ކ. މާލެ
|
14 ޖޫން 2022 | އަންގާރަ 13:40
ހުރަވީ ސްކޫލް ރަސްމީކޮށް ހުޅުވި ދުވަހުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ (ވ) ރައީސް ސާލިޙު (މ) އަދި ނައިބް ރައީސް ފައިސަލް ނަސީމް (ކ)
ހުރަވީ ސްކޫލް ރަސްމީކޮށް ހުޅުވި ދުވަހުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ (ވ) ރައީސް ސާލިޙު (މ) އަދި ނައިބް ރައީސް ފައިސަލް ނަސީމް (ކ)
ރައީސް އޮފީސް
2023 ގެ ރިޔާސީ އިންތިޚާބު
ރައީސް ސާލިޙަކީ ވިޝަނަރީ ލީޑަރެއް، ތައުލީމީ ދާއިރާއަށް ގެންނެވި ބަދަލުތަކަކީ އެމަނިކުފާނާއެކު 2023 ގައި ހުންނަވާނެ އެއް ސަބަބު – އެޑިއުކޭޝަން މިނިސްޓަރު
ތައުލީމީ ދާއިރާގެ ކަންކަން ހައްލު ކުރެއްވުމަށް އަބަދުވެސް ގޮތް ހޯއްދަވައި ދެއްވާ
ރައީސް ސާލިޙު ހުންގާނުގައި ހުންނަވައިގެން ގިނަ ކަންކަން ވަނީ ހާސިލްކޮށްދެއްވާފައި
ޓީޗަރުންގެ މުސާރައާއި ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީއަކީ އެންމެ ފާހަގަކޮށްލެވޭ ކަންކަން

ރައީސް އިބްރާހިމް މުހައްމަދު ސާލިޙަކީ ދުރުވިސްނޭ ތައުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެންނެވި ބޭފުޅެއް ކަމަށާއި، އެމަނިކުފާނާއެކު 2023 ގައި ހުންނަވާނެ އެއް ސަބަބަކީ އެއީ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިފަދައިން ވިދާޅުވީ ރާއްޖެ.އެމްވީއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ. މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެއްކޮށް ހުންނަވަނީ އެކަމުގައި ސަބަބުތަކެއްވާތީ ކަމަށެވެ.

ފުރަތަމަ ކަމަކީ ރައީސްގެ ކެބިނެޓުގައި އިންނަވާ ވަޒީރެއްގެ ހައިސިއްޔަތުން ރައީސާއެކު ގާތުން މަސައްކަތް ކުރުމަށް ފުރުސަތު ލިބިވަޑައިގަންނަވާ އިރު، ފެނިވަޑައިގަންނަވާ ކަންކަމުގެ ސަބަބުން ކަމަށެވެ. އެގޮތުން ރައީސް މަސައްކަތް ކުރައްވާ ގޮތް ފެނިވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނަކީ ވަރަށް ވިޝަނަރީ ލީޑަރެއްގެ ގޮތުގައި ފެނިވަޑައިގަންނަވާ ކަމަށެވެ.

އަދި ތައުލީމީ ދާއިރާއާއި ގުޅުންހުރި ކަމެއްގައި އެމަނިކުފާނުގެ އަރިހަށް ވަޑައިގެންފި ނަމަ އެކަން ކުރެވޭނެ ގޮތުގެ މަގު ރައީސް ހޯއްދަވައިދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއީ ވަރަށް ކަމުދާ ސިފަފުޅެއް ކަމަށާއި، ރައީސް ތައުލީމީ ދާއިރާއަށް ވަރަށް ޚާއްސަކަމެއް ދެވައިގެން ތައުލީމީ ދާއިރާ ތަރައްޤީ ކުރުމާއި މީހުން ބިނާ ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޚުދު އޭނާ އަކީ ވެސް ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ބޭފުޅަކަށްވާތީ އަބަދުވެސް އެވެނި މިވެނި ކަންތައްތަކެއް އެދާއިރާގައި ވާނަމައޭ ހިތަށް އަރާވަޑައިގަންނަވާ ކަމަށެވެ. އަދި މި ދައުރުގައި ރައީސް ސާލިޙު ހުންގާނުގައި ހުންނަވައިގެން ވަރަށް ގިނަ ކަންތައްތަކެއް ހާސިލްކޮށްދެއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއްކަމަކީ މުދައްރިސުންގެ މުސާރަ. ސްކޫލަކަށް ވަނީމަ އެ ލިބޭ ލޯބި. ހާދަ އުފަލުންނޭ މީހުން ތިބީ. ރައީސް ތައުލީމީ ދާއިރާއަށް ގެންނެވި އެންމެ ބޮޑު ކާމިޔާބީ އަކީ މުދައްރިސުންގެ މުސާރަ ބޮޑުކުރުން. ރައީސަކީ ވައުދުވެފައި ވައުދުފުއްދަވާ ރައީސެއް
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ

ދެވަނަ ކަމަކީ އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރަން ވައުދުވެގެން ސަރުކާރު އައީ ވަށާޖެހޭ ތައުލީމެއް ދިނުމަށް ކަމުގައި ވާތީކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިދިޔަ 3 އަހަރާއި ބައިގެ ތެރޭގައި މި ގެނެވުނު އުމްރާނީ ތަރައްޤީއަކީ އެކަމުގެ އެއް ހެކި ކަމަށް ވިދާޅުވާން ކެރިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ވަރަށް ބޮޑު ޚަރަދެއް ކުރައްވައިގެން މީގެ ކުރިން 5 އަހަރު ތެރޭގައި ތައުލީމީ ދާއިރާއަށް ނުކުރާހާ ޚަރަދު މި ސަރުކާރުން ކޮށްގެން އިންފްރާސްޓްރަކްޗަރ ބިލްޑް ކުރައްވައިގެން ރައީސް އެ ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރެއްވޭ ކަމަށެވެ.

މީގެއިތުރުން ތިންވަނަ ކަމަކަށް ކޮވިޑްގެ ކަންތަކުގައި ރައީސް އަމިއްލަފުޅަށް ގުޅުއްވާ ދަރިވަރުންގެ ތައުލީމުގެ ކަންކަމުގެ މައުލޫމާތު އޮޅުންފިލުއްވަމުން ގެންދެވި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ދަރިވަރުންގެ ކިޔެވުން ހުއްޓިދާނެތީ ކަމަށާއި، ނަމަވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދެވޭނެ ގޮތް ރައީސް މަގުފަހިކޮށްދެއްވާ އަބަދުވެސް ނަސޭހަތްތެރިވެވަޑައިގެންނެވީ ވީހާވެސް އަވަހަކަށް ސްކޫލްތައް ހުޅުވަން މަސައްކަތްކޮށްދެއްވުމަށް ކަމަށެވެ.

އަދި އެއާއެކު ރައްކާތެރިކަމާއެކު ސްކޫލްތައް ހުޅުވަން ކުރި މަސައްކަތް. އެއީ މި ދައުރުގެ އެއް ކާމިޔާބީ ސްކޫލްތައް ރައްކާތެރި ތަންތަނަށް ހެދުމާއި، މި ސަރަހައްދުގެ ގައުމުތަކުގެ ތެރއިން ފުރަތަމަ ސްކޫލްތައް ހުޅުވި ގައުމަކަށް ރާއްޖެވެގެން ދިއުން. އެކަމުގައި ރައީސްގެ ވިސްނުންފުޅު އަޅުގަނޑުމެން މި ގެންގުޅުނީ. ތައުލީމީ ދާއިރާއަށް ދެއްވާ އަހައްމިޔަތުކަން އަޅުގަނޑަށް ފާހަގަވެގެން ދިޔައީ
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ރައީސާއެކު ވަރަށް ގިނަ ދަތުރުތަކުގައި ވަރަށް ގިނަ ތަންތަނަށް ވަޑައިގެންނެވުނު ކަމަށެވެ. އަދި ކޮންމެ މީހަކާ ދޭތެރޭގައި ވެސް ރައީސް އަމަލުކުރައްވާގޮތާއި، އެ ހުންނަ މަޑުމައިތިރިކަމަކީ ރައީސް ސާލިޙުގެ ފަރާތްޕުޅުން ފެނިވަޑައިގަންނަވާ އެންމެ ކަމުދާ ސިފަކަމަށެވެ. ވެރިއެއްގެ ގައިގައި ހުންނަންޖެހޭ ހުރިހާ ސިފައެއް ރައީސް ސާލިޙުގެ ފަރާތްޕުޅުން ފެނިވަޑައިގަންނަވާ ކަމަށް މިނިސްޓަރު އާއިޝަތު ވިދާޅުވިއެވެ.

މި ހުރިހާ ސަބަބުތަކާއެކު 2023ށް ރައީސް ސާލިޙާއެކު ހުންނަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ކުރުން އެއީ ރައީސް ވަރަށް އިސްކަމެއް ދެއްވާ ކަމަކަށް ވެފައި، ކުއްޖަކު ހުންނަ ރަށަކުން ކިޔެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމައި، ސްކޫލް ނެތް ރަށްރަށުގައި ސެޓެލައިޓް ސްކޫލްގެ ނިޒާމް ގާއިމްކުރުމަކީ އިންޤިލާބީ ބަދަލެއް އަންނާނެ ކަމެއްގެ ގޮތުގައި މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ވަރަށް ކާމިޔާބުކަމާއެކު އެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި، ހުރިހާ އަތޮޅެއްގައި އޭލެވެލް ފެށިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ފެންނަ ހެޔޮ ބަދަލުތައް އެއީ ރައީސްގެ ވިސްނުންފުޅާއެކު ގެނެވިފައި ހުރި ކަންކަން ކަމަށާއި، ރައީސް ސާލިޙަށް ތާއީދުކުރައްވަނީ މި ސަބަބުތަކަށްޓަކައި ކަމަށް މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވިއެވެ.

- ކޮމެންޓް