ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ގެކޮޅަށް ސްޕްރޭޖަހައި ގެއްލުން ދިން މީހާ ޝަރުތުތަކާއެކު ދޫކޮށްލައިފިއެވެ.
ހޯމަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ކުރިން ދީފައެވެ.
ނަމަވެސް ހޮނިހިރު ދުވަހު އެމީހާ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އޭނާ ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ހ. ދޫވެހީގެ އިތުރުން ޕީޕީއެމްގެ އޮފީހަށް ވެސް ވަނީ ސްޕްރޭ ކޮށްފައެވެ. އެމަނިކުފާނުގެ ގެކޮޅަށް ސްޕްރޭ ޖަހާފައިވަނީ އެމަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލައެވެ.
ރައީސް ޔާމީން ހައްޔަރުކުރަން ގޮވާލައި ބަޔަކު އެމަނިކުފާނުގެ ގެކޮޅަށް ސްޕްރޭކޮށްފައިވާއިރު ޕީޕީއެމް އިން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅުވައިގެން ބަޔަކު ދަނީ އެކި ތަންތަނުގައި ސްޕްރޭ ކުރަމުންނެވެ. މި މައްސަލަވެސް ފުލުހުން ދަނީ ބަލަމުންނެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
