ކޮވިޑް-19 އިމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން ކޯސްތައް ހިންގާ ފަރާތްތަކާއެކު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ހޯމަ ދުވަހު ސޮއި ކުރި މި އެއްބަސްވުމުގެ ދަށުން އަޕްސްކިލް އަދި ޓްރެއިނިންގ ޕްރޮގްރާމްގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ދާއިރާއާ ގުޅޭ ކޯސްތައް ހިންގާނީ އެވިޑް ކޮލެޖާއި ސައިރިކްސް ކޮލެޖާއި އެމްއައި ކޮލެޖާއި ދިވެރިރާއްޖޭގެ ޤައުމީ ޔުނިވާސީޓީ އަދި ވިލާ ކޮލެޖުންނެވެ. އެގޮތުން، މައިގަނޑު 4 ދާއިރާއަކުން ކޯސްތައް ހިންގަން ވަނީ ހަމަޖެހިފައެވެ.
މި ކޮލެޖްތަކުން ކޯސްތައް ހިންގާ ދާއިރާތަކުގެ ތެރޭގައި ކްލައުޑް އަދި ސައިބަރ ސެކިއުރިޓީ އާއި ވެބް ޑިޒަައިން އެންޑް ޑިވެލޮޕްމަންޓާއި ސަރވާ އެންޑް ނެޓްވޯކިން އާއި މަލްޓިމީޑިއާ ހިމެނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ އަޕްސްކިލް ޕްރޮގްރާމްއަކީ ކޮވިޑްއާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކުރި ފަރާތްތަކަށް ވަޒީފާގެ ބާޒާރަށް ނުކުތުމަށް ބޭނުންވާ ހުނަރާއި ތަމްރީން ފޯރުކޮށްދީ ވަޒީފާގެ ފުރުސަތުތައް ފަހި ކޮށްދޭން ފެށި ޕްރޮގްރާމެކެވެ. އައިސީޓީގެ ދާއިރާގެ އިތުރުން މި ޕްރޮގްރާމުގެ ދަށުން އެކައުންޓިން އާއި ޑައިވިން ދާއިރާއިން ފުރުސަތުތައް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރ އިން ވަނީ ހުޅުވާލާފައެވެ.