސްދޫގައި ބެރުތޮށި ލުމާއި އަދި އއ. އުކުޅަހު ބިން ހިއްކުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވެފައިވަނީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ޕްލޭނިން މިނިސްޓަރު އަސްލަމާއި ކުރެއްވި ސުވާލުގެ ޖަވާބުގައެވެ. މެންބަރު ޝިޔާން ފުރަތަމަ ސުވާލުކުރެއްވީ، އއ. ތޮއްޑޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތަކީ 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަސައްކަތަކަށް ވެފައި، ތޮއްޑޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ރޭވިފައިވާ ގޮތަކީ ކޮބައިތޯ އަދި އަމަލީ ގޮތުން މަސައްކަތް ފެށޭނީ މިއަހަރުގެ ކިހާ ހިސާބެއްގައިތޯއެވެ.

ދެވަނަ ސުވާލެއްގެ ގޮތުގައި އައްސަވާފައިވަނީ ތޮއްޑޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެން ކުރިއަށްދާނެތޯ އާއި، އުކުޅަހުގެ ބިން ހިއްކުމުގެ މަސައްކަތް އަދި ރަސްދޫ ބޭރުތޮށީގެ އަމަލީ މަސައްކަތް މިއަހަރުގެ ކިހާ ހިސާބެއްގައި ފެށޭނެތޯއެވެ.

މެންބަރުގެ ސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ތޮއްޑޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 590 މީޓަރުގެ ކޯސްޓްލައިންގައި ރިވެޓްމެންޓް ޖެހުމަށް 8 ޖޫން 2022 ގައި ކޮންސެޕްޓް އެޕްރޫވަލްއަށް ރަށު ކައުންސިލަށް ފޮނުވިފައިވާ ކަމަށެވެ. އަދި ރިވެޓްމަންޓް ޖަހަނީ ޖިއޯ ޓިއުބް ބޭނުންކޮށްގެން ކަމަށާއި، ރަށު ކައުންސިލްގެ ހުއްދައާއެކު މި މަސައްކަތުގެ ޓެންޑަރ ޕްރޮސެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

Advertisement

މިނިސްޓަރު ވިދާޅުވީ ރަސްދޫ ބޭރުތޮށި ފައިނަލް ކުރުމަށް ރަސްދޫ ކައުންސިލަށް ފޮނުވާލާނެ ކަމަށެވެ. އަދި އުކުޅަހުގެ ބިން ހިއްކުމަށް ބަންޑުވޯލް ޖަހާފައި އަދި ޑްރެޖަރަކަށް އެހިސާބަށް ނުދެވޭ ކަމަށާއި، އުކުޅަހުގެ ކައުންސިލާއި އެމްޓީސީސީއާއެކު ދާދި ފަހުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެމްޓީސީސީން މަސައްކަތް ކުރަނީ މިއަހަރުގެ ކުރިއަށް އޮތް ދެތިން މަސް ތެރޭގައި އުކުޅަހުގައި ޑްރެޖަރު މޮބިލައިޒް ކުރެވޭތޯ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ޑްރައި ޑޮކިންއަށް ޑްރެޖަރު ގެންދިއުމުގެ ކުރީގައި ކުޑަ މަސައްކަތަކަށް ވާތީ އެހިސާބަށް ގެންދެވިދާނެ ކަމަށް އެމްޓީސީސީން ބުނެފައިވާ ކަމަށާއި، މިހާރު މަސައްކަތް ކުރަމުންދަނީ އެ ސަރަހައްދުން ވެލި ނަގާނެ ސަރަހައްދެއް ފާހަގަކުރުމަށް ސޭންޑް ސަރޗިންގެ މަސައްކަތް ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

ތޮއްޑޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިނިސްޓްރީން އަމަލުކުރަމުން އަންނަ ގޮތަކީ، ސިވިލް ވޯކް މަސައްކަތެއް ކުރުމަށް ރަށެއްގައި ކޮންޓްރެކްޓަރަކު ހުރި ނަމަ އެ ކޮންޓްރެކްޓަރަކަށް އެ މަސައްކަތް ސީދާ ހަވާލުކުރުން ކަމަށާއި، އެއީ އެންމެ އަވަސްވާނެ ގޮތް ކަމަށް ބަލައިގެން އެގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އަދި ތޮއްޑޫގައި ސިވިލް އެހެން މަސައްކަތް ކުރާ ކޮންޓްރެކްޓަރެއް އެބަހުރި ކަމަށާއި، އެހެންވީމާ މާލިއްޔަތު ގަވާއިދު ތަންދޭ މިންވަރަކުން އެކަން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މިއަހަރު އެކަން ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވެސް ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް