ކ. މާލެ
|
28 މެއި 2022 | ހޮނިހިރު 12:42
އަންހެނަކު ޤުރުއާން ކިޔަވަނީ
އަންހެނަކު ޤުރުއާން ކިޔަވަނީ
ޔުނައިޓެޑް ސްޓޭޓްސް އިންސްޓިޓިއުޓް އޮފް ޕީސް
ދީނުގެމަގު
ސަހާބިއްޔާއެއްގެ ހަޔާތުން އަގުހުރި ފިލާވަޅެއް
 
އިސްލާމްދީނުގައި އަންހެނުންނަށް ލިބިގެންވާ މަގާމާއި ދަރަޖައަކީ، އެހެން އެއްވެސް ދީނެއްގައި އެކަނބަލުންނަށް ލިބިގެންވާ މަގާމަކާއި ދަރަޖައެއް ނޫން

އިސްލާމްދީނުގައި އަންހެނުންނަށް ލިބިގެންވާ މަގާމާއި ދަރަޖައަކީ، އެހެން އެއްވެސް ދީނެއްގައި އެކަނބަލުންނަށް ލިބިގެންވާ މަގާމަކާއި ދަރަޖައެއް ނޫނެވެ. އިސްލާމްދީނުގެ ނޫރު ދުނިޔޭގެ ކަންކޮޅުތަކަށް ފާއްދާލިއިރު، އަންހެނުންވަނީ ވަރަށް ދެރަ ނިކަމެތި ދަރަޖައެއްގައެވެ. ނަމަވެސް އިސްލާމްދީން އެކަނބަލުންގެ ދަރަޖައާއި ޝަރަފް މަތިވެރިކުރައްވައި، އެކަނބަލުންގެ އިއްފަތްތެރިކަމާއި އަބުރުވެރިކަން ރައްކާތެރިކުރާނޭ ހުރިހާ ގޮތްތަކެއް ކަނޑައަޅުއްވައި ހަމަޖެއްސެވިއެވެ.

އިސްލާމީ ތާރީޚުގައި ރަން އަކުރުން ފާހަގަކުރެވިފައިވަނީ، އެކަނބަލުންގެ ތެރެއިން ކިތައްކިތައް ޝަޚުސިއްޔަތުތޯއެވެ؟ އެއިން އެއް ބޭކަނބަލެއްގެ ހަޔާތުގެ ތެރެއިން ހިނގައިދިއަ ހާދިސާ އަކުން އިބުރަތުގެ ފިލާވަޅެއް ލިބިގަންނަމާތޯއެވެ.

އެއީ ހައުލަތު ބިންތި ސައުލިބަތި ނަމަކަށް ކިޔުނު ސަހާބިއްޔާއެކެވެ. އޭނާގެ ފިރިކަލުން އައުސް ބިން ސާމިިތު އެއްދުވަހަކު ކޯފާވެވަޑައިގެން ވިދާޅުވީ، ކަމަނާ ތިމަންގެ މަންމައާ އެއްފަދައެވެ. އެއީ ޖާހިލިއްޔާ ޒަމާނުގައި އަނބިން ވަރިކުރަން ބޭނުންކުރާ ބަހެކެވެ. އެގޮތަށް ވަރިކޮށްފިނަމަ މުޅި އުމުރު ދުވަހު އެދެމީހުން ކައިވެނި ކުރުން ހަރާމްވެއެވެ. އައުސްގެފާނު ވަރަށް ހިތާމައާއެކު ހައުލަތަށް ވިދާޅުވީ، ތިމަން ދެކޭ ގޮތުގައި ކަމަނާ ތިމަންނައަށް އަބަދަށްޓަކައި ކައިވެނި ހަރާމްވެއްޖެއެވެ. ހައުލަތު ވިދާޅުވީ، ތިޔަކަންތައް ތިޔަގޮތަށް އޮތީ ކިރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިންނެވެ. އެހެނީ ތިޔަ ވިދާޅުވި ބަހުގައި ވަރީގެ ބަހެއް އެކުލެވިފައެއް ނުވެއެވެ. ތިޔަކަންތަކާމެދު އަވަހަށް ކީރިތި ރަސޫލާ އަރިހުން ފަތުވާއެއް ހޯއްދެވުމަށް ވަޑައިގަތުން ތިމަންކަމަނާއަށް ފެނިވަަޑައިގަންނަވައެވެ. އައުސް ވިދާޅުވީ، ކީރިތި ރަސޫލާ އަރިހަށްދާން ތިމަންކަލޭގެފާނު ލަދުގަނެއެވެ. ކަމަނާ ވަޑައިގެން ކީރިތި ރަސޫލާއަށް ދަންނަވާށެވެ. ފަހަރެއްގައި ތިމަންމެންނަށް މިކަމުގެ އަލިމަގެއް ދައްކަވައިފާނެއެވެ.

އެކަމަނާ ކީރިތި ރަސޫލާ އަރިހަށް ވަޑައިގެން ދެންނެވިއެވެ. އޭﷲގެ ރަސޫލާއެވެ. އައުސްއަކީ ތިމަންކަމަނާ އެންމެ ބޮޑަށް ލޯބިވާ، ތިމަންކަމަނާގެ ކުދިންގެ ބައްޕައެވެ. އޭނާގެ ރުޅިގަދަކަމާއި، ކަންކަމުގައި ކެތްތެރިކަން ކުޑަކަން ކަލޭގެފާނަށް ވަންހަނާވެވަޑައިގެންނެއްނުވާނެއެވެ. ތިމަންކަމަނާ އޭނާއާ ދިމާއަށް އެއްޗެއް ބުނުމުން ރުޅިއައިލެއްގަދަ ކަމުން، ތިމަންކަމަނާ އޭނާގެ މަންމައާ އެއްފަދަކޮށްފިއެވެ. ނަމަވެސް އޭނާ އެބަސްބުނީ، ތިމަންކަމަނާ ވަރިކުރުމުގެ ގަސްދުގައެއް ނޫނެވެ. ދެންފަހެ ކީރިތި ރަސޫލާ ހަދީސްކުރެއްވިއެވެ. "ކަމަނާ އޭނާގެ މައްޗަށް ހަރާމްވެގެންވާކަން ނޫން އެހެން ގޮތެއް ތިމަންކަލޭގެފާނަކަށް ފެނިވަޑައިނުގަންނަވައެވެ." އެއީ ވަރީގެ ބަހެއް ނޫނެއްނޫންތޯއޭ ދަންނަވައި ހައުލަތު ކީރިތި ރަސޫލާއާ ޖަދަލު ކުރެއްވުމުންވެސް އެކަލޭގެފާނު ދެއްވަނީ ހަމައެޖަވާބެވެ. ދެން އެއްވެސް ގޮތެއް ނެތުމުން ހައުލަތު ﷲގެ ހަޟުރަތުގައި ޝުކުރުދަންނަވައި ދުއާދެންނެވިއެވެ. ތިމަންކަމަނާގެ މި ހިތާމައިން ދުރުކުރައްވާފަދަ ހުކުމެއް އިބަރަސްކަލާނގެ ރަސޫލާގެ މައްޗަށް ބާވައިލައްވާނދޭވެ! ގިނަ އިރެއް ނުވަނީސް އަލް މުޖާދިލާ ސޫރަތުގެ ފުރަތަމަ 4 އާޔަތް ކީރިތި ރަސޫލާގެ މައްޗަށް ބާވާލައްވައިފިއެވެ. އޭގައިވަނީ ޒިހާރުގެ ހުކުމެވެ.

ނޯޓް: ދީނުގެމަގު މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފްތާއަކު އެއްފަހަރު އެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް