ކ. މާލެ
|
23 މެއި 2022 | ހޯމަ 12:09
މަޖިލީހުގެ ޖަލްސާގައި ޑރ. ހުސައިން ރަޝީދު ހަސަން ވާހަކަފުޅުދައްކަވަނީ
މަޖިލީހުގެ ޖަލްސާގައި ޑރ. ހުސައިން ރަޝީދު ހަސަން ވާހަކަފުޅުދައްކަވަނީ
މަޖިލިސް
ކޫއްޑޫ މަސް ޕްރޮސެސްކުރާ ފެކްޓްރީ
ކޫއްޑޫގައި މަސް ޕްރޮސެސްކުރާ ފެކްޓްރީއެއް ގާއިމުކުރުމަށް ސަރުކާރުން ޕްރޮޖެކްޓެއް ރާވާ ތަންފީޒުކުރަމުން ނުދޭ - ފިޝަރީޒް މިނިސްޓަރު
ސަރުކާރުގެ މަސްވެރިކަމުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ މަސްވެރިން ބާނާ މަސް ޕްރޮސެސްކޮށްގެން އެއަށް ލިބެން އޮތް އެންމެ މަތީ އަގެއް ހޯދައިދިނުން
މަސް ފިނިކޮށް، ގަނޑުކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ރޭވިފައިވާ މަޝްރޫއުތައް މިދަނީ ތަންފީޒުކުރަމުން

ކޫއްޑޫގައި މަސް ޕްރޮސެސްކުރާ ފެކްޓްރީއެއް ގާއިމްކުރުމަށް ސަރުކާރުން ޕްރޮޖެކްޓެއް ރާވާ ތަންފީޒުކުރަމުން ނުދާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހ ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި، ވަޒީރުންނާއި ސުވާލު ކުރުމުގެ ބައިގައި ވިލިނގިލި ދާއިރާގެ މެންބަރު ކުރެއްވި ސުވާލުގެ ޖަވާބު ދެއްވަމުން، ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ ކޫއްޑޫގައި ކޭނިންގެ ފެކްޓަރީއެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެގެންތޯ ކުރެއްވި ސުވާލުގެ ޖަވާބުގައި ދެންނެވޭނީ، ސަރުކާރުގެ މަސްވެރިކަމުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ މަސްވެރިން ބާނާ މަސް ތާޒާކޮށް ގަނެ ފިނިކޮށްގެން ނުވަތަ ފްރީޒްކޮށްގެން ނުވަތަ ތާޒާމަސް ޕްރޮސެސްކޮށްގެން އެއަށް ލިބެން އޮތް އެންމެ މަތީ އަގެއް ހޯދައިދެއްވުން ކަމަށެވެ.

އަދި މަސްވެރިން ބާނާ މަހަށް އެންމެ މަތީ އަގު ހޯދައިދިނުމަށްޓަކައި އެކަމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ބާނާ މަސް ބޯޓު ފަހަރުގައި ނުވަތަ ދޯނީގައި ތާޒާކަންމަތީ ބެހެއްޓޭނެ ގޮތެއް ނުވަތަ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.

"މަސްވެރިން ބާނާ މަސް ދޯނީގައި ތާޒާކަންމަތީ ބެހެއްޓުމަށްޓަކައި މަސް ފިނިކޮށް، ގަނޑުކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ރޭވިފައިވާ މަޝްރޫއުތައް މިދަނީ ތަންފީޒުކުރަމުން. މިގޮތުން މަސްވެރި އުޅަނދުގައި ލޮނުފެނުން މަސް ފިނުކުރާ ނިޒާމް، ރެފްރިޖެރޭޓް ސީ ވޯޓާ ސިސްޓަމް ގާއިމްކުރުމަށާއި، އިތުރު ރަށްރަށުގައި އައިސްޕްލާންޓް ގާއިމްކުރުމަށާއި، ގަންނަ މަސް ފްރީޒް ކުރުމަށާއި، ތާޒާކަންމަތީގައި ބެހެއްޓޭނެ ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމަށް ސައުދީ ޑިވަލަޕްމަންޓް ފަންޑާއި، އިންޑިއަން އެގްޒިމް ލައިން އޮފް ކްރެޑިޓްގެ އެހީގެ ދަށުން ސަރުކާރުން ބޮޑެތި މަޝްރޫއުތަކެއް މިހާރުވެސް ސަރުކާރުން ކުރިއަށް އެބަގެންދޭ"
ފިޝަރީޒް މިނިސްޓަރު ޑރ. ހ ޙުސައިން ރަޝީދު ޙަސަން

