ދުނިޔޭގެ ކަނޑުގެ ދުވަހާއި ގުޅުވައިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މެރިކަލްޗަރ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
ބުދަ ދުވަހު ފެށި މި ޕްރޮގްރާމް ކުރިއަށްދާނީ މަނިޔަފުށި ރިސާޗް އެންޑް ޓްރެއިނިން ސެންޓަރުގައެވެ. މިއީ ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް" ޕްރޮޖެކްޓުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.
މަނިޔަފުށީގައި ހިންގާ މި ތަމްރީން ޕްރޮގްރާމަކީ ފުޅާ ދާއިރާއެއްގައި ދިގު މުއްދަތަކަށް ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ. އެގޮތުން، އެކްރެޑިޓް ކޮށްފައިވާ އަދި އެކްރެޑިޓް ނުކުރާ ބޭސިކް މެރިކަލްޗަރ ކޯސްތަކާއި އެޑްވާންސް މެރިކަލްޗަރ ކޯސްތައް ކުރިއަށްގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމަކީ އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ރާއްޖޭގައި މެރިކަލްޗަރ ތަރައްޤީ ކުރުމަށް މީހުން ބިނާ ކުރާ ތަމްރީނެކެވެ.
މެރިކަލްޗަރ ތަމްރީން ޕްރޮގްރާމް ފެށުމަށް މަނިޔަ ފުށީގައި ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ކަނޑުގެ ދިރުންތައް މާގިނައިން ނެގުމުގެ ސަބަބުން އެތަކެތި ނެތިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެކަމަށް އޮތް ހައްލަކީ މެރިކަލްޗަރ ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ކޯސްތަކުގައި ބައިވެރިވާ މީހުންނަކީ ދެމެހެއްޓެނިވި ގޮތެއްގައި އެ ދާއިރާ ކުރިއަރުވައި ރަށްތަކުގައި މެރިކަލްޗަރުގެ ކަންކަން ކުރިއަށްގެންދާނެ ބައެއް ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ބައެއް ކޯސްތައް އެކްރެޑިޓް ނުކޮށް ހުރި ނަމަވެސް ކުރިއަށް އޮތްތަނުގައި ހުރިހާ ކޯހެއް އެކްރެޑިޓް ކުރެވި ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށްޓަކައި ފަރުތަކުގައި ހުރި ދިރުންތައް އަޅުގަނޑުމެންގެ އިގްތިސާދީ ބޭނުންތަކަށްޓަކާ ބޭނުން ކުރުމަށް މިތައްޔާރުވަނީ ދެމެހެއްޓެނިވި ގޮތެއްގައި. މި ކޯހުގައި ބައިވެރިވާ ބޭފުޅުންނަކީ ހުރިހާ ގޮތަކުން ވެސް ވަރަށް މުހިންމު މަސައްކަތެއް މި ރާއްޖޭގައި ކުރުމަށް ތައްޔާރުވާ ބޭފުޅުންތަކެއް. ރާއްޖޭގެ ތަފާތު ހިސާބުތަކުގައި މަސް ވިއްސައި އާލާ ކުރަމުންދާއިރު އޭގެ އެންމެ މުހިންމު ރޯލެއް އަދާ ކުރާނީ މިއަދު ކޯހުން ކިޔަވައި ވިދާޅުވާ ބޭފުޅުންފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން
މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފަށާފައިވަނީ ބޭސިކް މެރިކަލްޗަރ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ދީފައިވަނީ މެރިކަލްޗަރ ތަރައްގީ ކުރުމަށް ކުރިއަށްގެންދާ ސަރަހައްދީ ހެޗަރީ ގާއިމް ކުރުމުގެ ޕްރޮގްރާމުގައި ހިމެނޭ ރަށްތަކުގެ މީހުންނަށެވެ. އެއީ ހއ. ފިއްލަދޫ އާއި އދ. އޮމަދޫ އާއި މ. ވޭވަށާއި ފ. ދަރަނބަދޫ އާއި ތ. ވަންދޫއެވެ. މި ރަށްތަކުން ބޭސިކް މެރިކަލްޗަރ ކޯހުގައި 15 މީހަކު ބައިވެރިވެއެވެ.
ބޭސިކް މެރިކަލްޗަރ ކޯސް ކުރިއަށްގެންދަން ނިންމާފައިވަނީ 8 ދުވަހުގެ މުއްދަތަކަށެވެ. މި ކޯހުގެ ބައިވެރިންނަށް މެރިކަލްޗަރ ކުރުމުގެ އަސާސީ މައުލޫމާތާއި މެރިކަލްޗަރުކުރުމުގެ އަމަލީ މަސައްކަތް ދަސްކޮށްދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މެރިކަލްޗަރ ތަމްރީން ޕްރޮގްރާމުގެ ދަށުން ރާވާފައިވާ ކޯސްތައް މުޅި ރާއްޖެއަށް ހުޅުވާލާނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.