ކ. މާލެ
|
27 މެއި 2022 | ހުކުރު 08:56
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ރާއްޖޭގެ އިޤްތިސާދީ ޙާލަތު
ޣައިރު ޒިންމާދާރު ބަޔަކު ވެރިކަމުގައި ތިބިނަމަ ރާއްޖޭގެ އިޤްތިސާދު ބަނގުރޫޓުވީސް: ޖާބިރު
ކެބިނެޓުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުންވެސް ކެނޑިނޭޅި މަސައްކަތް ކުރެއްވި
ރާއްޖެއިން ފިޔަވަޅުތައް އަޅަމުންދިޔައީ އިޤްތިސާދީ ޙާލަތަށް ރިއާޔަތްކޮށްގެން
މި ޤައުމު ބޭންކްރަޕްޓު ނުވާނެކަމަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށް ޖާބިރު ވިދާޅުވި

ޣައިރު ޒިންމާދާރު ބަޔަކު ވެރިކަމުގައި ތިބިނަމަ ރާއްޖޭގެ އިޤްތިސާދު ބަނގުރޫޓުވީސްކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ ދާދި ފަހުން ޖޭޕީ މޯރގަންއާ ޙަވާލާދީ ފެތުރިގެން ދިޔަ ޚަބަރަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒަރވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް ބުނެ ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީ މޯގަންއިން އިންޒާރު ދީފައިވާކަމަށް ބުނެ ބައެއް ތަންތަނުން ވަނީ ރިޕޯޓްކޮށްފައެވެ.

ނަމަވެސް އެއީ އެ ކުންފުނީގެ ރަސްމީ ބަހެއް ނޫންކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖެއިން ފިޔަވަޅުތައް އަޅަމުންދިޔައީ އިޤްތިސާދީ ޙާލަތަށް ރިއާޔަތްކޮށްގެންކަން ފާހަގަކުރައްވައި ޖާބިރު ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ކޮވިޑުގެ ޙާލަތު މެނޭޖް ކުރެއްވި ގޮތަށް އަލިއަޅުވާލައްވާފައެވެ.

ޖާބިރު ވިދާޅުވީ، ޣައިރު ޒިންމާދާރު ބަޔަކު ވެރިކަމުގައި ތިބިނަމަ ރާއްޖޭގެ އިޤްތިސާދުވެސް ބަނގުރޫޓުވެދާނެ ކަމަށެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އިޤްތިސާދު އަލުން ހަމައަކަށް އެޅުވުމަށް ކެބިނެޓުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުންވެސް ކެނޑިނޭޅި މަސައްކަތް ކުރެއްވިއެވެ.

އެ އެންމެންވެސް މަސައްކަތް ކުރީ ލަންކާއަށް ދިމާވެފައިވާ ފަދަ ޙާލަތެއް ދިމާވިޔަ ނުދިނުމަށް ކުރީބައިގައި ވިސްނަވައިގެން ފިޔަވަޅުތައް އަޅުއްވަމުންކަމަށް ޖާބިރު ވިދާޅުވިއެވެ.

އެ ފިޔަވަޅުތަކާއެކު މި ޤައުމު ބޭންކްރަޕްޓު ނުވާނެކަމަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށް ޖާބިރު ވިދާޅުވިއެވެ. މިވަގުތު ރާއްޖޭގެ އިޤްތިސާދު ހިފެހެއްޓިފައި އޮތުމަކީ ރައީސް ސާލިޙު އެޅުއްވި ރަނގަޅު ފިޔަވަޅުތަކުގެ ނަތީޖާކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

މިއަހަރު ދަރަނި ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުވެސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދު ރަނގަޅު ކަމަށާއި މިއަހަރާއި 2023 އަދި 2024 ވަނަ އަހަރު ވެސް ދަތިކަމެއް ނެތި ދަރަނި ދެއްކޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

- ކޮމެންޓް