ކުރިއަށް އޮތް ދެވަނަ ޑިވިޝަނުގެ މުބާރާތުގައި ބައިވެރިވުމަށް ވިކްޓްރީ ސްޕޯޓްސް ކުލަބުން ޅ.ހިންނަވަރުގައި 10 ދުވަހުގެ ކޭމްޕެއް ބޭއްވުމަށް ނިންމައިިފިއެވެ.
އެކަން ހާމަކުރީ އެ ކުލަބުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ވިކްޓްރީގެ މެނޭޖަރ މުހައްމަދު އާދަމް ބުނީ އެންމެ ފަހުން އެފްއޭއެމްއާއެކު ބޭއްވި ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ވިދާޅުވީ އެންމެ އަވަހަށް އޮންނަ ކޮންގްރެސްއެއްގައި ސަސްޕެންޝަން ނަގާނެކަމަށެވެ. އެހެންކަމުން ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް، ދަނޑުތައް ހޯދުމުގައި ދަތިތަކެއް ހުރި ކަމަށެވެ.
އަޅުގަނޑުމެން މިހާރު ރާވާފައި މިއިނީ ޕްރެކްޓިސް މާދަމާ ރޭ ފަށާ ގޮތަށް. އެއަށްފަހު އަޅުގަނޑުމެން މި ބަލަނީ ވިލިނގިއްޔަށް އެއްވެސް ބަޔަކު ނުދާތީ ވިލިނގިލި ދަނޑު އަޅުގަނޑުމެންނަށް ހެނދުނާއި ހަވީރާ ލިބޭނެ ގޮތަކަށް ހަމަޖައްސައިދޭނެ ވާހަކަ އެބޭފުޅުން ބުނެފައި އޮތީ. ދެން އޭގެ އިތުރުން އަޅުގަނޑުމެން ޓީމުން އެބަ ރާވާ ދިހައެއްގައި ކޭމްޕެއް ދިޔުަމަށް. ދިހަ ދުވަހުގެ. އެ ކޭމްޕުގައި އަޅުގަނޑުމެން ޓްރެއިނިންގެ ބޮޑު ބައި ދާނީ.މެނޭޖަރ މުހައްމަދު އާދަމް
މީގެ އިތުރުން ވިކްޓްރީގެ ޗެއާމަން ހުސެއިން އާދަމް ވިދާޅުވީ ދަނޑުގެ މައްސަލާގައި ދަތިތަކެއް ހުރި ނަމަވެސް، ފޯމު ހުށަހަޅާ ހިސާބުން ހުއްދަތައް ދޭނެ ކަމަށް އެފްއޭއެމުން ބުނާ ކަމަށެެވެ. އެހެންކަމުން ސަސްޕެންޝަންއާއި ގުޅިގެން ހުރީ ވަރަށް ކުޑަ މައްސަލަތަކެއް ކަމަށެވެ. އަދި މިހާރު ހުރަސްތަކުގެ މަތިިން ހަނދާން ނައްތާލަން ވެއްޖެ ކަމަށެވެ.
ކޭމްޕު ދާނެ ރަށަކާ ގުޅޭ ގޮތުން ސުވާލުކުރުމުން މެނޭޖަރ އާދަމް ބުނީ ކޭމްޕް ދާނެ ރަށެއްގެ ގޮތުގައި ހިންނަވަރު ހަމަޖެއްސީ އެންމެ ފަސޭހައިން ފެސިލިޓީސް ލިބޭނީ އެރަށުން ކަމަށްވާތީއެވެ. އަދި އެ ރަށުގެ ގިނަ ރައްޔިތުންނަކީ ވިކްޓްރީއަށް ސަޕޯޓުކުރާ ބަޔަށް ވާތީ ކަމަށެވެ. އެހެންކަމުން އެކަހަލަ ރަށެއްގައި ކޭމްޕް ކުރާނަމަ، ވިކްޓްރީން ބޭނުންވާ ގޮތަކަށް ޓްރެއިނިންގގެ ކަންތައްތައް ކުރިއަށް ގެންދަން ފަސޭހަވޭނެތީއެވެ.
އަޅުގަނޑުމެން މިހާރު ރާވަފައިވަނީ ހިންނަވަރަށް ކޭމްޕް ދިޔުމަށް. އަޅުގަނޑުމެންނަށް އެންމެ ފަސޭހައިން ފެސިލިޓީސް ލިބެން އިނީ އެރަށުން. އަނެއްކާ އެރަށުގެ ސަޕޯޓު، އެރަށަކީ އާންމުކޮށް ބުނަންޏާ ގާތް ގަނޑަކަށް 70 ޕަސެންޓު ވިކްޓްރީގެ ސަޕޯޓަރުން. އެކަހަލަ ތަނަކަށް ގޮސްފިނަމަ އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް ޓްރެއިނިން ގެންދިޔުމާއި އެކަންތައް ތަކަށް ފަސޭހަވާނެ ކަމަށް ބަލާފަ އެރަށް ހަމަޖެއްސީ.މެނޭޖަރ މުހައްމަދު އާދަމް
މީގެ އިތުރުން ޗެއާމަން ހުސެއިން އާދަމް ވިދާޅުވީ ވިކްޓްރީ އަލުން އަނބުރާ މިހިސާބަށް ގެނައުމުގައި ވިކްޓްރީގެ ބޯޑާއި، ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި ޚާއްސަކޮށް ވިކްޓްރީގެ ސްޕޮންސަރުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ މިހިސާބަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށެވެ. އަދި އުންމީދަކި ވީހާ ވެސް އަވަހަކަށް ވިކްޓްރީ ސްޕޯޓްސް ކުލަބް ފަސްޓް ޑިވިޝަންގައި ވާދަކުރާތަން ފެނުން ކަމަށެވެ.