ކ. މާލެ
|
23 މެއި 2022 | ހޯމަ 16:46
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުން
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުން
ރައްޔިތުންގެ މަޖިލިސް
ޑަބްލިޔުޑީސީ
ޑަބްލިޔުޑީސީގެ ރައީސް ވަކިކުރާނެ ހަރުދަނާ އުސޫލެއް ހޯދަންޖެހޭ: ރޮޒެއިނާ
ޑަބްލިޔުޑީސީގެ ރައީސް ވަކިކުރާނެ ގޮތް ގާނޫނުގައެއް ނެތް

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ވަކިކުރާނެ ހަރުދަނާ އުސޫލެއް އޮންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ދިމާވާ ދަތިތަކާ ގުޅޭގޮތުންނާއި އެކޮމިޓީގެ މެންޑޭޓާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކަމާބެހޭ މުއައްސަސާތަކާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ހޯމަ ދުވަހު ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ، ޑަބްލިޔުޑީސީގެ ރައީސް ވަކިކުރާނެ ގޮތް ގާނޫނުގައި ނެތްކަމަށެވެ. އަދި އެ މަގާމުން ވަކިވާއިރު 1 މަސް ދުވަހުގެ ނޯޓިސް ދޭންޖެހޭ ކަމަށާއި، އެގޮތަށް އޮންނަންޖެހޭކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ބައެއް ފަހަރު ޑަބްލިޔުޑީސީގެ ރައީސުން މަސައްކަތަށް ނުނިކުމެގެން މެމްބަރުންނަށް މަސައްކަތް ނުކުރެވޭ ކަމަށެވެ. އެގޮތުން ބައްދަލުވުންތައް ނުބާއްވާ ތިބެންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ "ޕްރައިޒް ޑޭ" ފަދަ ހަރަކާތްތަކުގައި ފައިސާ ހޯދުމަށާއި އިނާމު ހޯދުމަށް ޑަބްލިޔުޑީސީގެ މެމްބަރުންގެ ކިބައިން އެދޭކަމަށާއި، އެމީހުންގެ މެންޑޭޓުގައި އެގޮތަށް ނޯންނާނެކަމަށެވެ. އެހެންކަމުން ސްކޫލްތަކުން އެގޮތަށް ނޭދުމަށް، އެންގުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދުމަށް އެލްޖީއޭގެ ކިބައިން ވަނީ އެދިފައެވެ.

ޑަބްލިޔުޑީސީއަކީ ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރަންޖެހޭ ބައެއް ކަމަށާއި، އެގޮތަށް ޕްރޮމޯޓް ކުރުން މުހިންމު ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފް ވިދާޅުވީ، އޮގަސްޓު މަހު ޑަބްލިޔުޑީސީގެ މެމްބަރުންނަށް ޓްރެއިނިންގ ޕްރޮގްރާމުތައް ހިންގުމަށް ނިންމާފައިވާކަމަށެވެ.  

އަދި އެ މަގާމުތަކަށް ކުރިމަތިލާނެ މީހުން ވެސް ގިނަފަހަރު ނުވާކަމަށާއި، މެމްބަރުން ގިނައިން އިސްތިއުފާ ދިނުމަކީ ވަރަށް އުނދަގޫ، އެ އޮތޯރިޓީގެ މަސައްކަތް ބުރަވާކަމެއް ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ. އަދި އެކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް