މަންކީޕޮކްސް ހުރިތޯ ދެނެގަތުމަށް ޓެސްޓްކުރާނެ ޓެސްޓް ކިޓުތަކެއް އުފައްދާފައިވާކަމަށް ރޮޗް އިން ބުނެފިއެވެ.
ރޮޗްއިން ބުނީ ތިން ޓެސްޓް ކިޓެއް މަންކީޕޮކްސްއަށް ޓެސްޓްކުރުމަށް އުފައްދާފައިވާކަމަށެވެ. މަންކީޕޮކްސް އަކީ މީގެކުރިން އާންމުކޮށް އެފްރިކާގެ ޤައުމުތަކުން ފެނިފައިވާ ބައްޔެކެވެ. ނަމަވެސް މިފަހަކުން މަންކީޕޮކްސްގެ ގިނަ ކޭސްތަކެއް އަންނަނީ އެފްރިކާ ސަރަހައްދުން ބޭރުން ފެންނަމުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ން ހާމަކޮށްފައިވާ ގޮތުގައި ޔޫރަޕާއި އުތުރު އެމެރިކާގެ ސަރަހައްދުތަކުން މިހާތަނަށް 200ށް ވުރެ ގިނަ ކޭސް ވަނީ ފެނިފައެވެ. އޭގެތެރޭގައި ހިމެނެނީ ސަސްޕެކްޓެޑް ކޭސްތަކުގެ އިތުރުން ޔަޤީންވެފައިވާ ކޭސްތަކެވެ.
ސްވިސް ކުންފުންޏެއްކަމުގައިވާ ރޮޗްއިން ބުނީ މަންކީޕޮކްސް ހަށިގަނޑުގައި ހުރިތޯ ދެނެގަތުމަށް އުފައްދާފައިވާ ތިން ޓެސްޓް ކިޓުގެ ތެރެއިން އެއް ޓެސްޓް ކިޓުން ސްމޯލްޕޮކްސް އަދި ކައުޕޮކްސްވެސް ދެނެގަނެވޭނެކަމަށެވެ.
ދެވަނަ ކިޓުން ދެނެގަނެވޭނީ ހަމައެކަނި މަންކީޕޮކްސް ވައިރަސްކަމަށް އެކުންފުނިން ބުނެއެވެ. ވަކިން ޚާއްސަކޮށް ހުޅަނގު އެފްރިކާ އާއި މެދުތެރޭ އެފްރިކާއިން ފެނިފައިވާ ވައިރަސްގެ ސްޓްރެއިންއެވެ. ތިން ވަނަ ކިޓުން މަންކީޕޮކްސްގެ އިތުރުން ސްމޯލްޕޮކްސް އާއި ކައުޕޮކްސްވެސް ދެނެގަނެވޭނެއެވެ.