ކ. މާލެ
|
9 ޖޫން 2022 | ބުރާސްފަތި 15:22
ވެމްކޯއާއި ޕޮލިސް ކުޅުނު ސެމީފައިނަލް މެޗުގެ ތެރެއިން
ވެމްކޯއާއި ޕޮލިސް ކުޅުނު ސެމީފައިނަލް މެޗުގެ ތެރެއިން
ރާއްޖެ އެމްވީ
އެސޯސިއޭޝަން ކަޕް 2022
އެސޯސިއޭޝަން ކަޕް: ވެމްކޯއާއި ޕޮލިސް ވާދަކުރާ ވަރުގަދަ ފައިނަލް މިރޭ
ފައިނަލް މެޗު އޮންނާނީ މިރޭ 20:30ގައި، ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި

މިއަހަރުގެ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލްގައި މިރޭ ކުލަބް ވެމްކޯއާއި ޕޮލިހުގެ ވަރުގަދަ ކުރިމަތިލުމެއް ފެންނާނެއެވެ.

މިއަހަރުގެ މުބާރާތުގައި ޖުމުލަ 10 ޓީމަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށްދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ވެސް 5 ޓީމު ހިމެނުނެވެ. ހުރިހާ މެޗަކުން މޮޅުވެ ފައިނަލަށް ދިޔަ ވެމްކޯ ހިމެނުނީ ގްރޫޕް އޭގައެވެ. ވެމްކޯ މުބާރާތުގެ ސެމީއަށް ދަތުރުކުރީ ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. ސެމީގައި ވެމްކޯ ވަނީ ގްރޫޕް ބީގެ އެއް ވަނަ ޕޮލިސް، ތިން ސެޓު ދެ ސެޓުން ބަލިކޮށް ފައިނަލުން ޖާގަ ހޯދާފައެވެ.

މުބާރާތުގައި ޕޮލިސް ހިމެނުނީ ގްރޫޕް ބީގައެވެ. މި ގްރޫޕުގައި ވަރުގަދަ ޓީމުތަކެއް އޮތެވެ. ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ، ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ޕޮލިސް ކާމިޔާބުކުރިއެވެ. ސެމީން ޕޮލިސް ޖާގަ ހޯދީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. ސެމީގައި ޕޮލިސް ވަނީ އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ އަތުން ތިން ސެޓު ދެ ސެޓުން ބަލިވެފައެވެ. ދެން ޕޮލިސް ވާދަކުރަން ޖެހުނީ ތިން ވަނަ ސެމީގައެވެ. މި ސެމީގައި ނިކުތީ ކްލަބް އީގަލްސާ ދެކޮޅަށެވެ. މި ދެ ޓީމު ވަނީ ސެމީގެ ކުރިން ގްރޫޕް ސްޓޭޖްގައިވެސް ވާދަކޮށްފައެވެ. ގްރޫޕް ސްޓޭޖްގެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ޕޮލިހެވެ. ސެމީގައި އީގަލްސްގެ މައްޗަށް ޕޮލިހުން ކުރި ހޯދީ ތިން ސެޓު އެއް ސެޓުންނެވެ.

މުބާރާތުގެ ފައިނަލަށް ދެ ޓީމު ވެސް އޮތީ ތައްޔާރަށެވެ. ދެ ޓީމުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން އެބަ ތިއްބެވެ. ވެމްކޯގައި އެންމެ ފަހުން އެކުލަވާލި ގައުމީ ޓީމުގައި ހިމެނޭ ދެ ކުޅުންތެރިން ހިމެނެއެވެ. އެއީ އާމިނަތު އަރީޝާއާއި ހައްވާ ނާޒިމާއެވެ. މީގެ އިތުރުން މި ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އާއިޝަތު މާޖިދާ، ސިލްމާ ޒާހިރު އަދި ފާތިމަތު ޖޫޒާން ޒަރީރެވެ. މި ޓީމުގެ ބިދޭސީ ކުޅުންތެރިޔަކީ ތައިލެންޑުގެ ޕަޗަރަޕޯން ސިތިސާދުއެވެ. ވެމްކޯގެ ކޯޗަކީ ކުރިން ގައުމީ ޓީމަށް ކުޅުނު އާއިޝަތު ނާޒިމާއެވެ.

ޕޮލިސް ކުލަބުގައި ހިމެނެނީ އެންމެ ފަހުން އެކުލަވާލެވުނު ގައުމީ ޓީމުގެ ހަތަރު ކުޅުންތެރިންނެވެ. އެއީ އާއިޝަތު ޝަހާ ޝާމިން، ހައިފާ އިމާދު، މަރިޔަމް އަޒުމާ އަދި ފާތިމަތު ޝަމްހާއެވެ. މި ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާއަކީ ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔެކެވެ. މި ޓީމުގެ ބިދޭސީ ކުޅުންތެރިޔަކީ ނޭޕާލްގެ ކަމަނާ ބިސްތާއެވެ. ޕޮލިހުގެ ކޯޗަކަށް ހުރީ ތަޖުރިބާކާރު ކޯޗު މުހައްމަދު ނަދީމް (ނަދީމް ކޯޗު)އެވެ.

މި ދެ ޓީމު ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މިރޭ 20:30ގައި، ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް