ކ. މާލެ
|
29 މެއި 2022 | އާދީއްތަ 13:56
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ސެޝަންގައި ބައިވެރިވެވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ސެޝަންގައި ބައިވެރިވެވަޑައިގަންނަވަނީ
ރައީސް އޮފީސް
"ވިއަވަތި ރާއްޖެ" ކޮންފަރެންސް
ރަށްރަށުގައި ސަރުކާރުގެ އިދާރާތައް ހިންގުމަށް އޮތް ޖާގައިގެ ދަތިކަން ހައްލުކުރަން ކޮންމެ ރަށަކަށް އޮފީސް އިމާރާތެއް
 
ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް އެކުގައި މަސައްކަތް ކުރަން ރައީސް އެދިވަޑައިގެންނެވި
 
އޮފީސް އިމާރާތްތަކުން ކައުންސިލްތަކާއި ކޯޓުތަކާއި ބޭންކުތަކަށް ޖާގަ ދޭނެ
 
ކޮންމެ ރަށެއްގައި އޮފީސް އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވި

ރަށްރަށުގައި ސަރުކާރުގެ އިދާރާތައް ހިންގުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކޮންމެ ރަށެއްގައި އޮފީސް އިމާރާތެއް އެޅުމުގެ ޕްލޭނެއްގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ އުކުޅަހުގައި ކުރިއަށްދިޔަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގެ ސެޝަނެއްގައި ވާހަކަފުޅުދައްވަމުންނެވެ. އެ ސެޝަނުގައި އަންހެނުންގެ ކޮމިޓީތަކުގެ ރައީސުން ވަނީ އެ ކޮމިޓީތަކުގެ ޖަލްސާތައް ބާއްވާނެ ޖާގަ ނުލިބޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިއީ ޖާގައިގެ ދަތިކަމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށާއި ގިނަ ކޮމިޓީތަކުން ބައްދަލުވުންތައް ބާއްވަނީ ބޭރުގައި ކަމަށް ވެސް އަންހެނުންގެ ކޮމިޓީތަކުގެ ބައެއް ރައީސުން ފާހަގަކުރެއްވިއެވެ.

މި ސެޝަނުގައި ރައީސް ސާލިހު ވިދާޅުވީ ރަށްރަށުގައި ސަރުކާރުގެ އިދާރާތައް ހިންގުމުގައި ޖާގައިގެ ދަތިތަކަމަކީ ދިމާވެފައިވާ މައްސަލައެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ގިނަ ކައުންސިލްތަކުގެ އިމާރާތްތަކަކީ 40 އަހަރާއި 50 އަހަރުވެފައިވާ އިމާރާތްތައް ކަމަށާއި އިމާރާތްތައް އާ ކުރަން ޖެހޭ ކަމަށް ރައީސް ފާހަގަކުރެެއްވިއެވެ. މީގެ އިތުރުން ކައުންސިލް އިމާރާތުން ޖާގަ ދެވެން އޮތް މިންވަރަކުން އަންހެނުންގެ ކޮމިޓީތަކަށް ޖާގަ ދިނުމަށް ކައުންސިލްތަކުގައި ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ ޕްލޭނިން މިނިސްޓްރީގެ ޖާގައިގެ ދަތިކަން ހައްލު ކުރަން ޕްލޭންތަކެއް ހަދަމުންދާ ކަމަށެވެ. އެގޮތުން ހަދާ އިމާރާތްތަކުގައި ކައުންސިލުގެ މަސައްކަތްތަކާއި ކޯޓުތަކާއި ބޭންކު ފަދަ ޚިދުމަތްތަކަށް ޖާގެ ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތް ކުރަން ވަގުތު ނަގާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކަކީ އެކުގައި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ބައެއްކަން ފާހަގަކުރައްވައި އެއް އިމާރާތެއްގެ ދަށުން މަސައްކަތް ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި