މާލެ ސަރަހައްދުގެ ގޭބިސީތަކުން އުފައްދާ ކުނި އުކާލަން ނެރޭއިރު ވަކި ކޮށްފައި ނެރެން އެންގިނަމަވެސް ކުނި އުކައިދިނުމުގެ ޚިދުމަތަށް ނަގާ ފީއަށް ބަދަލެއެއް ނާންނާނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ޖޫން އެކަކުން ފެށިގެން މާލެ ސަރަހައްދުން ކުނި ނެރޭއިރު އެ ކުނި ނެރެންޖެހެނީ 3 ވައްތަރެއްގެ ކުނި ވަކިކޮށްގެންނެވެ. އެއީ ކުނިވާޒާތުގެ ކުންޏާއި، ޕްލާސްޓިކް ފުޅީގެން އިތުރުން އެހެނިހެން ބާވަތްތަކުގެ ކުންޏެވެ. ކުނި ނެރޭއިރު އަމަލުކުރަންޖެހޭ ގޮތަށް ބަދަލެއް ގެނެސްފައިވާއިރު، މިކަމާއި ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ކުނި ނެރުމުގައި އަމަލުކުރަންޖެހޭ އުސޫލަށް ބަަދަލެއް ގެނައި ނަމަވެސް ކުނި ނެގުމަށް ވެމްކޯއިން ނަގާ ފީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
މި މަސައްކަތަކީ ޒަމާންތަކެއްވީ ކުނީގެ މައްސަލަ ހައްލުކުރަން ފަށާފައިވާ މަސައްކަތުގެ ތެރެއިން ކުނި މެނޭޖްކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން ދުވާލެއްގެ މައްޗަށް މާލެ ސަރަހައްދުން 600 ޓަނާއި 700 ޓަނާ ދެމެދުގެ އަދަދެއްގެ ކުނި ތިލަފުއްޓަށް ޖަމާކުރަމުންދާކަމަށާއި، މި ކުނިތައް މިހާރު މެނޭޖްކުރަމުންދަނީ މެޝިނެއްގެ އެހީގައި ކުނިތައް އެއްކޮށް ފިއްތާލުމަށްފަހު ކުނިތައް ޕެކްކޮށްލުން ނުވަތަ ބެއިލްކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަސައްކަތަކީ އެކި ބާވަތްތަކުގެ ކުނި ވަކިކޮށްގެން ކުރާ މަސައްކަތެއް ކަމަށާއި، ކުނި ވަކި ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ ވެމްކޯގެ މުވައްޒަފުން އެމީހުންގެ އަތުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް ގޭބީސީތަކުން ކުނި ނެރޭއިރު ކުނި ވަކިކޮށްގެން ނެރުމަކީ މިމަސައްކަތަށް ލުޔެއް ލިބިގެންދާނެ ކަމެއް ކަމުގައި މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ. މިގޮތަށް ކުނި ބެއިލްކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކުނިން ހަކަތަ އުފެއްދޭ ނިޒާމު ތިލަފުށީގައި ގާއިމުކުރެވެންދެން ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.
މީހުން ދިރިއުޅޭ އެހެނިހެން ރަށްތަކާއި ސިނާއީ ރަށްތަކާއި ރިސޯޓްތަކުން ކުނި އުކާލާއިރު ހަތަރު ބަޔަކަށް ބަހާލަން ޖެހޭނެއެވެ. އެއީ ކުނިވާޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކް ފުޅި، މައުދަނާއި ބިއްލޫރީގެ ބާވަތްތައް އަދި އެހެނިހެން ބާވަތްތަކެވެ.
މި ބަދަލާއެކު ޖޫން މަހުން ފެށިގެން ކުނި ބަންދު ކުރާއިރު ވަކި ކުރަން ކަނޑައަޅާފައިވާ ކުނި، އެއްކުނީގެ ބާވަތްތަކާއި އަނެއްކުނީގެ ބާވަތްތައް އެއް ނުވާނެހެން ވަކި ކޮތަޅުތަކުގައި ބަންދު ކުރުމަށް ސަމާލުވުމަށް ވެމްކޯއިން އެދެއެވެ. އަދި އަމިއްލައަށް ކުނި އުކާލާ ފަރާތްތަކުން ވެސް ވެމްކޯގެ ސައިޓުތަކަށް ކުނި އުކާލާއިރު ކުނި ވަކިކުރަން އެ ކުންފުނިން ވަނީ އަންގާފައެވެ.