ކ. މާލެ
|
27 މެއި 2022 | ހުކުރު 09:01
އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާއި، ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން
އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާއި، ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
ޖެންޑާއަށް ހުށަހަޅާފައިވާ މައްސަލަތައް
އޭޕްރިލް މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 30 މައްސަލަ
އޭޕްރިލް މަހު މިނިސްޓްރީއަށް 184 މައްސަލަ ހުށަހަޅާފައިވޭ
ކުޑަކުދިންނާ ގުޅޭ 103 މައްސަލައެއް ހިމެނޭ
އޭޕްރިލް ނިމުނުއިރު ދައުލަތުގެ ބެލުމުގެ ދަށުގައި 201 ކުއްޖަކު ތިބި

ނިމިދިޔަ އޭޕްރިލް މަހު ކުޑަކުސިންނަށް ޖިންސީ ގޯނާ ކުރިކަމުގެ 30 މައްސަލައެއް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެނޑް ސޯޝަލް ސަރވިސްއަށް ހުށަހަޅައިފިއެވެ.

ޖެންޑަރ މިނިސްޓްރީގެ އޭޕްރިލް މަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، މިދިޔަ މަހު އެ މިނިސްޓްރީއަށް 184 މައްސަލައެއް ރިޕޯޓުކޮށް، އެޓެންޑުކޮށްފައިވެއެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ، އާއިލީ މައްސަލަތައް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް، ހައްގުތަކުން ކުޑަކުދިން މަހުރޫމުކުރުމާއި، އަޚުލާގީ މައްސަލަތަކާއި، އަމިއްލަ ނަފުސަށް ގެންލުން ދިނުމުގެ މައްސަލަތަކުގެ އިތުރުން ޤާނޫނާ ގަވައިދާ ޚިލާފުވުމުގެ މައްސަލަތައް ހިމެނެއެވެ.

މި ބާވަތްތަކުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައި ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާކަމަށް މިނިސްޓްރީގެ ތަފާސްހިސާބުން ހާމަކުރެއެވެ. މިބާވަތުގެ 103 މައްސަލައެއް ހުށަހަޅާފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 30 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެއިތުރުން ޖިސްމާނީ ހާނިކައިގެ 29 މައްސަލައާއި، އިހުމާލުވުމުގެ 16 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 10 މައްސަލަ އަދި ނަހަމަ ގޮތުގައި ކުޑަކުދިން ބޭނުންކުރުމުގެ 4 މައްސަލަ ހުށަހެޅިފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 31 މައްސަލަ އެޕްރީލްމަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 17 މައްސަލައެވެ. މިބާވަތުގެ މައްސަލަތަކުގެ އިތުރުން ބިރުދެއްކުމުގެ 7 މައްސަލަ، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 4 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 1 މައްސަލަ، ފާރަލުމުގެ 1 މައްސަލަ އަދި ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 1 ހިމެނޭކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

އާއިލީ މައްސަލަތަކުގެ ގޮތުގައި 21 މައްސަލަ އެޕްރީލްމަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ހަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 11 މައްސަލަ އަދި ކުދިން ބެލުމުގައި ޖެހޭ 10 މައްސަލަ ހިމެނެއެވެ.

ހައްގުތަކުން ކުޑަކުދިން މަހުރޫމުކުރުމުގެ 4 މައްސަލަ އެޕްރީލްމަހު ވަނީ ރިޕޯޓުކޮށްފައެވެ. އެއީ ސާފު ބޯފެނާއި ކަރަންޓްގެ ޚިދުމަތް ކަނޑާލުމުގެ 4 މައްސަލައެއް ކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކުރެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 11 މައްސަލަ އެޕްރީލް މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 9 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 2 މައްސަލަ ހިމެނެއެވެ.

ކުޑަކުދިންގެ އަޚުލާގާ ގުޅުން ހުރި 4 މައްސަލައެއް އެޕްރީލްމަހު ވަނީ ހުށަހަޅައިފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ރުޅި އިސްކުރުމާއި، ރުޅި ގަދަވެގެން އުޅުމުގެ 2 މައްސަލަ އަދި ގެއިން ނިކުމެގެން ދިއުމުގެ 2 މައްސަލަ ހިމެނެއެވެ. އަދި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 7 މައްސަލަ އެޕްރީލް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

މީގެ އިތުރުން ގާނޫނާ ގަވައިދާ ޚިލާފުވުމުގެ 3 މައްސަލަ އެޕްރިލްމަހު ރިޕޯޓުކޮށްފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ. މީގެ ތެރޭގައި މާރާމާރީ ހިންގުމުގެ 1 މައްސަލަ ހިމެނެއެވެ.

މިދިޔަ މަހު 3 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކުރެއެވެ. އަދި 2 ކުއްޖެއް ރީއިންޓަގްރޭޓް ކޮށްފައިވާއިރު، އެޕްރީލްމަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމުލަ 201 ކުއްޖަކު ތިބިކަމަށް ތަފާސްހިސާބުން ދައްކައެވެ.

- ކޮމެންޓް