ކ. މާލެ
|
12 ޖޫން 2022 | އާދީއްތަ 10:22
ޒިނެދިން ޒިދާން
ޒިނެދިން ޒިދާން
ގެޓީ އިމޭޖަސް
ޒިދާން ހޯދަން ޕީއެސްޖީން މަސައްކަތް ކުރުން
ޒިދާން ޕީއެސްޖީއަށް؟
ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން ވަނީ ޒިދާން ޕީއެސްޖީއަށް ކޯޗުކޮށްދެން އޭނާ ބޭނުންފުޅުވާކަމަށް ވިދާޅުވެފައި

ފްރާންސްގެ ފުޓްބޯޅަ ލެޖެންޑު ޒިނެދީން ޒިދާން އެގައުމުގެ ގަދަބާރު ޕީއެސްޖީއަށް ދިއުން ގާތްކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޒިދާން މިހާރު ވަނީ ޕީއެސްޖީއާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހެދުމަށް ނިންމާފައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މިހިނގާ ޖޫން މަސް ނިމުމުގެ ކުރިން އެކަން ރަސްމީކޮށް އިއުލާނު ނުކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ޚަބަރުތަކާއެކު، ހޮނިހިރު ދުވަހު ޒިދާން އުޅުނު ތަނަކާމެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު، ޕީއެސްޖީގެ އޯނަރު ތަމީމް ބިން ހަމާދް އަލް ތާނީއާ ބައްދަލުކުރުމަށް ޒިދާން ގަތަރަށް ދިޔައެވެ. ނަމަވެސް އެހެން ބައެއް މީޑިއާތަކުން ވަނީ އޭނާ ދޯހާއަށް ދިޔަކަމަށް ބުނާ ޚަބަރުތައް ދޮގުކޮށްފައެވެ.

ޕީއެސްޖީން ޒިދާން ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން ވަނީ ޒިދާން ޕީއެސްޖީއަށް ކޯޗުކޮށްދެން އޭނާ ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. ޒިދާން ޕީއެސްޖީއަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ގަދަވީ އެހިސާބުންނެވެ. ނަމަވެސް ޒިދާންގެ އެޖެންޓު މިދިޔަ ހުކުރު ދުވަހު ބުނީ ޕީއެސްޖީއާއެކު މިހާތަނަށް އެއްބަސްވުމަކަށް އައިސްފާ ނުވާކަމަށެވެ.

ޒިދާން ޕީއެސްޖީއަށް ގެންދިއުމަށް އެކްލަބުން މަސައްކަތް ކުރަމުން އަންނައިރު، ޕީއެސްޖީއަށް މިހާރު ކޯޗުކޮށްދެމުން އަންނަ އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ޓީމުން ބޭރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީގެ ކޯޗުކަމާ ޒިދާން ހަވާލުވެއްޖެނަމަ އޭނާ ވާނީ ލިއޮނެލް މެސީ އަދި ކްރިސްޓިއާނޯ ރޮނާލްޑޮއާ ދެކުޅުންތެރިންނަށް ކޯޗުކޮށްދިން ހަމައެކަނި ކޯޗަށެވެ. ޒިދާން ވަނީ ރެއާލް މެޑްރިޑްގައި ރޮނާލްޑޯއަށް ކޯޗުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް