ކ. މާލެ
|
31 މެއި 2022 | އަންގާރަ 10:23
ވިލިމާލެ
ވިލިމާލެ
ފޭސްބުކް
މުއްދަތު ހަމަވެފައިވާ ވެކްސިން
ވިލިމާލެ ހޮސްޕިޓަލުގައި މުއްދަތު ހަަމަވެފައިވާ ވެކްސިން ދިން މުވައްޒަފުން ސަސްޕެންޑުކޮށްފި
ސަސްޕެންޑުކޮށްފައިވަނީ ކިތައް މުވައްޒަފުން ކަމެއް އައިޖީއެމްއެޗުން ހާމައެއް ނުކުރޭ
މައްސަލަ ތަހުގީގު ކުރުމަށް ވެކްސިން ދިނުން ވަނީ މެދުކަނޑާލާފައި

ވިލިމާލެ ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މުވައްޒަފުން ސަސްޕެންޑުކޮށްފިއެވެ.

ސަސްޕެންޑުކޮށްފައިވަނީ ކިތައް މުވައްޒަފުން ކަމެއް އައިޖީއެމްއެޗުން ހާމައެއް ނުކުރެއެވެ. މުއްދަތު ހަމަވެފައިވާ ވެކްސިން ކުޑަކުދިންނަށް ދީގެން އެ މައްސަލަ ބެލުމަށް އެ ހޮސްޕިޓަލްގައި ވެކްސިން ދިނުން ވަގުތީ ގޮތުން މެދުކަނޑާލީ ހުކުރު ދުވަހު ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ވިލިމާލެ ހޮސްޕިޓަލް ހިންގަމުން އަންނަނީ އައިޖީއެމްއެޗްގެ ބެލުމުގެ ދަށުންނެވެ.

މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލަ ބަލައި ތަހުގީގު ކުރާކަމުގައި އައިޖީއެމްއެޗުން ބުނެއެވެ. އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މުއްދަތު ހަމަވެފައިވާ ވެކްސިން ވިލިމާލެ ހޮސްޕިޓަލުން ކުޑަކުދިންގެ ގަޔަށް ޖަހާފައިވާ މައްސަލަ އައިޖީއެމްއެޗްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމްއެޗުން ބަލަމުން އަންނަ ކަމަށެވެ. މިކަމުގައި އިހުމާލުވާ ފަރާތްތައް ދެނެގަނެ، ފިޔަވަޅު އަޅައި، ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލަ ފެންމަތިވެފައިވަނީ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ކުރެއްވި ޓްވީޓަކާއެކުގައެވެ. އުޝާމް އާންމުކުރެއްވި ފޮޓޯއިން ފެންނަ ގޮތުގައި އެ ވެކްސިންގެ މުއްދަތު ހަމަވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި، އެ މައްސަލައިގައި ސަރުކާރުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިންވެސް ވިލިމާލެ ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލައެއް ފެންމަތިވެ، އެކަން ބަލާނެ ކަމަށް އޭރުވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.


Advertisement
- ކޮމެންޓް
31 މެއި 2022 | އަންގާރަ 10:41
ޝަމާ
ނަރުހުންގެ ތެރޭގައި ވަރަށް ކިބުރުވެރި ބޮޑާ މީހުން ތިބޭ. އަދި ނަރުހުންގެ ކިބައިގައި ހުންނަން ޖެހޭ އޯގާތެރިކަމާއި، އަޅާލުމުގެ ސިފަ ނެތް މީހުން ވެސް ތިބޭ. މިކަހަލަ ނަރުހުންގެ ތައުލީމީ ސެޓްފިކެޓް ސަސްޕެންޑް ކުރަންޖެހޭ. އެއަށް ފަހު މުސާރަ ބޮޑު ކުރަންވީ