ކޮވިޑް-19ގެ ޕެންޑަމިކް ތެރޭގައި ރާއްޖެއިން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާއި ބެހެއްޓި ގާތް ގުޅުމަށް ޑަބްލިއުއެޗްއޯއިން ޝުކުރު އަދާކޮށްފިއެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމާއި ގުޅޭގޮތުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވަނީ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރިއެއިސުސް އާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ކުރިއެރުވުމަށްޓަކާ ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ޕްރައިމަރީ ހެލްތު ކެއަރ އާއި ކޮމިއުނިޓީ ހެލްތު ކެއަރގެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ މުހިންމުކަމާއި ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ޓެޑްރޯސް ވިދާޅުވީ ދިވެހިރާއްޖޭގެ ހެލްތު މިނިސްޓަރ ނަސީމް އާއި ބައްދަލް ކުރައްވާ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކާ ސިއްހީ ދާއިރާއިން މީހުން ތަމްރީން ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށްޓަކާ އުފާކުރައްވާކަމަށެވެ. މީގެ އިތުރުން ކޮވިޑް-19ގެ ޕެންޑަމިކް ތެރޭގައި ރާއްޖެއިން ޑަބްލިއުއެޗްއޯއާއި ގުޅިގެން ކުރި މަސައްކަތް ފާހަގަކުރައްވާ އެކަމަށްޓަކާ މިނިސްޓަރ ނަސީމްއަށް ޝުކުރު އަދާކުރެއްވި ކަމަށް ޓެޑްރޯސްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.