ކ. މާލެ
|
13 ޖޫން 2022 | ހޯމަ 11:38
ބައި-އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ އިޢުލާންކުރުމަށްފަހު އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ބައި-އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ އިޢުލާންކުރުމަށްފަހު އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލަން ނޯޓިސް
އެމްއެލްއެސްޑީ އާއި ޑީއާރްޕީއިން މެމްބަރުން ހަމަކުރަން އަދި ފޯމް ހުށަނާޅާ: އީސީ
 
3000 މެމްބަރުން ޕާޓީގައި ހަމަނުވާނަމަ އެ ޕާޓީއެއް އުވާލާނެ
 
އެމްޓީޑީ އިން ފޯމްތައް ހުށަހަޅާފައިވޭ

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެމްބަރުން ހަމަނުވެގެން އުވާލަން ނޯޓިސް ދީފައިވާ ޕާޓީތަކުގެ ތެރެއިން ޑީއާރުޕީ އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީ) މެމްބަރުން ހަމަކުރަން އަދި ފޯމް ހުށަހަނާޅާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އީސީގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ އެ ދެޕާޓީން މިހާތަނަށް މެމްބަރުން އިތުރުކުރުމަށް ފޯމް ހުށަހާޅާފައިވާ ނުވާއިރު 3000 މެމްބަރުން ހަމަކުރުމަށް ޑީއާރްޕީ އިން 1200 ފޯމް އަދި އެމްއެލްއެސްޑީން 300 ވަރަކަށް ފޯމް ހުށަހަޅަންޖެހޭ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވާ އުފައްދަވާފައިވާ މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) ފޯމްތައް ހުށަހަޅާފައިވާކަން ފާހަގަކުރައްވާ ހަސަން ވިދާޅުވީ ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. 3000 މެމްބަރުން ހަމަކުރުމަށް އެޕާޓީއަށް ބޭނުންވަނީ 500 ފޯމް ކަމަށާއި މިހާރު ޕާޓީން 600 ވަރަކަށް ފޯމް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

3000 މެމްބަރުން ހަމަނުވެގެން އުވާލަން ނޯޓިސް ދީފައިވާ ޕާޓީތަކުގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ން 3000 މެމްބަރުން ހަމަކުރުމުން ލިސްޓުން ވަނީ އުނިކޮށްފައެވެ. ޕާޓީތަކަށް މެމްބަރުން ހަމަކުރަން ނޯޓިސް ފޮނުވީ މާޗު މަހުއެވެ. އަދި ތިން މަސް ދުވަހުގެ މުއްދަތެއް އެ ޕާޓީތަކަށް ދީފައިވާއިރު މުއްދަތު ހަމަވާނީ ޖޫން 14އަށެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް ގިނަ ނަމަވެސް، ގިނަ ޕާޓީތަކުގައި 10،000 މެމްބަރުންވެސް ހަމައެއް ނުވެއެވެ. ގާނޫނުގައި ބުނާގޮތުން ދައުލަތުން ބަޖެޓް ދޭނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. މި އަދަދު ހަމަވާ ޕާޓީތަކުގެ ތެރޭގައި ހިމެނެނީ 4 ޕާޓީއެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ. 3000 މެމްބަރުން ޕާޓީގައި ހަމަނުވާނަމަ އެ ޕާޓީއެއް އުވާލާނެއެވެ.

މެމްބަރުން ހަމަކުރަން ބައެއް ޕާޓީތަކުން ސައްހަ ނޫން ފޯމުތައް ހުށަހަޅާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ. މިކަމާއި ގުޅިގެން އީސީން ވަނީ، ސައްހަ ނޫން ކޮންމެ ފޯމަކަށް، އެ ޕާޓީއެއް 10،000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައެވެ. އަދި ރަޖިސްޓްރާ ވެސް ފުރަތަމަ ފަހަރަށް 5،000 ރުފިޔާއިން، އަދި އެކަން ތަކުރާރުވެއްޖެނަމަ 10،000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އޮކްޓޯބަރު މަހާ ހަމައަށް އެކަންކަން އިސްލާހުނުވެއްޖަނަމަ، ފޯމުގައި ސޮއިކުރާ ހެކިވެރިންވެސް ޖޫރިމަނާކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް