ކ. މާލެ
|
25 މެއި 2022 | ބުދަ 21:27
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލުތައް
މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ 22 ބިލުގެ ތެރެއިން 7 ބިލު ވަނީ ފޮނުވާފަ: ރައީސް އޮފީސް
މުހިންމު ބިލުތަކެއް ސަރުކާރުން ހުށަނާޅާ ކަމަށް ރައީސް ނަޝީދު ވިދާޅުވި
ރައީސް އޮފީހުން ބުނީ ހުށަނޭޅެނީ އެންމެ ބިލެއް ކަމަށް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވަނީ 22 ބިލު ކަމަށާއި އޭގެ ތެރެއިން 7 ބިލު މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް އޮފީހުގެ ގާނޫނީ ޓީމުން ބުނެފިއެވެ.

ރައީސް އޮފީހުން މިހެން ބުނެފައިވަނީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީީދު "ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލް" އާއި "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް" ނުލިބޭ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން "ރާއްޖެ އެމްވީ"އަށް މައުލުމާތު ދެމުން ބުނީ ސަރުކާރުން ހުށަހެޅީ ދެ ބިލު ކަމަށާއި މުހިންމު ބިލުތައް ނުލިބޭކަމަށް ދެއްކެވި ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ދެވަނަ ދައުރަށް 22 ބިލު ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން ހުށަހަޅާފައިވަނީ އެންމެ ދެ ބިލު ކަމަށާއި މުހިންމު ބިލުތަކެއް ހުށަނާޅާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ރައީސް އޮފީހުގެ ގާނޫނީ ޓީމުން ވިދާޅުވީ ހުށަހަޅަން ނިންމާފައިވަނީ 22 ބިލު ކަމަށާއި އޭގެ ތެރެއިން 7 ބިލް މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި "ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލް" އާއި "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް" އަށް ބަހުސް ކުރުމަށް ޓޯކިން ޕޮއިންޓް ހޯދުމަށް މަޖިލީހުން ރައީސް އޮފީހުގައި އެދިފައިވާ ކަމަށް ވެސް ބުންޏެވެ.

ރައީސް އޮފީހުން ބުނީ މީގެ ކުރިން ހުށަނާޅާ ބިލެއްގެ ޓޯކިން ޕޮއިންޓް ހޯދަން މަޖިލީހުން އެދިފައި ނުވާނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މި ދައުރުގައި މަޖިލީހަށް ހުށަހެޅި ބިލުތައް

  1. ކޯޓްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  2. ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  3. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  4. ދައުލަތުގެ މާލީއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  5. ކުނި ނައްތާލުމާއި މެނޭޖް ކުރުމުގެ ބިލް
  6. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  7. ދިވެހި ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

Advertisement
- ކޮމެންޓް