ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤުތިސާދީ ކާރިސާއާ ގުޅިގެން އެޤައުމަށް ބޭރުގެ އެހީ ހޯދައިދިނުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވުމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހަމަޖައްސަވާފައިވާއިރު، އެކަމާމެދު ލަންކާގެ ތެރޭގައި ގިނަ ބަހުސްތަކެއް ކުރެވެމުންދާކަމަށް ލަންކާގެ މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.
ލަންކާގެ އޮންލައިން ނޫހެއްކަމުގައިވާ ނިއުސްފަސްޓްގައި ވަނީ މަހިންދަ ރާޖަޕަކްސަގެ އާއިލާއިން ސޮނެވާފުށިން ވިލާއެއް ބައްލަވައިގަންނަން އުޅުއްވާކަން ކަށަވަރުވެފައިވާކަމަށް ރާއްޖޭގެ އޮންލައިން ނޫހެއްގައި ރިޕޯޓްކުރި ޚަބަރު ގެނެސްދީފައެވެ.
އަދި މެއި މަހުގެ 20 ވަނަ ދުވަހު ރައީސް ނަޝީދު ލަންކާއަށް ވަޑައިގެން ލަންކާގެ ކުރީގެ ބޮޑުވަޒީރު މައިތިރިޕާލާ ސިރިސޭނާއާ، އިދިކޮޅު ލީޑަރު ސާޖިތު ޕްރޭމްދާސް އާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ލަންކާއަށް އިންޑިޔާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާއި ބައްދަލުކުރެއްވިކަމަށް އެނޫހުގައި ވަނީ ރިޕޯޓްކޮށްފައެވެ. އަދި މެއި 21 ވަނަ ދުވަހު ނަމާލު ރާޖަޕަކްސަ އާއި ބައްދަލުކުރެއްވިކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ރާއްޖޭގެ އޮންލައިން ނޫހަކާ ހަވާލާދީ ރާޖަޕަކްސަ އާއި ރާޖަޕަކްސަގެ އާއިލާއަށް ލަންކާގެ މަސްރަހު ފިނިވަންދެން ރާއްޖޭގައި ތިއްބެވޭނެ ގޮތްތައް އިންތިޒާމުކޮށްދެއްވުމަށް ރާޖަޕަކްސަ އެދިވަޑައިގެންނެވިކަމަށް އެނޫހުގައި ވަނީ ރިޕޯޓްކޮށްފައެވެ. އަދި އިންޑިޔާ އާއެކު ރާޖަޕަކްސަގެ އާއިލާއަށް ރާއްޖެއިން ޕްރައިވެޓް ވިލާއެއް ގަނެދިނުމަށް 12 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދާފައިވާކަމަށްވެސް ރާއްޖޭގެ އޮންލައިން ނޫހުގައި ރިޕޯޓްކޮށްފައިވާކަމަށް ނިއުސްފަސްޓުގައި ބުނެފައިވެއެވެ. މީގެއިތުރުން ރާޖަޕަކްސަގެ އާއިލާ އާއި ސެކިޔުރިޓީންނަށް އެހެން ވިލާއެއް 3 މިލިއަން ޑޮލަރަށް ގަތުމަށްވެސް އެއްބަސްވުމަކަށް އައިސްފައިވާކަމަށް ނޫހުގައި ރިޕޯޓްކޮށްފައިވާކަމަށް ބުނެފައިވެއެވެ.
ނިއުސްފަސްޓުން ބުނީ މިކަންކަމާއި ގުޅިގެން ރައީސް ނަޝީދުގެ ބަހެއް ހޯދި ކަމަށެވެ. އަދި އެކަމާއި ގުޅިގެން ރައީސް ނަޝީދު ވަނީ އެވާހަކަތައް ދޮގުކުރައްވާފައިކަމަށާއި ރާޖަޕަކްސަ އާއި ރާޖަޕަކްސަގެ އާއިލާއަށް ރާއްޖޭގައި ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމުގައި އެއްވެސް ކަމެއް ނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިކަމަށެވެ. އަދި ރައީސް ނަޝީދުގެ ދައުރަކީ ހަމައެކަނި ލަންކާއަށް ބޭރުގެ މާލީ އެހީ ހޯއްދެވުމަށް އެހީތެރިވުމަށް ކުރައްވާ މަސައްކަތްޕުޅު ކަމަށް ވިދާޅުވިކަމަށެވެ.
ދެކެވެމުންދާ ވާހަކަތާއި ގުޅިގެން ނަމާލު ރާޖަޕަކްސަވެސް ވަނީ އެކަން ދޮގުކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.
އެޓްވީޓްގައި ނަމާލު ވިދާޅުވެފައިވަނީ ބައްޕާފުޅު މަހިންދަ ރާޖަޕަކްސަ ލަންކާ ދޫކުރައްވާ ވަޑައިގަތުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށާއި ރާއްޖެއަށް ބަދަލުވެވަޑައިގަތުމުގެ އަދި ރާއްޖެއިން ވިލާއެއް ބައްލަވައިގަތުމަށް އެއްވެސް ޕްލޭނެއް ނެތްކަމަށެވެ.
ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، ސޮނެވާފުށި ރިސޯޓުގެ ވިލާއެއް ބައްލަވައިގަތުމަށް ހުށަހަޅުއްވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެކުންފުނިންވެސް ވަނީ ދޮގުކޮށްފައެވެ. ސޮނެވާފުށިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް ސޮނެވާފުށިންގެ ވިލާއެއް ވިއްކުމަށް އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ. އަދި ސޮނެވާފުށީގެ ސީއީއޯ ސޯނޫ ޝިވްދަސާނީއާއެކު ސީދާ އަދި ނުސީދާ އެއްވެސް ވާހަކައެއްވެސް ދެކެވިފައި ނުވާކަމަށެވެ.