އަދި މަހަށް މަތީ އަގު ހޯދައި ދިނުމަށްޓަކައި ކުރަންޖެހިފައިވާ އެންމެ މުހިންމު އަނެއް މަސައްކަތަކީ މަތީ އަގު ލިބޭ އުފެއްދުންތައް އުފައްދާ އެތަކެތި މަތީ އަގު ލިބޭ މާކެޓްތަކަށް ފޮނުއްވުން ކަމަށެވެ. އެކަން ކުރުމަށްޓަކައި ވެސް މަސައްކަތްތަކެއް ކުރެވެމުން ދާ ކަމަށާއި، އޭގެ ތެރޭގައި އޭސީޕީގައި ރާއްޖެއިން ބައިވެރިވުމަށްޓަކައި ބޭނުންވާ ރުހުން ދާދިފަހުން ވަނީ މި މަޖިލީހުން ދެއްވާފައިވާތީ އެ ޖަމިއްޔާގައި ބައިވެރިވުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

ރާއްޖެއަށް މަސްބާނާ އެއް ސަރަހައްދަކީ ހުވަދޫއާއި އައްޑޫ ހިމެނޭ ސަރަހައްދުކަމަށްވާއިރު، އެސަރަހައްދުގައި މަސް ޕްރޮސެސްކުރާ ކާރުހާނާތައް ގާއިމްކޮށް ހިންގުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ ވިސްނުމެއް. މި ސަރަހައްދުގައި މިހާރު ހުރި ހަމައެކަނި މަސްގަނެ ފިނިކުރާ ފެސިލިޓީއާއި ފްރީޒްކުރި މަސް ގުދަން ކުރަން ބަހައްޓާ ކޯލްޑް ސްޓޯރޭޖް އެކަނި
ފިޝަރީޒް މިނިސްޓަރު ޑރ. ހ ޙުސައިން ރަޝީދު ޙަސަން

މިނިސްޓަރު ވިދާޅުވީ މަހުން މަތީ އަގު ލިބޭނެ އުފެއްދުންތައް އުފައްދާނެ އެއްވެސް ފެކްޓްރީއެއް ހުވަދޫ އައްޑޫ ސަރަހައްދުގައި ސަރުކާރުން އަދި ގާއިމްކޮށްފައި ނެތް ކަމަށެވެ. އަދި އައްޑޫ ސިޓީގައި އަމިއްލަ ފަރާތަކުން ހަދާފައިވާ ކުޑަ ކަޓްސްބްޝީ ފެކްޓްރީއެއް ފިޔަވައި އަމިއްލަ ފަރާތަކުން ހަދާފައި އޮތް ޕްރޮސެސް ފެކްޓްރީއެއް ދެކުނުގައި ނެތް ކަމަށެވެ.

އަދި ހުވަދޫ އައްޑޫ ހިމެނޭ ސަރަހައްދުގައި މަސް ޕްރޮސެސްކުރާ ކާރުހާނާއެއް ގާއިމްކޮށް ހިންގުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށްވާތީ ސަރުކާރުން އެސަރަހައްދަށް ހޯދަންޖެހޭ އިންވެސްޓްމަންޓް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ބޭރުގެ ބާޒާރުތަކަށް މަސް ވިއްކުމަށް ޕްރޮސެސްކުރާނެ ފެކްޓަރީއެއް އަޅާ ހާލަތުގައި ފެކްޓްރީއެއް އަޅާނީ ފެކްޓްރީއެއް އަޅަން ލިވޭ ޕްރޮޕޯސަލްތަކާއި، އެކަމަށް އިންވެސްޓްކުރާ ފަރާތްތަކުގެ ޝައުގުވެރިކަމާއި، އެހިސާބަކުން މަސް ގަންނަން ލިބޭ ވޮލިއުމް ފަދަ ވިޔަފާރިއާއި ގުޅޭ މުހިންމު ކަންކަމުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޫއްޑޫގައި މަސް ޕްރޮސެސްކުރާ ފެކްޓްރީއެއް ގާއިމްކުރުމަށް ސަރުކާރުން ޕްރޮޖެކްޓެއް ރާވާ ތަންފީޒުކުރަމުން ނުދާ ކަމަށެވެ.

- ކޮމެންޓް