ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކޯޗު މާޓިން ކޫޕްމަން މަޤާމުން ވަކިކުރީ ގޯސްކޮށް ކަމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އިން ނިންމައިިއެވެ.
ކޯޗު ކަމުގެ މަޤާމުން ކޫޕްމަން ވަކިކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. އެއީ ކޫޕްމަންއާއެކު ހަދާފައިވާ އެއްބަސްވުން އައުކުރިތާ ހަ މަސް ދުވަސް ފަހުންނެވެ. އެއާއެކު ކޫޕްމަންގެ ފަރާތުން ވަނީ ފީފާއަށް މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލަ ބެލުމަށްފަހު ފީފާގެ ފުޓްބޯލް ޓްރިބިއުނަލްއިން ނިންމީ އޭނާ މަޤާމުން ވަކިކުރީ ގޯސްކޮށް ކަމަށާއި، އޭގެ ބަދަލު ދިނުމަށެވެ.
މި މައްސަލައާ ގުޅިގެން ކޫޕްމަންގެ ވަކީލުން ބުނީ ކޯޗުކަމުގެ މަޤާމުން އޭނާ ވަކިކުރީ، ކޫޕްމަންގެ ކޯޗުކަމުގެ ދަށުން ރާއްޖެއިން ނެރުނު ނަތީޖާއާމެދު ހިތްހަމަ ނުޖެހޭތީކަމަށް އެފްއޭއެމުން ބުނާ ކަމަށެވެ. ނަމަވެސް އޭނާގެ ވަކީލުން ބުނީ ކޫޕްމަންގެ އިރުޝާދުގެ ދަށުން ރާއްޖެއިން ނެރުނު ނަތީޖާއަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ޤައުމީ ޓީމާއި ކޫޕްމަންއަށް މަރުހަބާ ކިޔާފައިވާކަމަށެވެ.
އެފްއޭއެމާއި ކޫޕްމަންއާ ދެމެދު ހެދި އެއްބަސްވުމުގައި ބުނާ އެކި ވާޖިބުތަކާ އެއްގޮތަށް ކޫޕްމަން ރިޕޯޓެއް ހުށަހަޅަން ޖެހެއެވެ. އަދި އެ ރިޕޯޓަކީ ފެންވަރު ދަށް ރިޕޯޓެއް ކަމަށް އެފްއޭއެމުން ހުށަހަޅައިފައިވާ ކަމަށް ކޫޕްމަންގެ ވަކީލުން ބުނެއެވެ. ފީފާ ޓްރިބިއުނަލްއިން ވަނީ އެ ރިޕޯޓުތައް ހުށަހެޅުމަށް އެފްއޭއެމްގައި އެދިފައެވެ. ނަމަވެސް އެފްއޭއެމަށް އެ ރިޕޯޓުތަކެއް ހުށަހެޅިފައެއް ނުވެއެވެ. މީގެ އިތުރުން އެ ރިޕޯޓްތަކާ ގުޅޭގޮތުން ކޫޕްމަންގެ ކިބައިން އިތުރު މަޢުލޫމާތެއް ހޯދުމާއި، އަދި އެކަން އޭނާގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރިކަން އެފްއޭއެމަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ.
ކޫޕްމަންއާއެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް 2024 ވަނަ އަހަރުގެ ޖަނަވަރީ މަހާ ހަމައަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ އަދަދު ދިނުނަމަށް ފީފާގެ ފުޓްބޯލް ޓްރިބިއުނަލްއިން ވަނީ އަންގާފައެވެ. އަދި މި ފައިސާ 45 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވެއެވެ. އެ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ފީފާގެ ޑިވޮލޮޕްމެންޓް ބަޖެޓުން އެފްއޭއެމަށް ދޫކުރާ ފައިސާއިން އެ އަދަދު އުނިކުރާނެ ކަމަށް ވެސް އަންގާފައިވެއެވެ.
ކޫޕްމަންގެ އިރުޝާދުގެ ދަށުން ރާއްޖެއިން ކުޅުނީ ތިން މެޗެވެ. އެ ތިން މެޗަކީ ވޯލްޑް ކަޕް ކޮލިފައިންގެ ތިން މެޗެވެ. ކޮލިފައިންގައި ރާއްޖެ ކުޅުނީ ސީރިއާ، ޗައިނާ އަދި ފިލިޕީންސްއާ ދެކޮޅަށެވެ. މީގެ ކުރިން ފީފާއިން ވަނީ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހުރި ނެދަލޭންޑްސްގެ ރެނޭ ހިޑިންކަށް 2.9 މިލިއަން ރުފިޔާ (187,375 ޑޮލަރު) ދެއްކުމަށް އަންގާފައެވެ.